ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރަން އުޅުމުން ޕެރޫގެ ކުރީގެ ރައީސް އަލަން ގާޝިއާ އަމިއްލަފުޅަށް ބޮލަށް ބަޑި ޖަހައި މަރުވެއްޖެ އެވެ.
ޕެރޫގެ އިންޓާނަލް އެފެެއާޒް މިނިސްޓަރު ކާލޮސް މޮރާން ނޫސްވެރިންނަށް އެ މައުލޫމާތު ދެއްވަމުން ވިދާޅުވަނީ ރައީސް ގާޝިއާ ހައްޔަރު ކުރަން ފުލުހުން އެ ގެއަށް ފޮނުވުމުން އެ މަނިކުފާނު އެދިލެއްވީ ފޯނުކޯލެއް ކުރައްވަން ވަގުތުކޮޅެއް ދެއްވުމަށް ކަމަށެވެ.
އަދި ވިދާޅުވީ ފޯނު ކޯލް ކުރައްވަން ކަމަށް ވިދާޅުވެ ކޮޓަރިކޮޅަށް ވަދެވަޑައިގެން ދޮރުލެއްޕެވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބަޑީގެ އަޑު އިވުނު ކަމަށާއި ފުލުހުން ގަދަކަމުން ކޮޓަރިއަށް ވަދެ ބެލިއިރު ފެނުނީ ގޮނޑިއެއްގައި އިންނަވައިގެން ރައީސް ގާޝިއާ އަމިއްލަފުޅަށް ބޮލަށް ބަޑި ޖައްސަވައި އަވަހާރަވެފައި ވަނިކޮށް ކަމަށެވެ.
އޭގެ ފަހުން ރައީސް ގާސިއާ، ލީމާ ގައި ހުންނަ ކަސިމިރޯ އުއްލޯ ހޮސްޕިޓަލަށް ގެންދެވުނެވެ. އެ މަނިކުފާނަށް ތާއީދު ކުރާ އެތައް ބަޔަކު އެ ހޮސްޕިޓަލް ކައިރިއަށް ޖަމާވި އެވެ. ރައީސް ގާސިއާ އަވަހާރަވެފައިވާކަން ޕެރޫގެ މިހާރުގެ ރައީސް މާޓިން ވިޒްކައްރާ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
މޭ 23، 1949 ގައި އުފަންވެފައިވާ ގާޝިއާ ޕެރޫގައި އެންމެ ފުރަތަމަ ވެރިކަން ކުަރައްވާފައި ވަނީ 1985 އިން 1990 އަށް ޕެރޫގެ އެންމެ އުމުރުން ހަގު ރައީސްގެ ގޮތުގަ އެވެ. އޭގެ ފަހުން އެ މަނިކުފާނު ވަނީ 2006 އިން 2011 އަށް ވެރިކަން ކުރައްވާފަ އެވެ.
ގާޝިއާގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ނެގިކަމުގެ ތުހުމަތަށް ވަނީ އިންކާރު ކުރައްވާފަ އެވެ. އަދި އެ އުރުގުއޭއިން ހިމާޔަތް ހޯއްދަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވާއިރު ގާޝިއާ ވިދާޅުވަމުން ގެންދެވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ރޭވުމެއް ކަމަށެވެ.