ދުނިޔެ

ރައީސް ގާސިއާ އަވަހާރަވީ ސިޓީއެއް ލިޔުއްވާފައި

ޕެރޫގެ ކުރީގެ ރައީސް އަލަން ގާޝިއާ އަމިއްލަފުޅަށް ބޮލަށް ބަޑިޖަހައި އަވަހާރަވުމުގެ ކުރިން ސިޓީއެއް ލިޔުއްވާފައިވާ ކަމަށް އެ މަނިކުފާނުގެ އާއިލާއިން ހާމަކޮށްފި އެވެ.

ހުކުރު ދުވަހު ބޭއްވި ޖަނާޒާގައި ގާޝިއާ ލިޔުއްވާފައިވާ ސިޓީ އޭނާގެ އާއިލާ މެންބަރުން ކިޔައިދިން އިރު އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަމިއްލަ ފުރާނަ ނަގާލަނީ އޭނާގެ ދުޝްމަނުންނަށް އޭނާ ބޭޒާރުކޮށް ލަދުގަންނަވާލުމުގެ ފުރުސަތު ނުދެއްވަން ވެގެން ކަމަށެވެ.

ޕެރޫގެ ކުރީގެ ރައީސް މިދިޔަ ބުދަ ދުވަހު އަމިއްލަފުޅަށް އަވަހާރަވެފައިވަނީ އެ މަނިކުފާނު ހައްޔަރު ކުރަން ފުލުހުން ފޮނުވުމުން ފޯނުކޯލެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ކޮޓަރިކޮޅަށް ވަދެވަޑައިގެން އަމިއްލަފުޅަށް ބޮލަށް ބަޑި ޖައްސަވައިގެނެވެ.

ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން އެ ކުންފުނީގެ ބިނާތަށް ގިނަ ކުރަން ޕެރޫ ސަރުކާރުގެ ސިޔާސީ އެތައް ބޭފުޅުންނެއްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ފެރޫން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

މި މައްސަލާގައި ރައީސް ގާޝިއާގެ މައްޗަށް ވެސް ތުހުމަތުތައް ކުރެއެވެ. ނަމަވެސް އެއީ އިދިކޮޅަށް ބަޔަކު ރާވަމުންދާ ސިޔާސީ ރޭވުމެއްކަމަށް ވިދާޅުވެ އެ ތުހުމަތުތައް ވަނީ ކުރިން ދޮގު ކުރައްވާފައެވެ.

ޕެރޫގެ ޕްރޮސެކިއުޓަރުން ވިދާޅުވާ ބްރެޒިލްގެ އެ ކޮންސްޓްރަކްޝަން ކުންފުނީގެ މައްސަލާގައި ކުރަމުންދާ ތަހުގީގުގައި ގާޝިއާ ހައްޔަރު ކުރަން ބޭނުންވާ ވަރަށް ހެކި ލިބިފައި ވެއެވެ.

ގާޝިއާ ވެރިކަމަށް ގެނެސްދިނުމުގައި އެހީތެރިވެފައިވާ އޭޕީއާރްއޭ ޕޮލިޓިކަލް ޕާޓީއިން އިންތިޒާމް ކުރި އިއްޔެގެ ޖަނާޒާގައި ގާޝިއާގެ އަންހެން ދަރިކަނބަލެއްކަމަށްވާ ލޫސިއާނާ ގާޝިއާ އޭނާގެ ބައްޕާފުޅުގެ އިއްޔެ އިއްވެވި އެވެ. އެ ސިޓީގައި
"އަހަރެން ލަދުގަންނަވާލަން ފުރުސަތެއް ނުދޭނަން" ކަމަށް ވިދާޅުވެފައި ވެއެވެ.

"އަހަންނަށް ފެނިފަ އެބަހުރި މިގޮތަށް އިލްޒާމްއަޅުވާ ހައްޔަރުކޮށް ބިޑިއަޅުވައިގެން އެތައް ބަޔަކު ގެންގުޅުނުތަން. އެކަމަކު އަލަން ގާޝިއާ މި ނާއިންސާފާއި ކުރިމަތިލާކަށް ނުޖެހޭނެ. ގިނަ ބަޔަކު ގަބޫލު ކުރަމުންދާ މަކަރާއި ރުޅިވެރި ކަމުގެ މިފަދަ ހާލަތްތަކުގައި... އަހަރެންނަށް ފެނިފައި ހުރީ ހަގީގަތް ހޯދުމަށްވުރެ ބޮޑަށް އަނިޔާވެރިވެ ފަލީހަތް ކުރަން އުޅެފަ ވާތަން"، ސިޓީގައި ވެއެވެ.