ޕޭރޫގެ ކޮންގްރެސް އިން އެ ގައުމުގެ ރައީސް މާޓިން ވިޒްކަރާ ވެރިކަމުން އަޒުލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތަކީ އަހުލާގީ ގޮތުން ވެރިކަން ކުރުމަށް ނާގާބިލުވުމެވެ. މިގޮތުން ރައީސް ވިޒްކަރާ މައްޗައް ތުހުމަތު ކުރެވިފައި ވަނީ ގަވާއިދާއި ހިލާފަށް ގާތްގަނޑަކަށް 50،000 ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓެއް ލަވަކިޔުންތެރިއަކަށް ދިނުމުގައި އެމަނިކުފާނުގެ ދައުރެއް އޮވެ އެކަން ތަހުގީގު ކުރުމަށް ހުރަސް އެޅުއްވުމުގެ ކުށެވެ.
ހުކުރު ދުވަހު ރަސްމީކޮށް ކޮންގްރެސް އަށް ރައީސް ވިޒްކަރާ މަގާމުން ދުރު ކުރުމަށް ހުށައެޅި ގަރާރު ފާސް ކޮށްފައި ވަނީ 65 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އެ ގަރާރާއި ދެކޮޅަށް ވޯޓު ދެއްވީ 36 މެމްބަރުންނެވެ. އަދި 24 މެމްބަރުން ވަކިއަތަކަށް ވޯޓު ނުދެއްވަ އެވެ.
ސަތޭކަ ތިރީސްް މެމްބަރުނެގެ ކޮންގްރެސްގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ފަންސާސް ދެ ވޯޓު ބޭނުންވެ އެވެ. އަދި ރައީސް ވެރިަކަމުން އަޒުލް ކުރުމަށް އައްޑިހަ ހަ ވޯޓު ބޭނުން ވެއެވެ. ކޮންގްރެސް ގައި ހިމެނޭ ނުވަ ޕާޓީގެ ތެރެއިން ހަ ޕާޓީ އިން މިގަރާރައް ތާއީދު ކުރިއެވެ. މިހަ ޕާޓީން ކޮންގްރެސް ގެ 130 ގޮނޑީގެ ތެރެއިން 95 ގޮނޑި ކޮންޓްރޯލް ކުރެ އެވެ.
މި މައްސަލައިގެ ސަބަބުން ޕޭރޫ އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ދާނެ އެވެ. ޕެރޫ އަކީ މިހާރު ވެސް ކޯރޯނާ ބަލާއާފާތް އެންމެ ބޮޑަށް ފެތުރިފައިވާ އެއްގައުމަށް ވެފައި މި އަހަރުގެ ދެވަނަ ކުއާޓާގައި ޖީޑީޕީ ވަނީ 30 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ރައީސް ވިޒްކަރާ ޕެރޫ ގެ ރައީސްކަމާއި ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރު އެވެ. އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ގައި ވެސް އެމަނިކުފާނު ވެރިކަން ކުރެއްވުމަށް ނާގާބިލުކަމަށް ބުނެ ވެރިކަމުން އަޒުލް ކުރުމުގެ މަސައްކަތް ކުރެވުނެވެ. ނަމަވެސް އެ ފަހަރު ކޮންގްރެސް އުވާލައްވައިގެން ވެރިކަމުން އަޒުލް ކުރުމުގެ ކަންތަކުން ސަލާމަތްވެވަޑައިގަތެވެ.
މި ފަހަރު ރައީސާ ދެކޮޅަށް މައްސަލަ ހިލުނީ އިދިކޮޅު މެމްބަރެއް ކޮންގްރެސްއަށް ރައީސް ގެ ތިން އޯޑިއޯ ރެކޯޑިން އެއް ހުށައެޅުއްވުމާއި ގުޅިގެނެވެ. އެ އޯޑިއޯ ރެކޯޑިންގައި ރައީސް ވަނީ ގަވާއިދާއި ހިލާފަށް ސަރުކާރުގެ ކޮންޓްރެކްޓެއް ދިން ލަވަކިޔުންތެރިއެއް ކަމަށްވާ ރިޗަޑް ސިސްނޭރޯ ޢާއި ދެ ފަހަރު ބައްދަލުކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނުގެ އެހީތެރިން މެދުވެރިކުރައްވައި އެ މައްސަލަ އޮއްބާލަން މަސައްކަތް ކުރެއްވިކަން ވެސް ވީޑިއޯ ތަކުން ހާމަވި އެވެ ސިސްނޭރޯ އަށް 49500 ޑޮލަރުގެ ސަރުކާރު ޕްރްޖެކްޓެއް ދިން މައްސަލަައިގައި ރައީސް ވިޒްކަރާ އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕޭރޫ ގެ ރިއާސި އިންތިހާބު އޮންނާނީ އަންނަ އަހަރު އެވެ. އެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް ވިޒްކަރާ ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.