ދުނިޔެ

ވޯޓުން ޕޭރޫގެ ރައީސް އަޒުލު ކުރެވޭ ގޮތެއް ނުވި

ޕޭރޫގެ ރައީސް މާޓިން ވިޒްކަރާ ވެރިކަމުން އަޒުލް ކުރަން ނެގި އިތުރާބާރު ނެތް ކަމުގެ ވޯޓުން އެ މަނިކުފާނު ސަލާމަތް ވެވަޑައިގެންފި އެވެ.

އެމަނިކުފާނު ވެރިކަމުން އަޒުލު ކުރުމުގެ ވޯޓުން ސަލާމަތްވެ ވަޑައިގަތީ އިދު ކޮޅު ޕާޓީ ތަކުން އެކަމަށް އެކަށީގެންވާ އެއެްބާރުލުމެއް ނުލިބުމުންނެވެ. ޕޭރޫގެ ކޮންގްރެސް އިން ވަނީ ރައީސް ވިޒްކަަރާ މަގާމުން ދުރުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށާފަ އެވެ. އެމަނިކުފާނު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފެށީ ވެރިކަން ކުރައްވަން ނަގާބިލު ބޭފުޅެއް ކަމަށް ބަލައިގެނެވެ.

ކޮންގްރެސް ގައި ބޭއްވި ބަހުސް 10 ގަޑި އިރަށް ދިގު ދެމިގެން ދިޔަ އެވެ. ރައީސް ވިޒްކަރާ ވެރިކަމުން ދުރު ކުރުމަށް ލިބުނީ 32 ވޯޓެވެ. ވިޒްކަރާ އާއި އެއްކޮޅަށް 78 ވޯޓު ދިޔައިރު 15 މެމްބަރަކު ވަކިފަރާތަކަށް ވޯޓު ނުދެއްވަ އެވެ. ރައީސް ވެރިކަމުން ދުރު ކުރަން ބޭނުންވަނީ ކޮންގްރެސްގެ 130 ވޯޓުގެ ތެރެއިން 87 ވޯޓެވެ.

ކޮންގްރެސް ގައި ބޭއްވި ބަހުސްގައި ގިނަ މެންބަރުންތަކެއް ވަނީ ވިޒްކަރާއާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެކަމަކު އެބޭފުޅުން ވިދާޅުވީ ގައުމަށް ސިއްހީ ގޮތުންނާއި އިގްތިސޯދީ ގޮތުން ހީނަރުކަން ދިމާވެފައިވާ ނާޒުކު ދަނޑިވަޅުގައި އެހާ އަވަސް އަރުވައިލައިގެން ރައީސް ވެރިކަމުން ދުރު ކުރުމަކީ ގައުމަށް އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ރައީސް ވިޒްކަރާގެ ޕާޓީ އަށް ކޮންގްރެސް ގައި އެއްވެސް ގޮނޑި އެއް ލިބިފައި ނުވެއެވެ. ހުކުރު ދުވަހު ކޮންގްރެސް އާއި މުހާތަބު ކުރައްވައި 20 މިނިޓް ގެ ތަގުރީރެއް ވެސް ދެއްވިއެވެ އެ ތަގްރީރުގައި އެމަނިކުފާނު ވާހަކަފުޅުގު ރާގު ހުރީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހަނދާން ނައްތަާލައިގެން ނުވާނެ ކަމަށާއި އެއްވެސް ކަމެއް ފޮރުވާފައި ނުވާނެ ކަމަށެވެ. އަދި ގާއިދާއި ހިލާފު އެއްވެސް ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

ރައީސް ވިޒްކަރާ ގެ މައްޗަށް ތުހުމަތު ކުރެވިފަނީ މިނިސްޓްރީ އޮފް ކަލްޗާ އިން ވިޒްކަރާއި ގުޅުން އޮންނަ މިއުޒިކް ކުޅުންތެރިއަކަށް ގަވާއިދާއި ހިލާފަށް 50000 ޑޮލަރުގެ ކޮންޓްރެކްޓް އެއް ދިން މައްސަލައެކެވެ. ޕާލަމެންޓުގެ މެމްބަރަކު ވަނީ ވިޒްކަރާ މިއުޒިކް ކުޅުންތެރިއާ ޢާއި ބައްދަލު ކުރެއްވި ކަމަށް އެއްބަސްވެ ވަޑައިގެން އެކަން ހިންދާލައްވަން އެމަނިކުފާނުގެ ދެ އެހީތެރިންނާއެކު ދެއްކެއްވޮ ވާހަކަފުޅުގެ އޯޑިއޯ އެއް ލީކް ކޮށްލައްވާފަ އެވެ.