ހަބަރު

މަޖިލިސް ރައީސްކަމާ ޖޭޕީ އުޅުމުގެ ބޭނުމެއް ނެތް: ރިޔާޒް

ގުޅިފައިވާ ޕާޓީތަކުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަން ލިބޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށާއި ނަމަވެސް އެ މަގާމް ހޯދަން މިހާރު ޖުމްހޫރީ ޕާޓީން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވާ އިރު މަޖިލިސް ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެމްޑީޕީގެ ފަސް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި މަޖިލިސް ރައީސްއަކަށް ހުންނަވާނީ ޖޭޕީގެ މެންބަރެއް ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމާ ގުޅިގެން ދެން އެ އެއްބަސްވުމަށް ވާނީ ކިހިނެތްތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ އެއްބަސްވުމަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީ ކަމަށެވެ. އަދި އެ ޕާޓީއަށް އެހާ ގިނަ ސީޓު ކާމިޔާބުވެފައި އޮތުމާއި މިހާރު ވެސް އެ ޕާޓީގެ ކެންޑިޑޭޓުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމަވާފައި ވަނިކޮށް ޖޭޕީ އިން ވެސް ނުވަތަ އެހެން ޕާޓީއަކުން ވެސް އިތުރަށް އެ މަގާމް ހޯދުމުގެ ބޭނުމެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ޖޭޕީ އިން މަޖިލިސް ރައީސް ކަމަށް ކުރިމަތިލުމަށް ޕާޓީގެ ތެރޭގައި މަޝްވަރާ ވެސްކޮށްފައި ނުވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"[ޖޭޕީގެ] ފަސް މީހަކަށް މަޖިލީހުގެ މެޖޯރިޓީ ނެގޭނެ އެއްވެސް ގޮތެއް ނެތް، ސްޕީކާއަކަށް ލުމުގެ އެއްވެސް ބޭނުމެއް ވެސް ނެތް، އޭގައި އޮންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް ނަޝީދު، މެޖޯރިޓީ އެ ކޮންޓްރޯލް ކުރައްވާ އެ ދެ ބޭފުޅުން ވަަރަށް ސާފުކޮށް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ތެރެއިން ކަން ރައީސް ވެސް ނަައިބު ރައީސް ވެސް ހުށަހެޅިގެން ދާނީ އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އެހެން ޕާޓީއުން ވެސް ހުށާހަަޅައިގެން ކާމިޔާބު ވާނެ ކަމަކަށް،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ނާކާމިޔާބު ވުމުގައި އެތަށް ސަބަބެއް ހުރި ކަމަށާއި އެންމެ ބޮޑު ސަބަބަކީ ކޯލިޝަނެއްގެ ތެރޭގައި ވާދަ ނުކުރުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ޕީޕީއެމް / ޕީއެންސީއާއެކު މަސައްކަތް ކުރި ނަމަވެސް އެ ޕާޓީގެ ތެރެއިން ވެސް ގިނަ ބަޔަކު ދިޔައީ ޖޭޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން ރައީސް އަބްދުﷲ ޔާމީން ވެސް ސީދާ ޖޭޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ ޕީޕީއެމް އިން އަޅުގަނޑުމެންނަށް އެންޑޯޒްކޮށްފައިވެސް އެންޑޯޒް ކުރި ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ، ޕީޕީއެމްގެ އެންމެ އިސް ބޭފުޅުންވެސް އެންމެ އިސް ރައީސް ވެސް ރައީސް ޔާމީން ވެސް ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ، ހުދު އަޅުގަނޑާ ދެކޮޅަށް ވެސް މަސައްކަތް ކުރި،" ރިޔާޒް ވިދާޅުވި އެވެ.