ޗެމްޕިއަންސް ލީގް

ލިވަޕޫލާއި ސިޓީއަށް މޮޅު، އިންޓަ ސަލާމަތްވީ ކިރިޔާ

ޗެމްޕިއަންސް ލީގްގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެ ދެ ޓީމު މޮޅުވެއްޖެ އެވެ.

އަޔެކްސް އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން މޮޅުވީ 1-0 ންނެވެ. ޕޯޓޯ އާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކާމިޔާބު ހޯދީ 3-1 ންނެވެ.

ބުރޫޝިއާ މެންޗެންގްލެޖްބާކް އަތުން ބަލިވާން ދިޔަ އިންޓަ މިލާން ފަހު ވަގުތު އެއްވަރުވީ ރޮމެލޫ ލުކާކޫ ކާމިޔާބު ކުރި ލަނޑުންނެވެ. އިންޓަގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ އެ ޓީމުންނެވެ. އެ ލަނޑު ވެސް ކާމިޔާބު ކުރީ ލުކާކޫ އެވެ. ގްލެޖްބާކް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި ރަމީ ބެންސްބައިނީ އެވެ. މެޗުގެ 84 ވަނަ މިނެޓްގައި ޖޯނަސް ހޮފްމަން ވަނީ ގްލެޖްބާކްއަށް ލީޑް ނަގައިދީފަ އެވެ. އިންޓައަށް ލުކާކޫ ނަތީޖާ ހަމަހަމަ ކޮށްދިނީ 90 ވަނަ މިނެޓްގަ އެވެ.

އަޔެކްސްގެ ދަނޑޫގައި ކުޅުނު މެޗުގައި ލިވަޕޫލް މޮޅުވި ލަނޑަކީ އަޔެކްސްގެ ޑިފެންޑަރު ނިކޮލަސް ޓަގްލިއަފިކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީ އާއި ޕޯޓޯގެ މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ޕޯޓޯއިންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ލުއިސް ޑިއަޒް އެވެ. އޭގެ ހަ މިނެޓް ފަހުން ސިޓީއަށް ލިބުނު ޕެނަލްޓީ އެއްގައި ސާޖިއޯ ކުން އަގުއޭރޯ ވަނީ އެ ޓީމަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ. ސިޓީން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމަށް ލީޑް ނަގައި ދިނީ ލިބުނު ހިލޭ ޖެހުމަކުން އިލްކޭ ގުންޑޯގަން އެވެ. މެޗުގެ 73 ވަނަ މިނެޓްގައި ފެރާން ޓޯރޭޒް ވަނީ ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.