ޗެމްޕިއަންސް ލީގް

ގާޑިއޯލާއަށް ޔޫރަޕްގައި އަނެއްކާވެސް ނާކާމިޔާބު

ޓޮޓެންހަމްހޮޓްސްޕާސް އާ ދެކޮޅަށް، ނާކާމިޔާބުވެ، ޗެމްޕިއަންސް ލީގް ހޯދަން މެންޗެސްޓާ ސިޓީގެ ކޯޗް ޖޯސެފް ޕެޕް ގާޑިއޯލާ ކުރި އުންމީދު އަނެއްކާވެސް ނާކާމިޔާބު ވެއްޖެ އެވެ.

ކްއާޓާ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި، ރޭ ޓޮޓެންހަމް އަތުން 4-3 ން މޮޅުވި ނަމަވެސް، އެގްރިގޭޓް ނަތީޖާ އެއްވަރުވެ، އަވޭގޯލްގެ ފައިދާއިން ސެމީ ފައިނަލަށް ދަތުރު ކުރީ ޓޮޓެންހަމް އެވެ. ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގް މެޗު ޓޮޓެންހަމް ކާމިޔާބު ކުރީ 1-0 ންނެވެ. ރޭގެ މެޗުގެ ނަތީޖާއިން އެއްވަރުވީ 4-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 11 މިނެޓްގައި ހަތަރު ލަނޑު ފެނިގެން ދިޔަ އެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ރަހީމް ސްޓާލިން ސިޓީއަށް ލިޑް ނަގައިދިނެވެ. ޓޮޓެންހަމްއިން ކުޅުނީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ހެރީ ކޭން ނެތި އެވެ. އޭނާއަށް ލިބުނު އަނިޔާއެއްގައި އޭނާ ހުރީ ކުޅުމުން ބޭރުގަ އެވެ. އެހެންނަމަވެސް އޭނާ ނެތް ކަމުގެ އަސަރެއް ޓޮޓެންހަމްއަށް ކުރިމަތި ނުވި އެވެ.

ސިޓީން ލީޑް ނެގިތާ ތިން މިނެޓް ތެރޭ، ހޮން މިއުންގް ސަން، ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަނެއްކާވެސް އޭގެ ތިން މިނެޓް ފަހުން އިތުރު ލަނޑެއް ސަން ކާމިޔާބު ކޮށް ޓޮޓެންހަމް ލީޑް ނަގައިދިނެވެ. ލީޑްގައި ޓޮޓެންހަމް އޮވެވުނީ މިނެޓެއް ހާއިރު އެވެ. މެޗުގެ 11 ވަނަ މިނެޓްގައި ބެނާޑޯ ސިލްވާ ސިޓީއަށް ނަތީޖާ ހަމަހަހަމަ ކޮށްދިނެވެ.

ސިޓީއަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ، ސްޓާލިން އާއި ސާޖިއޯ ކުން އަގުއޭރޯ ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެނާންޑޯ ޔޮރެންޓޭ އެވެ.

ޔޫރަޕްގައި، ގާޑިއޯލާއަށް އެންމެ ފަހުން ކާމިޔާބު ހޯދުނީ، ބާސެލޯނާގައި 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގް އޭނާއަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ސެމީ ފައިނަލުން ޖާގަ ހޯދި، އެންމެ ފަހުގެ ރަނަރަފް ލިވަޕޫލުން ވަނީ ޕޯޓޯ އާ ދެކޮޅަށް ކުޅުނު މެޗު 4-1 ން ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކުރީ ސެޑިއޯ މާނޭ، މުހައްމަދު ސަލާހް، ރޮބާޓޯ ފިރުމީނޯ އަދި ޑިފެންޑަރު ވެންޑައިކް އެވެ. ޕޯޓޯގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އެޑާ މިލީޓޯ އެވެ.

ސެމީ ފައިނަލުގައި، ލިވަޕޫލް ވާދަ ކުރާނީ ބާސެލޯނާއާ ދެކޮޅަށެވެ. އެ ދެ ޓީމުވެސް ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޓޮޓެންހަމް ނިކުންނާނީ މުބާރާޓް ހަތަރު ފަހަރު ހޯދާފައިވާ އަޔެކްސްއާ ދެކޮޅަށެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުތައް ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ދެ ވަަނަ ލެގް މެޗުތައް ކުޅެނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ޖޫން މަހުގެ އެއް ވަނަ ދުވަހު އެވެ. މިފަހަރުގެ ފައިނަލު މެޗު އޮންނާނީ، އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގަ އެވެ.