ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ރިޔާޒު މިއަދު ވަނީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް ސިޓީއަކުން އެކަން އަންގަވާފައެވެ. ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ނިންމަވާފައިވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ކަމަށެވެ.
"މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ އޭނާގެ އެކުވެރި ކުރީގެ ޑިފެންސް ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް މެންބަރުންވެސް ހަމަކޮށްފައިވަނިކޮށެވެ. ޕާޓީ އުފެއްދެވުމުގައި ނާޒިމްއަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާ ބޭފުޅަކީ ރިޔާޒެވެ.
ރިޔާޒު މި ފަހުން ޖޭޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެއްވެސް ނުވެއެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ޖޭޕީއާމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަންވެސް ހާމަކުރައްވާފައެވެ.
ނާޒިމް އާއި ރިޔާޒަކީވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގަައި މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ދެ މެންބަރުންނެވެ. އެ ދެ މެންބަރުންގެ އިތުރުން ދެން އެ ޕާޓީގައި ތިއްބެވީ ގާސިމް އިބްރާހިމް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ. ނާޒިމް އާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ މަޖިލީސް މެންބަރުންގެ އަދަދު ތިނަކަށް ވެއްޓޭނެއެވެ.