އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ކޮމިއުނިކޭޝަން މިނިސްޓްރީގެ އިމާރާތަށް މިދިއަ ހޮނިހިރު ދުވަހު ދިން ހަމަލާއާ ގުޅޭކަންކަން ނިމުމަކާ ހަމައަށް ގެނެވުނު އިރު ހަތް މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އަފްޣާންގެ މި ހަމަލާގައި އާންމުންގެ ހަތަރު މީހަކާއި ސިފައިންގެ ތިން މީހަކު މަރުވި އިރު އިތުރު އަށް މީހަކު ޒަހަމްވި އެވެ.
އަށާރަ ބުރީގެ އިމާރާތަށް ދިން ހަމަލާގައި ފުރަތަމަ އިމާރާތަށް ވަންނަ ގޭޓް ކުރިމަތިން ވަނީ ޖާނުން ފިދާވެ ބޮމެއް ގޮއްވާލާފަ އެވެ. ބޮން ގޮއްވާލުމަށް ފަހު އެތާނެގެ އެތެރެއަށް ހަތަރު މީހަކު ވަދެ ބަޑީގެ ހަމަލާތައް ދީފައިވާއިރު ހޮނިހިރު ދުވަހުގެ ހަވީރުވާން ކައިރިފައި ވަނިކޮށް ފުލުހުން ވަނީ ހަނގުރާމަވެރިން މައިތިރި ކުރަން އެ މީހުން ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ.
އަފްޣާންގެ ރައީސް އަޝްރަފް ޤަނީ މި ހަމަލާ ކުއްވެރިކުރަމުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އެ ގައުމުގެ ސިވިލް ސާވަންޓުންނަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ ގައުމުގެ ދުޝްމަނުން އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ދިން ހަމަކާއެއް ކަމަށެވެ.
ތާލިބާނުން މީގެ ކުރިން ކާބުލްގައި ދީފައިވާ ހަމަލާތަކަށް ޒިންމާ ނަގާފައިވީ ނަމަވެސް ތާލިބާނުން ބުނަމުންދަނީ މި ހަމަލައާއި އެ މީހުންނާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެކަމަކު މި ހަމަލާ ދީފައި ވަނީ އެންމެ ފަހުން އަފްޣާން ސަރުކާރާއި ތާލިބާނުންނާއި ދެމެދު ދެކެވުނު ސުލްހައިގެ ވާހަކަތައް ފެއިލްވެ އިތުރު މަޝްވަރާތަކަކަށް ދިއުމަށް ވާހަކަ ދެކެވެމުން ދިޔަ ދަނޑިވަޅެއްގަ އެވެ.