މެދުކަނޑާލި އުރީދޫ ދިވެހި ޕްރެމިއާ ލީގު އަލުން ފަށައި މިރޭ މަހިބަދޫގެ މައްޗަށް 3-0 އިން ޓީސީ ކުރި ހޯދައިފި އެވެ.
މި މެޗުގައި ޓީސީ އަށް ގޯލު ޖަހައިދިނީ އަލީ ނާފިއު (ކަޅޭ) އާއި ނާއިޒް ހަސަން އަދި އަހުމަދު ރިލްވާނެ އެވެ. ދަނޑުގެ ބޮކިދަނޑިތައް ރަނގަޅަށް ދިއްލޭގޮތްނުވުމުން މެޗު ފަށަން އޮތް ގަޑިއަށްވުރެ ބައިގަޑިއިރު ފަހުން ފެށި މެޗުގެ ފުރަތަމަ ލަނޑު ކަޅޭ ޖެހީ ހަ ވަނަ މިނިޓްގަ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ނާއިޒް ލީޑު ފުޅާކޮށްދިނެވެ. ފަހު ލަނޑު ޖެހީ 60 ވަނަ މިނިޓްގަ އެވެ.
އެންމެ ޕޮއިންޓަކާއެކު ލީގުގެ ފުލުގައި އޮތް މަހިބަދޫ އަތުން ލިބުނު މޮޅާއެކު ޓީސީ ވަނީ ޓޭބަލުގެ ދެ ވަނާގަ އެވެ. އެހެން ޓީމުތަކަށްވުތެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށް މިހާރު ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. މިއީ އެއްވަނާގައިވާ ނިއު އަށްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ވަރަށް މުހިންމު މޮޅެއް ކަމަށާއި މާޒިޔާއާ ދެކޮޅަށް މަހިބަދޫ އެއްވަރުކުރުމުން މި މެޗަށް އޭނާގެ ކުޅުންތެރިން ދިން ސީރިއަސްކަން ބޮޑު ކަމަށެވެ.
ލީގުގައި މާދަމާ ރޭ ދޫކޮށް އަންގާރަ ދުވަހުގެ ރޭ ކުޅޭނީ ވެލެންސިއާ އާއި ބީޖީ އެވެ. ވެލެންސިއާ އޮތީ ހަތް ވަނާގަ އެވެ. ބީޖީ އޮތީ ފަސް ވަނާގަ އެވެ.