ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ބަޔަކު ބަހަކަށް ދިން ނުރައްކާތެރި ހަމަލައެއްގައި 14 މީހުން މަރާލައިފި އެވެ.
ބަޑި ޖަހާ މަާރާލާފައިވާ މީހުންގެ ހަށިގަނޑުތައް ބެލި ޕާކިސްތާން ސަރުކާރުގެ ހެލްތު އޮފިޝަލަކު އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ވިދާޅުވީ އެންމެންގެ ގަޔަށްވެސް ވަނީ ބަޑި ޖަހާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ބޮލަށް ބަޑިޖަހާ މަރާލާފައި ތިބި މީހުން ނެވެ.
ބަލޯޗިސްތާން ޕްރޮވިންސްގެ ހޯމް ސެކްރެޓަރީ ހައިދަރު އަލީ ވިދާޅުވި ގޮތުގައި ކަރާޗީއިން ގްވާދަރު ޕޯޓް ސިޓީއަށް މަކްރަން ހައިވޭގައި ދަތުރުކުރަމުން އައި ބަސް ހައިޖެކް ކޮށްފައިވަނީ އެ ގައުމުގެ ޕެރަމިލިޓަރީ ފްރަންޓިއާ ކޯޕްސްގެ ޔުނީފޯމް އަޅައި މޫނު ނިވާކޮށްގެން ތިބި ބައެކެވެ.
ގުވާދަރްގެ 300 ކިލޯމީޓަރު ދުރުން އޮރްމޮރޯ އަވަށާ ގާތްގަނޑަކަށް 60 ކިލޯމީޓަރު ކައިރީގައި ވަނިކޮށް ބަޑި ހިަފއިގެން ތިބި މީހުން ވަނީ ބަސް ހައިޖެކް ކޮށްފަ އެވެ. އަދި ބަހުގައި ތިބި އެންމެން ބަހުން ބޭލުމަށް ފަހު އެ އެންމެންގެ ގަޔަށް ބަޑި ޖެހީ އެވެ.
ބަލޮޗްގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޯޗީ ރާޖީ އާއޯޖީ ސަންގަރު (ބީއާރްއޭސް) އިން އީމޭލް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި މި ހަމަލާގެ ޒިންމނީ ނަގާފައި ވެއެވެ.
"މަރާލި އެންމެންގެ އަތުގައި ވެސް ޕާކިސްތާން ނޭވީގެ އައިޑީ ކާޑް އޮތް. އެމީހުން މަރާލާފައިވަނީ އެ މީހުން އެއީ ކޮން ބައެއްތޯ ބެލުމަށްފަހު،" އެ ޖަމާއަތުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ބަހުގައި ތިބި މީހުންގެ ތެރެއިން ފިލައިގެން ސަލާމަތް ވެވުނު ދެ މީހަކަށް އޮރްމަރާ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ޕާކިސތާނުގެ އެންމެ ބޮޑު ނޫސް ގައި ރިޕޯޓްކޮށްފައި ވެއެވެ.