ދުނިޔެ

ދެކުނު ކޮރެއާއަށް ދެވެން ހުރި މަގުތަށް އުތުރު ކޮރެއާއިން ބަންދުކުރަނީ

އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ދެވެން ހުރި ހުރިހާ މަގުތަކެއް ބަންދުކުރަން ޖެހިދާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާއަށް ދަުތުުރުކުރެވެން ހުރި މަގުތަކުގެ ތެރޭގައި ރޭލު ދަނގަޑުތަކާއި ބަސް ދަތުރުތައް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ދެކުނު ކޮރެއާއަށް ވަދެން ހުރި މަގުތައް ބަންދުކުރާނެ ކަމަށްވެސް ބުންޏެވެ.

އުތުރު ކޮރެއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ދެ ގައުމުގެ ދެމެދުގައި ދަތުުރުކުމުގެ ގަވާއިދު އިސްލާހުކުރަން ޖެހުނީ ކޮރެއާ ސަރަހައްދަށް ނުރައްކާވާ ގޮތަށް ދެކުނު ކޮރެއާއިން އަސްކަރީ އެކުވެރިން ގެންގުޅޭތީ ކަމަށެވެ.

ދެކުނު ކޮރެއާ ވަރަށް ގާތްކޮށް ގެންގުޅޭ އެމެރިކާ އަކީ، އުތުރު ކޮރެއާ ގަބޫލުކުރާ ގޮތުގައި ދުޝްމަނެކެވެ. އަދި ދެ ކޮރެއާ ދެމެދުގައި ހަރުދަނާ އެކުވެރިކަމެއް ގާއިމުނުކުރެވިގެން އުޅެނީ އެމެރިކާގެ ސަބަބުން ކަމަށް އުތުރު ކޮރެއާ ގަބޫލުކުރެ އެވެ.

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން މިދާކަށް ދުވަހު ވެސް ވަނީ، ކޮރެއާ ސަރަހައްދުގައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވާފަ އެވެ. މި ފަރިތަކުރުންތަކުގައި ޖަޕާން ވެސް ބައިވެރިވި އެވެ.

ކޮރެއާ ސަރަހައްދަށް ދޭތެރެ ދޭތެރެއިން އެމެރިކާ ގެންނަ ސަބަބާ މެދު އުތުރު ކޮރެއާ ސުވާލު އުފައްދަ އެވެ. އެމެރިކާ އަކީ އަމިއްލަ ބޭނުމެއް އޮވެގެން ނޫން ގޮތަކަށް ބަޔަކަށް ކަމެއް ކޮށްދޭ ގައުމެއް ނޫން ކަމަށްވެސް އުތުރު ކޮރެއާއިން ބުންޏެވެ.

ދެކުނު ކޮރެއާގެ ވިސްނުމުގައި އޮތީ އުތުރު ކޮރެއާއަށް ޖެއްސުންކޮށް ރުޅިއެރުވުން ކަމަށްވާނަމަ އޭގެ ބަދަލު ހިތި ގޮތަކަށް ހިފަން ޖެހިދާނެ ކަމަށް ވެސް އުތުރު ކޮރެއާއިން ބުންޏެވެ.

އެމެރިކާގެ މަނަވަރުތައް ކޮރެއާ ސަރަހައްދަށް އަންނަ ކޮންމެ ފަހަރަކު އުތުރު ކޮރެއާއަށް ޖާސޫސްކުރާ ކަމަށް އެ ގައުމުން ދެކެ އެވެ. އަދި އުތުރު ކޮރެއާގެ ހަރަކާތްތައް ހުންނަ ގޮތް ބަލައި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްމާ ބެހޭ މައުލޫމާތު އެއްކުރާ ކަމަށް ވެސް ބުންޏެވެ.

ދެ ކޮރެއާ ދެމެދުގައި މައްސަލަތައް ބޮޑުވެ ހަމަނުޖެހުން އިތުރުވަނީ ގޮތް ދޫނުކޮށް ޖެއްސުންކުރަން ހަދައިގެންނެވެ. އާއިލީ ގޮތުން އަދި ލޭގެ ގުޅުން އޮތް ކިތަންމެ ބަޔަކު ދެކޮރެއާގައި މިހާރު ވެސް ތިބީ ތާށިވެފަ އެވެ.

ކޮރެއާ ހަނގުރާމައަށްފަހު ދެ ކޮރެއާއަށް މީހުންތައް ބެހިގެން ދިޔައިރު، އެއްއާއިލާއަކަށް ނިސްބަތްވާ ކިތަންމެ ބަޔަކު ދެބަޔަކަށް ބެހިގެން ވަނީ ގޮސްފަ އެވެ.