މޫސުން

ކުރިޔަށް އޮތީ ވިއްސާރައިގެ 24 ގަޑިއިރު

Apr 20, 2019

މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކޮށްފި އެވެ. އަދި ހެންވޭރު ރާޅުގަނޑު ސަރަހައްދުން އުދައާއެކު ރަށުތެރެއަށް ދެމިގަތް ބޯ ވެލިގަނޑާއި އަކިރި އާއި ގާތައް ވެސް ސާފުކޮށްފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މާލޭގެ ފެން ބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ކުރަމުން އަންނަ ކަމަށާއި އައިޖީއެމްއެޗާއި ވެސްޓް ޕާކް ސަރަޙައްދާއި ކުޑަކުދިންގެ ބަގީޗާ ހިމެނޭ ސަރަޙައްދުގައި ޕަމްޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބައެއް މަގުތަކުގައި ފެން ބޮޑުވި ނަމަވެސް އެއްވެސް ގެއަކަށް ފެނުގެ އަސަރުކޮށްފައެއް ނުވެއެވެ.

ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެން ބޮޑުވި އިރު ރާޅުގަނޑު ސަރަޙައްދަށް އުދައަރައި އެ ސަރަހައްދުގެ މަގުމައްޗައް ގަލާއި ކުންޏާއި ބޯ އަކިރި ހިމެނޭ ގޮތަށް ވެލިގަނޑު ވެސް މިއަދު ވަނީ ދެމިގެންފައެވެ. އެ ވެލިތައް ސާފުކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ކޮށްފަ އެވެ.

މި ދުވަސްވަަރު ވިއްސާރަވެ، ކަނޑުގެ ބާނިތައް ބޮޑުވުމުގެސަބަބުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ. ވޭތުވެދިޔަ ދެތިން ދުވަހު އަތޮޅުތަކުގެ ބައެއް ރަށްރަށަށްވެސް ވަނީ އުދަ އަރާފަ އެވެ. މާލޭ ސަރަޙައްދަށް މިއަދު ހެނދުނުން ފެށިގެން މެންދުރުފަހާ ހަމައަށް 20 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ދެ މޫސުން ބެދޭ ވިއްސާރަ އެވެ. އާއްމުކޮށް ހުޅަނގު މޫސުން ފެށެންވާއިރަށް ވިއްސާރައިގެ އަސަރުކުރާނެ އެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެގެ މެދު އަތޮޅުތަކަށެވެ.