ދުނިޔެ

އުތުރު ކޮރެއާގެ އެމްބަސީއަށް ވަން މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

މެޑްރިޑުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީއަށް ބަޔަކު ގަދަކަމުން ވަދެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ފުރަތަމަ މީހާއަކީ އެމެރިކާގެ ކުރީގެ ސިފައިންގެ މީހެކެވެ.

ވޮޝިންޓަން ޕޯސްޓް ނޫހުން ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ގަދަކަމުން ވަދެގެންފަ އެވެ.

މި މައްސަލައާއި ގުޅިގެން އުތުރު ކޮރެއާ ސަރުކާރާއި އިދިކޮޅު "ފްރީ ޖޯޒޮން" ގްރޫޕް ގެ މެމްބަރެއް ކަމަށްވާ ކްރިސްޓޮފާ އާން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި ގްރޫޕް އެމްބަސީއަށް ގަދަކަމުން ވަދެ އެތަނުގައި ތިބި މުވައްޒަފުންނަށް ބިރު ދައްކާ ރަޙީނު ކުރުމަށް ފަހު، އެމްބަސީގެ ބައެއް ކޮމްޕިއުޓަރާއި ހާޑް ޑްރައިވްތައް ނަގާ އޭގައިވާ މައުލޫމާތު އެމެރިކާއާ ހިއްސާކޮށްފައިވާ ވާކަމަށް ތުހުމަތު ކުރެ އެވެ.

ނަމަވެސް އެ ގްރޫޕުން ބުނަނީ އެމީހުން އެތަނަށް ވަދެފައިވަނީ ދައުވަތު ދީގެން ކަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން އެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުން ފްރީ ޖޯޒޮން ގްރޫޕްގެ ލީޑަރު އެޑްރިއަން ހޮންގް ދިރިއުޅޭ އެޕާޓްމަންޓް ވެސް މި މައްސަލައާއި ގުޅިގެން ވަނީ ބަލައި ފާސްކޮށްފަ އެވެ.