ހަބަރު

ރާއްޖޭގައި ވަޒީފާ އުފައްދަނީ ބިދޭސީން އަދާކުރާކަށް ނޫން: ރައީސް

Dec 30, 2014

ރާއްޖޭގައި ވަޒީފާތައް އުފައްދަނީ ބިދޭސީންނަށް ނޫން ކަމަށާއި ދިވެހިންނަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމު މި އަހަރު ފުރިހަމަ ކުރި ކުދިންނަށް ސަނަދު ދިނުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ ދިވެހިންގެ ވަޒީފާތައް ދިވެހިންނަށް ހޯދައި ދިނުމަށް ކަމަށެވެ.

"އިގްތިސާދަކީ ވަޒީފާ އުފެއްދުން. އިގްތިސާދަކީ ދިވެހިން ވަޒީފާތަކަށް ނެރުން. މީގެ ނަތީޖާއަކަށް ވެގެން ދާނީ އިގްތިސާދު ރަނގަޅު ވެގެން ދާނީ. އެހެންނަމަވެސް މި މަސައްކަތަށް ކުރިމަތިލާނެ ގާބިލް ކުދިންތަކެއް ނުވާނަމަ އިގްތިސާދު ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ބެނެފިޓް ނުވަތަ މަންފާ ލިބިގެނެއް ނުދާނެ. ޓޫރިޒަމްގެ ދާއިރާއިން ވިއަސް ތަފާތު މަސައްކަތުގެ ތެރެއިން ނަމަވެސް މި ވަޒީފާތައް އުފައްދަނީ ބިދޭސީންނަކަށް ނޫން. ވަޒީފާ އުފައްދަނީ ޒުވާން ދިވެހި ކުދިންނަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދަސްވާރު ޕްރޮގްރާމުގެ ފުރިހަމަކުރި ކުދިން މަސައްކަތަށް ނުކުތުމަށް އިތުބާރު ލިބިގެންދާނެ ކަމަށެވެ.

"މި ޕްރޮގްރާމުން ކުދިންނަށް ލިބިގެން ދިޔަ އިތުބާރަކީ ކްލާސް ރޫމުގެ ހަތަރު ފާރުގެ ތެރެއިން ލިބޭނެ އިތުބާރެއް ނޫން. މިއީ ޓެކްސް ފޮތެއްގައި ބެކްޓު ބެކް ކިޔައިގެން ލިބޭނެ ކޮންފިޑެންސެއް ނޫން. މި އިތުބާރު ލިބޭނީ މި ކަހަލަ މަސައްކަތުގައި އުޅެ އަމަލީ މަސައްކަތް ކުރަން އެނގޭކަން އެ ކުއްޖަކަށް އެނގުނީމަ،" ރައީސް ވިދާޅުވި އެވެ.

ވަޒީފާ އަދާކުރުމުގައި ހުންނަން ޖެހޭ މަސައްކަތުގެ އަހުލާގާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް މަސައްކަތުގެ އަހުލާގު ހޯދަން ޖެހޭ ކަމަށެވެ.

"ކޮންމެ ދުވަހަކު ހެނދުނު ހައެއް ޖަހާއިރު ހޭލައިގެން މަސައްކަތައް ދާން ޖެހޭ ކަމަށްވާނަމަ މި ޑިސިޕްލިނެއް ދަސްކޮށެއް ނުދެވޭނެ. މަސައްކަތައް ނުކުންނަން ކެރެން ވާނެ. ސަލާމް ބުނެގެން ނުވާނެ. ބަލިވެއްޖިއްޔާ ޕެނަޑޯލާއި ޕެރަސެޓުމޯލާ މި ނޫންވެސް އެހެން އެއްޗިހި ހުރިކަން ހަނދާން ކުރަން ވާނެ. މި އެއްޗިހި ކިޓުގައި ހުންނަން ވާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމުގައި 180 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގައި ކުދިންނަށް ދަސްކޮށް ދޭ ބައިތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ މަސައްކަތުގެ ހުނަރުތަކާއި ފޮޓޯނެގުމާއި އެއާ ކޮންޑިޝަން ފަދަ ތަކެތި މަރާމާތު ކުރުން ހިމެނެ އެވެ.

ވަޒީފާ އަކީ ހުދު ގަމީސް ލާފައި ޓައީ އަޅައިގެން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި ޕްރޮފެސަރަކަށް ގަމީހެއްގެ އަތުކުރި އޮޅާލަން ވެސް ނޭނގިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.