ހަބަރު

ދެމި ހުންނާނީ ރައްޔިތުން ހޮވި ގޮތުގައި: އެމްޕީ ހުސެއިން

Apr 20, 2019

ދެމި ހުންނާނީ ރައްޔިތުން އިންތިހާބު ކުރި ގޮތުގައި ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ހުސެއިން އެހެން ވިދާޅުވީ ވަރަށް އަވަހަށް އެމްޑީޕީއަށް އޭނާ ސޮއި ކުރައްވާނެ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.

އަންނަ ރައްޔިތުންގެ މަޖިލީހަށް ހުސެއިން އިންތިހާބުވީ އަމިއްލަ ގޮތުންނެވެ. އޭނާ ވާދަ ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓާ އެވެ.

ހުސެއިންއަކީ ރައީސް އަބްދުﷲ ޔާމީންއާ އަރިސް ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު ސަރުކާރު ބަދަލުވުމާއެކު އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ.

އޭނާ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައިނުވީ ނަމަވެސް އިންތިހާބަށް ނުކުމެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ތާއިދު އޭނާއަށް ލިބުނެވެ.

ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި އޭނާއަށް ތާއިދު ކުރި ރައްޔިތުންނަކީ ކަންކަމުގެ ހަގީގަތަށް އަބަދުވެސް ލޯބި ކުރާ ބައެއް ކަމަށެވެ. އަދި އެ ރައްޔިތުން ހޮވި ގޮތުގައި ދެމި ހުންނާނެ ކަމާއި ދާއިރާގެ ރައްޔިތުންނާމެދު ފަހުރުވެރިވާ ކަމަށެވެ.

ހުސެއިންއަކީ ނިމިގެންމިދާ މަޖިލީހުގައި ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި މެންބަރުންގެ ތެރެއިން ކާމިޔާބުވި މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.