ހަބަރު

ޕީއެންސީގެ ލީޑާޝިޕަށް ދާއިމީ މެންބަރުން އިންތިހާބު ކުރަނީ

Apr 21, 2019
1
މާލެ، 27 ޖެނުއަރީ 2019 -- ޕީއެންސީ އުފައްދުމަށްޓަކައި ބޭއްވި ޖަލްސާގެ ތެރެއިން -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތުމަށް އުފެއްދި ޕީއެންސީގެ ލީޑާޝިޕުގެ މަގާމުތަކަށް ދާއިމީ ބޭފުޅޫން އިންތިހާބު ކުރަން އެ ޕާޓީގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ އިސް މަގާމްތަކަށް ވަގުތީ މެންބަރުން އިންތިހާބުކޮށްފަ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީ ރަޖިސްޓްރީ ކުރާތާ ނުވަ މަސް ތެރޭގައި ގައުމީ ބައްދަލުވުމެއް ބާއްވާ މަގާމްތަކަށް ދާއިމީ މެންބަރުން އިންތިހާބު ކުރަން ޖެހެއެވެ.

ޕީއެންސީ އިން މިރޭ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ޕާޓީގެ މަގާމްތަކަށް ދާއިމީ މެންބަރުން އިންތިހާބު ކުރުމަށް އަންނަ ހުކުރު ދުވަހު ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހެއް ހުށަހެޅިއްޖެ ނަމަ އެ އިސްލާހަކަށް ވޯޓަށް އެހުން ވެސް އޮންނާނެ ކަމަށެވެ.

އެގޮތުން ޕީއެންސީގެ ރައީސްގެ މަގާމްއަށައި ދެ ނައިބު ރައީސުންނާއި 20 މެންބަރުންގެ މަޝްވަރާ މަޖިލީހެއް އިންތިހާބު ކުރުން އޮންނާނެ ކަަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން މެންބަރުންގެ ކަންތައްތައް ބަލަހައްޓަން ފަސް މެންބަރުންގެ ކޮމިޓީއަކާއި އިސްތިއުނާފް ކޮމިޓީއަށް ތިން މެންބަރުންނާއި އަދި އިންތިހާބު ކޮމިޓީއަށް ފަސް މެންބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމްތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި މާދަމާ ރޭ 6:00 ގެ ކުރިން އެ ޕާޓީއަށް ހުށަހެޅަން ޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ޕީއެންސީގެ ވަގުތީ ރައީސްއަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސުންނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަަރު އެވެ. ޕީއެންސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ޕީޕީއެމް ހަވާލު ކުރުމަށް ސުުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުނިމި ދިގުލައިގެން ދިޔުމާ ގުޅިގެން ރައީސް ޔާމީންގެ ލަފާގެ މަތިން އުފެއްދެވި ޕާޓީއެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޯޑުސް

މަސްހުނި ޕާޓީ. ތިއީ ކުރީ ޒަމާނު ރާއްޖޭގައި އެއްކުންފުނި ހަދައިގެން ވިޔަފާރި ކޮއްފަ، ބަގުރޫޓުވީމަ، އެހެން ނަމެއް ކިޔާފަ އަނެއްކާވެސް ކުންފުނި ހެދުން ކަހަލަ ކަމެއް. ތިޕާޓީގެ ފިކުރަކީ ކޮބާ، އަދި ޕީޕީއެމްގެ ފިކުރަކީ ކޮބާ؟ ނޭގޭނެ ބުނާކަށް، ގައިވުމެސް އަހަރެމެންނަ ފެނުނީ ތި ދެޕާޓީގައި ތިބިމީހުން ކުރީ ހުސް ވައްކަން ކަން

January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678