ދުނިޔެ

ނުބައި ޕާޓީއަކަށް ވޯޓު ދެވިގެން އަމިއްލައަށް އިނގިލި ބުރިކޮށްލައިފި

Apr 20, 2019

ނިއު ދިއްލީ (އޭޕްރީލް 20) - އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި އޮޅިގެން ނުބައި ޕާޓީއަކަށް ވޯޓު ދެވުނު މީހަކު އަމިއްލައަށް އިނގިލި ބުރިކޮށްލައިފި އެވެ.

ޕަވަން ކުމާރު ނަމަކަށް ކިޔާ މީހާ އަމިއްލައަށް އިނގިލި ބުރިކޮށްލީ، ވެރިކަންކުރާ ބީޖޭޕީއަށް "އޮޅިގެން" ވޯޓު ދެވުނުކަމަށް ބުނެ އެވެ. އުއްތަރު ޕްރަދޭޝްގައި ބުރާސްފަތި ދުވަހު ވޯޓުދިން ކުމާރު ބުނީ ޕާޓީތަކުގެ ލޯގޯތައް އޭނާއަށް އޮޅުނީ ކަމަށާއި، އޭނާ ބޭނުންވީ ސަރަހައްދުގެ ޕާޓީއަކަށް ވޯޓުދޭން ކަމަށެވެ.

ލިޔަންކިޔަން ނޭނގޭ މީހުން ގިނަ އިންޑިއާގައި ގިނަ މީހުން ވޯޓުލަނީ ޕާޓީތަކުގެ ލޯގޯއަށް ބަލައިގެންނެވެ.

އިންޑިއާގެ ލޮކްސަބާ އިންތިހާބަކީ ހަތް ބަޔަކަށް ބަހާލެވިގެން ކުރިއަށްދާ އިންތިހާބެކެވެ.

އެޕްރިލް 11 ގައި ބާއްވާފައިވާ އިންތިހާބުގެ ފުރަތަމަ ފޭސްގައި 11 ސަރަހައްދަކުން 91 ގޮނޑިއަށް ވާދަކޮށްފައި ވާއިރު ވޯޓުލާން ގޮސްފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 69.43 ޕަސެންޓް ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިންތިހާބުގައި ވޯޓުލާ ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޕްރިލް މަހުގެ 11، 18، 23 އަދި 29 ވަނަ ދުވަހުގެ އިތުރުން މެއި މަހުގެ 6، 12 އަދި 19 ވަނަ ދުވަހެވެ.

އިންތިހާބުގެ ދެވަނަ ފޭސްގައި ކުރިން 97 ގޮނޑިއަކަށް ވޯޓުލާން ހަމަޖެހިފައިވި ނަމަވެސް ޓަމިލްނާޑޫ ގެ ވެއްލޯރުން އިލެކްޝަން ކޮމިޝަން ރިޝްވަތުގެ ފައިސާތަކެއް އަތުލައިގަތުމާއި ގުޅިގެން ވެއްލޯރުގައި ވޯޓުލުން ވަނީ ކެންސަލް ކޮށްފަ އެވެ.

އިރުމަތީ ތުރިޕުރާ ސަރަހައްދުގައި ހަމަނުޖެހުން އުފެދިފައި ވުމުގެ ސަބަބުން މިއަދު އެސަރަހައްދުން ވޯޓުލުމަށް ހަމަޖެހިފައިވާ ގޮނޑީގެ ވޯޓުލުން ވަނީ އެޕްރިލް 23 އަށް ލަސްކޮށްފަ އެވެ.

އިންޑިއާގެ އިންތިހާބުގައި އެކި ޕާޓީތަކުން ވާދަ ކުރިނަމަވެސް ސަރުކާރެއްގެ އުފެއްދުމުގެ ގާބިލްކަން ލިބިފައިވަނީ އެންމެ ކުރީގައި އުޅުއްވާ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަދި ރާހުލް ގާންދީ ގެ ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސް އަށެވެ.

މިހެން ވުމުން އެހެން ހުރިހާ ޕާޓީތަކުން ދަނީ މި ދެ ޕާޓީއާއެކު ކޯލިޝަން ހަދަމުން ނެވެ.