ދުނިޔެ

މޯދީގެ މެނިފެސްޓޯގައި ދަނޑުވެރިންނަށް ބޮޑެތި ވައުދުތަކެއް

Apr 8, 2019
1

ނިއު ދިއްލީ (އޭޕްރީލް 8) - އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި ދަނޑުވެރިކަމުގައި އުޅޭއިރު، ދަނޑުވެރިންނަށް ބޮޑެތި ވައުދުތަކާއެކު ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީގެ މެނިފެސްޓޯ އާންމުކޮށްފި އެވެ.

މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބަށް ބީޖޭޕީން އާންމުކުރި މެނިފެސްޓޯގައި ދަނޑުވެރިންނަށް ހާއްސަ ވެލްފެއާ ސްކީމެއް ވަނީ ހިމަނައިފަ އެވެ. މިހާރު ދަނޑުވެރިންނަށް އާމްދަނީއެއް ލިބޭ ސްކީމުގެ މަންފާ ކުރަނީ ހަމައެކަނި ކުދި ދަނޑުވެރިންނަށެވެ. ނަމަވެސް، ބީޖޭޕީގެ މެނިފެސްޓޯގައި އެ ސްކީމް ވަނީ ހުރިހާ ދަނޑުވެރިން ހިމެނޭ ގޮތަށް ފުޅާކޮށްފަ އެވެ.

އެގޮތުން، ކޮންމެ ދަނޑުވެރިއަކަށްވެސް އަހަރަކު 6،000 ރުޕީސް (86 އެމެރިކާ ޑޮލަރު) އާމްދަނީއެއްގެ ގޮތުގައި ދޭން ވަނީ ވައުދުވެފަ އެވެ. އަދި އާމްދަނީއެއްގެ އިތުރުން، ދަނޑުވެރިންނަށް ޕެންޝަނެއް ދޭން ވެސް ބީޖޭޕީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން ޓެރަރިޒަމަށް ޖާގަ ނުދޭނެ "ޒީރޯ ޓޮލަރަންސް" ގައުމީ ސަލަމާތާބެހޭ ސިޔާސަތެއް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އިދިކޮޅު ކޮންގްރެސް ޕާޓީއެކޭ އެއްފަދައިން، އަންހެނުން ބާރުވެރިކުރުމަށްޓަކައި، އިންޑިއާގެ ޕާލިމަންޓުގެ 33 ޕަސަންޓް އަންހެނުންނަށް ހާއްސަކުރުމަށް ބީޖޭޕީން ވެސް ވަނީ ވައުދުވެފަ އެވެ.

އިންތިހާބާއި ދިމާކޮށް އެކި ފަރާތްތަކުން ކުރިއަށް ގެންދިޔަ އޮޕީނިއަން ޕޯލްތަކުގައި، ރައްޔިތުންގެ މަގުބޫލުކަން އަދިވެސް ބޮޑީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަށެވެ.

މި އާންމު އިންތިހާބު ވެގެންދާނީ މޯދީއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. އިދިކޮޅު އިއްތިހާދުން ވެސް މުޅި އިންތިހާބު އަމާޒުކޮށްފައިވަނީ މޯދީގެ ނާކާމިޔާބީގެ މައްޗަށެވެ.

ވަޒީފާ މަދުވުމާއި، އިގުތިސޯދު ހީނަރަވަމުން އައުމުގެ ސަބަބުން، ބީޖޭޕީއަށް އޮންނަ ތާއީދު ނޭދެވޭ އަސަރުކޮށްފައިކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ"އަށް މެމްބަރުން އިންތިހާބު ކުރާނީ މި މަހުގެ 11 އިން މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާ އިންތިހާބުގަ އެވެ. ވޯޓު ގުނުން އޮންނާނީ މެއި 23 ވަނަ ދުވަހެވެ.

އިންޑިއާގެ 900 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ގާތްގަނޑަކަށް އެއް މިލިއަން ވޯޓު ފޮށި އިންޑިއާގެ އެކި ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި އެވެ. މިއީ މުޅި ދުނިޔޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިހާބެވެ.