ހަބަރު

އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓަކީ ނާދިރާ

Apr 18, 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭއިރު އެކަން އެންމެ ފުރަތަމަ ކުރެއްވީ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އައިމިނަތު ނާދިރާ އެވެ.

ނާދިރާ މިއަދު ވަނީ އޭނާގެ މާލީ ބަޔާން އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު ވާދަ ކުރެއްވި ނާދިރާއަށް އިންތިހާބުގައި ކުރިމަތިވީ ނާކާމިޔާާބެވެ.

އެންމެ ފުރަތަމަ މާލީ ހުށަހަޅުއްވައި ނަމޫނާ ދެއްކެވުމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވެސް ވަނީ ތައުރީފް ކުރައްވާފަ އެވެ. ހަބީބު ވިދާޅުވީ ނާދިރާއަކީ އިންތިހާބީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމުގައި، ނަމޫނާ ކެންޑިޑޭޓެއް ކަމަށެވެ.

އިންތިހާބު ނިމި، ނަތީޖާ އައުމާއެކު އެންމެ ފުރަތަމަ ކެމްޕެއިން ޕޯސްޓަރުތަކާއި ބެނާތައް ވެސް ނެގީ ނާދިރާ އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެ އެވެ.

އެ ރިޕޯޓުގައި އިންތިހާބުގައި ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހުށައަޅަން ޖެހޭނެ އެވެ. އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތާއި ކެންޑިޑޭޓުން އިންތިހާބަށް ބޭނުންކޮށްފައިވާ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓްތައް ވެސް ހިމަނަން ޖެހެ އެވެ.