ދުނިޔެ

އިންޑިއާ އިންތިހާބުގެ ދެވަނަ ފޭސް ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު އިންތިހާބު ކަމަށްވާ އިންޑިއާގެ ލޮކްޝަބާ އިންތިހާބުގެ ދެވަނަ ފިޔަވަހީގައި މިއަދު އެ ގައުމުގައި ވޯޓުލުން ކުރިޔަށް އެބަދެ އެވެ.

ޖުމްލަ 11 ސްޓޭޓް އަދި އެއް ޔޫނިއަނުން މި އިންތިހާބުގެ ދެވަނަ ފިޔަވަހީގައި 95 ގޮންޑިއަކަށް ވާދަ ކުރާނެ އެވެ. ވޯޓުލުން އޮންނާނީ ހެނދުނު 7:00 އިން އިރުއޮއްސި 6:00 އަށެވެ.

ދެވަނަ ފޭސްގައި ވޯޓުލާ ސަރަހައްދުތަކުގެ ތެރޭގައި އައްސާމާއި ބިހާރާއި ޖަންމު އަދި ކަޝްމީރާއި ކަރްނަޓަކާ، އާއި މަހަރަޝްތުރާ، މަނީޕޫރް، އޮޑީޝާ އާއި ޓަމިލްނާޑޫ، އުއްތަރު ޕްރަދޭޝް، ބެންގާލް އަދި ޗައްތިސްގަރް ގެ އިތުރުން ޔޫނިއަން ސަރަހައްދެއް ކަމަށްވާ ޕުޑުޗެރީ ހިމެނެ އެެވެ.

މި ފަހަރުގެ 95 ގޮނޑިއަށް އެކި ޕާޓީތަކުން ގާތްގަނޑަކަށް 1600 ބޭފުޅުން ވާދަ ކުރައްވާ އިރު އޭގެތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު ދޭވޭ ގައުޑާ އާއި ކުރީގެ މަޝްހޫރު އެކްޓްރެސް ބީޖޭޕީގެ ހެމާ މާލިނީ އާއި ކޮންގްރެސް ލީޑަރު ވީރައްޕަ މޮއިލީ އަދި ރަޖްޔާ ޝަބާގެ ގާނުނުހަދާ މަޖިލީހުގެ ކަނިމޮޒީގެ އިތުރުން އުއްތަރު ޕްރަދޭޝް ގެ ކޮންގްރެސް ވެރިޔާ ކުރީގެ އެކްޓަރު ރާޖް ބައްބަރު އަދި ނެޝަނަލް ކޮންގްރެސް ގެ ރައީސް ފާރޫގް އަބްދުއްﷲ ފާހަގަކޮށްލެވެ އެވެ.

އިންޑިއާގެ ލޮކްޝަބާ އިންތިހާބަކީ 7 ބަޔަކަށް ބަހާލެވިގެން ކުރިއަށްދާ އިންތިހާބެކެވެ.

އެޕްރިލް 11 ގައި ބާއްވާފައިވާ އިންތިހާބުގެ ފުރަތަމަ ފޭސްގައި 11 ސަރަހައްދަކުން 91 ގޮނޑިއަށް ވާދަކޮށްފައި ވާއިރު ވޯޓުލާން ގޮސްފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 69.43 ޕަސެންޓް ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިންތިހާބުގައި ވޯޓުލާ ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޕްރިލް މަހުގެ 11، 18، 23 އަދި 29 ވަނަ ދުވަހުގެ އިތުރުން މެއި މަހުގެ 6، 12 އަދި 19 ވަނަ ދުވަހެވެ.

އިންތިހާބުގެ ދެވަނަ ފޭސްގައި ކުރިން 97 ގޮނޑިއަކަށް ވޯޓުލާން ހަމަޖެހިފައިވި ނަމަވެސް ޓަމިލްނާޑޫ ގެ ވެއްލޯރުން އިލެކްޝަން ކޮމިޝަން ރިޝްވަތުގެ ފައިސާތަކެއް އަތުލައިގަތުމާއި ގުޅިގެން ވެއްލޯރުގައި ވޯޓުލުން ވަނީ ކެންސަލް ކޮށްފަ އެވެ.

އިރުމަތީ ތުރިޕުރާ ސަރަހައްދުގައި ހަމަނުޖެހުން އުފެދިފައި ވުމުގެ ސަބަބުން މިއަދު އެސަރަހައްދުން ވޯޓުލުމަށް ހަމަޖެހިފައިވާ ގޮނޑީގެ ވޯޓުލުން ވަނީ އެޕްރިލް 23 އަށް ލަސްކޮށްފަ އެވެ.

އިންޑިއާގެ އިންތިހާބުގައި އެކި ޕާޓީތަކުން ވާދަ ކުރިނަމަވެސް ސަރުކާރެއްގެ އުފެއްދުމުގެ ގާބިލްކަން ލިބިފައިވަނީ އެންމެ ކުރީގައި އުޅުއްވާ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަދި ރާހުލް ގާންދީ ގެ ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސް އަށެވެ.

މިހެން ވުމުން އެހެން ހުރިހާ ޕާޓީތަކުން ދަނީ މި ދެ ޕާޓީއާއެކު ކޯލިޝަން ހަދަމުން ނެވެ.