ދުނިޔެ

ރައީސް ޔޫން ސުކް ޔޯލްގެ އަމުރަށް ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކޮށްފި

ރައީސް ޔޫންގެ މި ފިޔަވަޅާ މެދު ނުތަނަވަސްކަން ފާޅުކޮށް އިދިކޮޅުން ބުނީ މިއީ ގާނޫން އަސާސީއާ މުޅިން ޚިލާފަށް ރައީސް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ދެކުނު ކޮރެއާގައި އަސްކަރީ ގާނޫނު ހިންގައި ތަންފީޒުކޮށްފާނެ ކަމަށް އެއްވެސް ބަޔަކު ހިއެއް ނުކުރެ އެވެ. މިހެންކަމުން ޔޫންގެ މި އަމުރު ވެފައި ވަނީ ގިނަ ބަޔަކަށް ވަރަށް ބޮޑު އަޖައިބަކަށެވެ.

ކުރިއާލައި އިއުލާންކުރުމެއް ނެތި ރޭގަނޑު ދަންވަރު ޓީވީ ޝޯއަކަށް އަރާވަޑައިގެން -- އަސްކަރީ ގާނޫން އިލުލާންކުރެއްވި ސަބަބު ރައީސް ޔޫން ވަނީ ވިދާޅުވެދެއްވާފަ އެވެ.

ޔޫން ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ އުތުރު ކޮރެއާގެ ކޮމިއުނިސްޓް ބާރުތަކުގެ ކިބައިން ގައުމު ސަލާމަތްކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. އަދި ދައުލަތާ ދެކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލެއްވުމަކީ ވެސް ބޭނުމެއް ކަމަށް ވިދާޅުވި އެވެ.

އަސްކަރީ ގާނޫނަށް އަމަލުކުރުމަށް ކުއްލިއަކަށް ކުރެއްވި އަމުރުގެ ފަހަތުގައި ގާނޫން އަސާސީ ހިމާޔަތްކުރެއްވުމާއި ދުސްތޫރީ އަމުރުތައް ދެމެހެއްޓެވުން ހިމެނޭ ކަމަށް ޔޫން ވިދާޅުވި އެވެ.

އަދި ދެކުނު ކޮރެއާގެ އަސްކަރިއްޔާގައި އުތުރު ކޮރެއާއަށް ތާއިދުކުރާ ބަޔަކު ތިބި ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުއްވުމަކީ ވެސް އޮތް ކަމެއް ކަމަށް ރައީސް ޔޫން ވިދާޅުވި އެވެ.

އަސްކަރީ ގާނޫނު އިއުލާންކުރެއްވުމަކުން ބައިނަލްއަގްވާމީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބުރޫނާރާނެ ކަމަށް ޔޫން ވިދާޅުވި އެވެ. ޚާރިޖީ ސިޔާސަތު ދެމެހެއްޓުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާޝަލް ލޯ އިއުލާންކުރެއްވުން ދިފާއުކުރައްވައި ރައީސް ޔޫން ވިދާޅުވީ، އިދިކޮޅުން ކޮންޓްރޯލްކުރާ ގާނޫންހަދާ މަޖިލީހެއް އޮތް ގައުމެއްގައި، ސަރުކާރަށް އިޚުތިޔާރުތަކެއް ނޯންނާނެ ކަމަށެވެ.

އަސްކަރީ ގާނޫން އިއުލާންކުރެއްވި ސަބަބުތަކުގެ ތެރޭގައި މަޖިލީސް މެމްބަރުން އެއްބާޜުލުން ނުދެއްވުން ހިމެނޭ ކަމަށްވެސް ޔޫން ވިދާޅުވި އެވެ.

ރައީސް ޔޫންގެ ނިންމެވުން މި ގޮތަށް މި އައީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ސައްލާކޮށް -- ސަރުކާރުން އަންދާޒާކުރި ވަރަށް ވުރެ ކުޑަ ބަޖެޓެއް -- ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެންނެވެ.

އަދި ދައުލަތުގެ އޮޑިޓަރަކާއި ޗީފް ޕްރޮސެކިއުޓަރު މަގާމުން ވަކިކުރުމަކީ ވެސް އިދިކޮޅުން އެޖެންޑާކޮށްފައި އޮތް އައިޓަމެކެވެ.