ދުނިޔެ

އިދިކޮޅު ލަދުގަންނަވާލައި މޯދީ އަނެއްކާވެސް އިންޑިއާގެ ބޮޑުވަޒީރު ކަމަށް

May 23, 2019

ނިއު ދިއްލީ (މެއި 23) - އިންޑިއާގެ އާންމު އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި، ނަރެންދުރަ މޯދީ އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމު ދިފާއުކުރައްވައިފި އެވެ.

އާންމު އިންތިހާބުގައި އިންޑިއާ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ" އަށް 543 މެމްބަރުން އިންތިހާބުކުރާއިރު، މިހާތަނަށް ދައްކާ ނަތީޖާތަކުން މޯދީގެ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 300 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރާނެކަމަށް ބެލެވެ އެވެ.

ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީން އިސްވެ އުފައްދާފައިވާ އިދިކޮޅު އިއްތިހާދުން މިހާރު ވަނީ ބަލި ގަބޫލުކޮށްފަ އެވެ. މޯދީއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ސިފަކޮށްފައިވާ އިންތިހާބުގައި ވެރިކަންކުރާ ޕާޓީން ހޯދި ތާރީހީ އަގުލަބިއްޔަތުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

"އަހަރެމެން އެންމެން ބޭނުންވަނީ މުޅީން އާ އިންޑިއާއެއް. އެހެންވީމަ، މި ފުރުސަތުގައި އަހަރެން ބޭނުން އިންޑިއާގެ ރައްޔިތުންނަށް ޝުކުރުއަދާކުރަން،" ޕާޓީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި މޯދީ ވިދާޅުވި އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައި ވެއެވެ. އޭގެ ތެރެއިން ވޯޓުލާފަވަނީ 67 ޕަސެންޓް މީހުންކަ މަށް ވާއިރު މި ފަހަރަކީ އިންޑިއާގެ ތާރީހުގައި އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާފައިވާ ފަހަރެވެ.

މިހާރުގެ ނަތީޖާތައް ދައްކާގޮތުން، މޯދީގެ ޕާޓީން ވަނީ 2014 ވަނަ އަހަރު ހޯދި ކާމިޔާބީއަށްވެސް ހިޔަނި އަޅުވާލައިފަ އެވެ. މީގެ ފަސް އަހަރުކުރިން، ބީޖޭޕީން ކާމިޔާބުކުރި 282 ގޮނޑިއަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ހޯދި ފުރަތަމަ ފަހަރެވެ. އެ ފަހަރު ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 44 ގޮނޑި އެވެ. އެއީ އެ ޕާޓީއަށް އާންމު އިންތިހާބެއްގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.

ސަރުކާރެއް ގާއިމުކުރަން 272 ގޮނޑި ބޭނުންވާއިރު، މޯދީގެ ޕާޓީން އެކަނިވެސް މިހާތަނަށް 300 އަށް ވުރެ ގޮނޑި ނަގާނެކަމަށް ބެލެވެ އެވެ. އަދި އެކި ސަރަހައްދުތަކުގައި ހަދާފައިވާ އިއްތިހާދުތަކާއެކު، އެ އަދަދު 350 އަށް ގާތްކުރުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.