ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުން މަޖިލީހަށް ވާދަ ނުކުރެވޭ ގޮތް ހަދަން ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ނަގަން އަންގާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.
އެކަމާ ގުޅިގެން ޖޭޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އަބުދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަތީފް އެ ބިލް ހުށަހެޅުއްވެވީ ޖޮއިންޓް ޕާލިއަމަންޓް ގްރޫޕްގައި މަޝްވަރާ ކުރުމެއްނެތި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭ ކަމަށާއި އެބިލް އަނބުރާ ނަގަން ލަތީފަށް ދަންނަވާފައިވާ ކަމަށެވެ.
އެފަދަ އިސްލާހެއް ލަތީފް މަޖިލީހަށް ހުށަހެޅުއްވި އިރު އަންނަ އެޕްރީލް މަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މަޖިލީހަށް ވާދަ ކުރައްވާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. ރައީސް ޔާމީން ވެސް ވިދާޅުވެފައި ވަނީ އެކަމާ އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސުންނާއި މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.