ހަބަރު

ޑައިވިން ކޯހުގެ ބެޖް ހަވާލުކުރީ ކަނޑު އަޑީގައި

Apr 18, 2019

ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯސްގެ ދަސްވެނިންނަށް ކަނޑު އަޑީގައި ބެޖް ހަވާލުކޮށްފި އެވެ.

ކަނޑު އަޑީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ބެޖް ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

އެ ރަސްމިއްޔާތަށްފަހު ދަސްވެނިވުމުގެ ރަސްމިއްޔާތު ގިރިފުށީގައި ބާއްވާފައިވެ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލ.ކޯޕްރަލް އިޝާގް ރަޝީދެވެ. މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަގާމް އެމްޑީޔޫ ދެއެއް ގެ ލ.ކޯޕްރަލް މިފްތާހް އިބްރާހީމް ހޯދިއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ ލ.ކޯޕްރަލް ޗަތުރަންގާ އެލްއޭއެސްއެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލ.ކޯޕްރަލް ހަސަން އަލީއެވެ.

މި ކޯހުގައި ބައިވެރިންނަށް ހިސްޓްރީ އޮފް ޑައިވިން، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިން، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިން ކޮމިއުނިކޭޝަންސް، ޑައިވިން ޓޭބަލް، ޑައިވިން ސޭފްޓީ، ޑައިވިން ސާޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިން، ސްވިމިން، ޑައިވިން ސްކިލްސް، މިޝަން ޕްލޭނިން، ޑައިވިން ފަސްޓް އެއިޑް، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިން ވަނީ ކިޔަވަދީފަ އެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން އަށް ސިފައިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ ހަ ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.