އިސްލާމް ދީނަކީ ދަޢުވަތާއި ދައުލަތުގެ ދީނެވެ. މުސްލިމުންނާ އިސްލާމްދީން ޙިމާޔަތްކުރާނެ ދައުލަތެއް އޮތުމަކީ އިސްލާމްދީނުގެ ޠަބީޢަތް ހުރިހާ ޒަމާނެއްގައި ވެސް ލާޒިމު ކުރާ ކަމެވެ. އިސްލާމްދީނުގެ ގިނަ ކަންތައްތަކެއް ޤާއިމު ކުރުމުގެ މަސްއޫލިއްޔަތު ޙާކިމުގެ ކޮނޑުގައި އެޅިފައިވެއެވެ. އިސްލާމީ ޙުކޫމަތުގެ މަސްއޫލިއްޔަތަކީ ﷲ ގެ އެއްކައުވަންތަކަން ބިންމަތީގައި ޤާއިމުކޮށް ޙިމާޔަތްކުރުމާއި މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމާއި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިންގުމެވެ.
އިސްލާމީ ދައުލަތަކީ ހަމަ އެކަނި މުސްލިމުން ދިރިއުޅޭ ދީނީ ދައުލަތެއް ނޫނެވެ. އިސްލާމީ ދައުލަތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެގެންވާ މަދަނީ ދައުލަތެކެވެ. ދައުލަތުގެ ހިޔަލުގައި ތިބޭ ހުރިހާ ދީނެއްގެ އަހުލުވެރިންގެ ހައްޤުތައް ތަފާތު ކުރުމެއް ނެތި ޙިމާޔަތް ކުރުމަކީ ދައުލަތުގެ ޒިންމާ އެކެވެ.
މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު ލެއްވިގެންވަނީ ދީނާއި ދުނިޔޭގެ މަންފާ އޭގެ މައްޗަށް ޤާއިމުވެގެންވާ ރިސާލަތެއްގެ ގޮތުގައެވެ. އަޤީދާއާއި އަޅުކަމާއި އަޚުލާޤާއި އިޤުތިޞާދީ މުޢާމަލާތާއި ޖިނާއީ އުޤޫބާތާއި ޢާއިލީ ނިޒާމުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޙުކުމްތަކާއި އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ގުޅުންތަގެ މަބާދިއުތައް އިސްލާމްދީނުގައި ބަޔާންވެގެން ވެއެވެ.
މައްކާގައި ކުރިއަށް ދިޔައީ ދަޢުވަތުގެ މަރުޙަލާއެކެވެ. ދައުލަތުގެ މަރުޙަލާ ފެށުނީ މަދީނާގެ ހިޖުރައިންނެވެ. ހިޖުރައަށް ފަހުގައި ދައުލަތުގެ މަރުޙަލާގައި ވާޖިބުތަކާއި ޙުކުމްތައް ބާވާލައްވަން ފެއްޓެވިއެވެ.
މައްކާގައި ދީނަށް ގޮވާލެއްވުމުގައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ 12 ވަރަކަށް އަހަރު ހޭދަ ކުރެއްވި އެވެ. މީހުން ބިނާ ކުރުމާއި ތަރުބިޔަތު ކުރުމާއި ﷲގެ އެއްކައުވަންތަ ކަމުގެ ޢަޤީދާ މުސްލިމުންނަށް އުގަންނަވައި ދެއްވުމާއި އިސްވެ ދިޔަ އުންމަތްތަކުގެ ވާހަކަތައް ކިޔައިދެއްވުމާއި ނަރަކައާއި ސުވަރުގޭގެ ވާހަކަތައް އުނގަންނަވައި ދެއްވުގެ އަމާޒަކީ އިސްލާމްދީނުގެ ރިސާލަތުގެ ދަޢުވަތާއި އިސްލާމީ މުޖުތަމަޢާއި ދައުލަތް ޤާއިމުކޮށްދޭނެ އަޤީދާ ވަރުގަދަ ޖީލެއް ބިނާކުރުމެވެ.
އިސްލާމީ ދައުލަތެއް ޤާއިމު ކުރުމުގެ ފުރަތަމަ މަރުޙަލާއަކީ އަޤީދާ ވަރުގަދަ ދަރީންތަކެއް ބިނާކުރުމެވެ. ރަނގަޅު ފަރުދަކު ބިނާ ކުރުމުގެ ނަތީޖާއަކީ އޭނާގެ ސަބަބުން ރަނގަޅު ޢާއިލާއެއް ބިނާވެގެން އައުމެވެ. ރަނގަޅު ޢާއިލާގެ ނަތީޖާއަކީ ހެޔޮ ލަފާ މުޖުތަމަޢެއް އުފަންވުމެވެ. ހެޔޮ ލަފާ މުޖުތަމަޢުގެ މޭވާއަކީ ޢަދުލުވެރި ވެރިކަމެއް ޤާއިމުވުމެވެ. މަދީނާގައި ދައުލައް ޤާއިމު ކުރެއްވީ މިދެންނެވި ފަދަ ދަރީންނެވެ.
ދާރުލްއަރުޤަމްގައި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ކިޔަވައި ދެއްވި ދަރިވަރުންނެވެ. މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން ދިއުމުގެ ކުރިން އިސްލާމީ ދައުލަތެއް ޤާއިމު ކުރުމުގެ އިސްތިރާތީޖީ އެތައް ރޭވުންތަކެއް ކުރިއަށް ދިޔައެވެ. އެކި އެކި ދާއިރާތަކުގެ މީހުންނަށް އަމާޒުކޮށް އިސްލާމީ ދަޢުވަތު ދެއްވުން ހިމެނެއެވެ. ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންނާއި އަސްކަރީ ބޭފުޅުންނަށް އަމާޒުކޮށް ދަޢުވަތު ދެއްވިއެވެ.
މަދީނާއާ ހަމަ އަށް ވާޞިލްވުމުގެ ކުރިން ގިނަ ކަންތައްތަކެއް ހިނގިއެވެ. މަދީނާއަށް ހިޖުރަ ކުރެއްވުމަކީ އޭގެ ފަހު މަރުޙަލާ އެވެ. މަދީނާއަށް ހިޖުރަ ކުރައްވައި ދައުލަތް ޤާއިމު ކުރެއްވުމުގެ ކުރިން ޠާއިފަށް ވަޑައިގެން ވެސް ބާރުވެރިކަމަކާއި ޙިމާޔަތާއި އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއި ޙައްޖު މޫސުމުގައި ޢަރަބި ޤަބީލާތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރެއްވުމާއި މުސްލިމުން ޙަބަޝާގެ ޙިމާޔަތް ހޯދުމާއި ޢަޤަބާގައި ހިނގައި ދިޔަ ބައިޢަތު ފާހަގަ ކޮށްލެވެ އެވެ. މި މަގުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާގައި ޤާއިމުކޮށްދެއްވި ދައުލަތްވަނީ ފަހުން ފުޅާވެގެން ގޮސް ދުނިޔެ ޙައިރާންކޮށްލި ވަރުގަދަ ޢިލްމީ ކުރިއެރުން ހޯދައި ޙަޟާރަތެއް ބިނާކޮށް މުޅި ދުނިޔޭގެ ބޮޑު ބަޔަކަށް ވެރިކަން ކުރި ދައުލަތަކަށް ވެފައެވެ.
މި މަޒްމޫނުގައި އަލިއަޅުވާލަނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ޢަމަލުކުރެއްވި އިސްތިރާތީޖީ ޙަރަކާތުގެ މައްޗަށެވެ.
ޢަޤަބާގެ ފުރަތަމަ ބައިޢަތ
އަޤަބާއަކީ މިނާ ކައިރީގައިވާ ތަނެކެވެ. އެއީ ޙައްޖު މޫސުމުގައި މީހުން އެއްވެ އުޅުނު ތަނެކެވެ. ޢަޤަބާގެ ބައިޢަތަކީ މަދީނާގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެން ދިޔަ އެންމެ މުހިންމު ވަރުގަދަ އަސާސެވެ. އެއީ ރަން އަކުރުން އިސްލާމީ ތާރީޚުގައި ލިޔެވެންޖެހޭ ޙަޤީޤަތެކެވެ. އަންޞާރިއްޔަ ބޭކަލުންނާ ކީރިތި ރަސޫލާއާ ފުރަތަމަ ބައްދަލުވި މަޤާމެވެ.
މިކަން ހިނގައި ދިޔަ ގޮތަކީ ޢާއްމު އުޞޫލުން ޙައްޖު މޫސުމުގައި މައްކާއަށް އަންނަ އެކި ވަފުދުތަކާ ބައްދަލު ކުރައްވައި ކީރިތި ރަސޫލާ އެބައި މީހުންނަށް އިސްލާމްދީނަށް ގޮވާލެއްވުމުގެ ތެރެއިން ޙައްޖު މޫސުމުގައި މައްކާއަށް އައިސް އުޅުނު ހަ ޒުވާނަކާ ކީރިތި ރަސޫލާއާ ބައްދަލުވި އެވެ. އެމީހުންނަކީ ކޮން ރަށެއްގެ ބައެއްތޯ ކީރިތި ރަސޫލާ އެއްސެވިއެވެ. އެމީހުންގެ ޖަވާބުގައި ތިމަންމެންނަކީ ޔަޘްރިބް (މަދީނާ) ގެ ބައެއް ކަމަށް ދެންނެވި އެވެ. އެހިނދު، ތިމަންކަލޭގެފާނާ ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެވިދާނެތޯ ކީރިތި ރަސޫލާ ސުވާލު ކުރެއްވިއެވެ.
އެމީހުން އެކަމަށް އެއްބަސްވުމުން ކީރިތި ރަސޫލާ އެމީހުންނަށް އިސްލާމްދީން ހުށައަޅުއްވައި އެކަލޭގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާކަން ބަޔާން ކުރެއްވި އެވެ. އަދި އެކަލޭގެފާނުގެ ރިވެތި ވައުޡާއި ނަސޭޙަތް އަޑު އަހައި އެމީހުން އިސްލާމްދީނަށް ވަދެއްޖެ އެވެ. އަދި ޖެހިގެން އަންނަ ޙައްޖު މޫސުމުގައި ޢަޤާބަގައި ބައްދަލުވުމަށް ވަޢުދުވެ އެ ހަ މީހުން ޔަޘްރިބް (މަދީނާ) އަށް އެނބުރި ހިގައްޖެ އެވެ.
ޖެހިގެން އައި އަހަރު ޙައްޖު މޫސުމުގައި އިތުރު މީހުންނާއެކު ޖުމުލަ 12 މީހުންނެވެ. އެއީ އިސްލާމްވެގެން އައި މީހުންނެވެ. މިކަމުގެ މައްޗަށް ކީރިތި ރަސޫލާ އުފާ ކުރައްވައި އެމީހުންގެ ކިބައިން ބައިޢަތު ހިއްޕެވިއެވެ. ﷲ އަށް ޝަރީކު ނުކުރުމަށާއި ވައްކަން ނުކުރުމަށާއި ދޮގު ނުހެދުމަށާއި ޒިނޭ ނުކުރުމަށާއި ހެޔޮ ކަންކަމުގައި ކިޔަމަންގަތުމަށް ބައިޢަތު ހިއްޕެވި އެވެ. އަދި އެބައި މީހުނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށް ބޭކަލަކު ފޮނުވައި ދެއްވުމަށް ކީރިތި ރަސޫލާއަށް ދެންނެވި އެވެ. އަދި ޖެހިގެން އަންނަ ޙައްޖު މޫސުމުގައި ޢަޤަބާގައި ބައްދަލުވުމަށް ވަޢުދުވެ އެ 12 މީހުން ޔަޘްރިބަށް އެނބުރި ދިޔައެވެ.
މުޞްޢަބު މަދީނާގައި
ޢަޤަބާގެ ބައިޢަތުގައި މަދީނާއިން އައި ބޭކަލުންގެ އެދުމުގެ މަތިން އިސްލާމްދީން އުނގަންނަވައި ދެއްވުމަށް ސަފީރެއްގެ ގޮތުން މުޞްޢަބު ބުނު ޢުމައިރު ފޮނުއްވި އެވެ. ޙަސަބާއި ނަސަބުގެ ގޮތުން އަރައި ހުންނެވި ޒުވާނެކެވެ. ވަރަށް ތަނަވަސް ޢާއިލާއަކަށް ނިސްބައިވެވަޑައިގަންނަވާ ބޭކަލެކެވެ. ނަމަވެސް އެ މުއްސަނދި ދިރިއުޅުން ދޫކުރައްވައި ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެ އިސްލާމްދީނަށް ޚިދުމަތް ކުރެއްވުމަށް ރަސޫލާގެ އަރިހުގައި މަސައްކަތް ކުރެއްވި އެވެ. މިފަދަ އަމާނާތްތެރި ބޭކަލަކު ސަފީރެއްގެ ގޮތުން ފޮނުއްވި އެވެ.
ލޮބުވެތި ޞަޙާބީ މުޞްޢަބަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ސަފީރެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އިސްލާމްދީނަށް ދަޢުވަތު ދެއްވުމުގެ މަސައްކަތް ފައްޓަވައިފި އެވެ. އެކަލޭގެފާނުގެ މަތިވެރި މަސައްކަތުން އިސްލާމްދީނުގެ ދަޢުވަތު ނުވަންނަ ގެއެއް މަދީނާގައި ނެތެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވި އިރު މަދީނާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތިބީ އިސްލާމްދީނަށް ވަދެ އެކަލޭގެފާނަށް މަރުޙަބާ ކިޔަން ތައްޔާރަށެވެ. މުޞްޢަބަކީ ވަފާތެރި މަތިވެރި ޞަޙާބީއެކެވެ. ކީރިތި ރަސޫލާ ނުހަނު ލޯބިފުޅުވާ ބޭކަލެކެވެ. އެކަލޭގެފާނު ޝަހީދުވީ އުޙުދު ހަނގުރާމައިގެ ތެރޭގައި މެދުވެރިވި ހިތާމަވެރި ޙާދިސާގަ އެވެ. މުޞްޢަބު ޝަހީދުވެފައިވާ ތަން ފެނިވަޑައިގަތުމުން ކީރިތި ރަސޫލާ ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނުގެ ކަފުނުން އިސްތަށިކޮޅުން ނިވާކުރުމުން ފައިންޕުޅުން ކަޝްފުވެ އެވެ. ފައިންޕުޅުން ނިވާ ކުރުމުން އިސްތަށިފުޅު ކަޝްފު ވެއެވެ. މުޞްޢަބު ބުނނު ޢުމައިރަކީ މުއްސަނދި ތަނަވަސް ދިރިއުޅުން ދޫ ކުރައްވައި ﷲ އަށްޓަކައި ޤުރުބާނީވެވަޑައިގެންނެވި ނަމޫނާ ޝަޚުޞިއްޔަތެވެ.
އަޤަބާގެ ދެވަނަ ބައިޢަތު
ޢަޤަބާގެ ފުރަތަމަ ބައިޢަތުގައި ބައިވެރިވި 12 މީހުން ޖެހިގެން އައި އަހަރުގައި ޙައްޖު މޫސުމުގައި ކީރިތި ރަސޫލާގެ އަރިހަށް އައީ ހަތްދިހައަށް ވުރެ ގިނަ މުސްލިމުންނާ އެކުގަ އެވެ. މިހާބޮޑަށް މުސްލިމުންގެ ޢަދަދު އިތުވެގެން ދިޔައީ މުޞްޢަބު ބުނު ޢުމައިރުގެ މަތިވެރި މަސައްކަތުންނެވެ. ކުރީ ފަހަރުތަކާ ޚިލާއަށް މި ފަހަރުގައި އަންހެން ބޭކަނބަލުން ވެސް ބައިރިވި އެވެ. މި ފަހަރު އައި އެންމެންގެ ކިބައިން ވެސް ބައިޢަތު ހިއްޕެވިއެވެ. މި ފަހަރުގެ ބައިޢަތުގައި ތަފާތު ކަމެއް އައެވެ. އެއީ ވެރިންނާ ދެކޮޅު ނުވުމަށް ބައިޢަތު ހިއްޕެވި އެވެ. މި ކަމުން ދޭހަވަނީ ދަޢުވަތުގެ އަމާޒު އެހެން ދިމާއަކަށް މިޞްރާބު ޖަހައިފި ކަމެވެ.
އަދި ޢަޤަބާގެ ދެވަނަ ބައިޢަތު ވެގެން ދިޔައި އިސްލާމީ ދައުލަތް މަދީނާގައި ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ކޮންފަރެންސަށެވެ. މި ބައްދަލުވުމުގައި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރައްވައިފި ނަމަ އެކަލޭގެފާނު ޙިމާޔަތް ކުރާނެ ކަމުގެ ވަޢުދު އެމީހުންގެ ކިބައިން ހިއްޕެވި އެވެ. އެމީހުންގެ ޖާނާއި މުދާ ޤުރުބާން ކޮށްގެން ވެސް އެކަލޭގެފާނު ޙިމާޔަތް ކުރާނެ ކަމަށް އަޙުދުވި އެވެ.
މި ބައްދަލުވުމުގައި ރަސޫލާގެ ބޮޑު ބޭބޭފުޅު އައްބާސްގެފާނު ބައިވެރިވެލައްވައި ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެންފި ނަމަ އެކަލޭގެފާނަށް ގެއްލުމެއް ނުދެއްވުމަށާއި އެކަލޭގެފާނާމެދު ރައްކާތެރިވުމަށް ނަސޭޙައް ދެއްވި އެވެ. ނަމަވެސް އެއިރު ޢައްބާސްގެފާނު އިސްލާމްވެވަޑައި ނުގަންނަވަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވީ ބައްދަލުވުމުގެ މަޤުޞަދުގެ ޙައްސާސް ކަމުންނާއި ޢާއިލީ ބޭފުޅެއްގެ ގޮތުންނެވެ. މަދީނާއިން ޢަޤަބާއަށް އައި ހަތްދިއަށް ވުރެން ގިނަ މީހުންގެ ތެރެއިން 12 މީހުން އިޚުތިޔާރު ކުރައްވައި އެއީ "ނަޤީބުން" ކަމުގައި ކަނޑައަޅުއްވައި އިސްލާމްދީނަށް ގޮވާލުމާއި މުސްލިމުންނަށް ރައްކާތެރިކަން ދިނުމުގެ މަސައްކަތް އެބޭކަލުންނާ ޙަވާލު ކުރެއްވިއެވެ. އެއަށް ފަހު އެބައިމީހުން މަދީނާއަށް އެނބުރި ހިގައްޖެއެވެ.
ކީރިތި ރަސޫލާ މަދީނާއަށް
ކީރިތި ރަސޫލާއާއި މަދީނާގެ އަހުލުވެރިންނާއެކު ހިނގައި ދިޔަ ބައިޢަތުގެ ޚަބަރު ކޮންމެވެސް ގޮތަކުން ޤުރައިޝުންނަށް ލިބި މައްކާގެތެރެ ކޮންމެވެސް ވަރަކަށް ހޫނުވާން ފެށި އެވެ. އަދި މައްކާއިން ނިކުމެވަޑައިގެން މުޙައްމަދުގެފާނު މަދީނާއަށް ވަޑައިގެންފި ނަމަ ޤުރައިޝުންގެ ބާރު ނެތިވެ އިސްލާމްދީނަށް ގަދަކަން ލިބިދާނެ ކަމަށް ބަލައި މައްކާގެ އެކި ޤަބީލާތައް ވެގެން ކީރިތި ރަސޫލާ ޝަހީދު ކޮށްލުމަށް ރޭވި އެވެ.
ޝައިޠާނާގެ މި ވަސްވާސްތަކަށް ހެއްލި ކީރިތި ރަސޫލާ ޝަހީދު ކޮށްލުމަށް ޤުރައިޝުން ނިންމި އެވެ. އެ ޙާލަތުގައި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ﷲ އިޒުނަ ދެއްވައިފި އެވެ. އަދި އަބޫބަކުރުގެފާނަށް އެވާހަކަ ދަންނަވައި އެކަލޭގެފާނުގެ އަރިހުގައި ހިޖުރައިގެ ދަތުރުގައި ބައިވެރިވުމުގެ ދަޢުވަތު ދެއްވި އެވެ. އަބޫބަކުރުގެފާނު އެކަން ބަލައިގަތީ އުފާވެރިކަމުން ކީރިތި ކުރައްވާ ޙާލުކޮޅުގަ އެވެ. އަދި ދެ ބޭކަލުން ވެސް ހިޖުރައިގެ ޙަރަކާތް ގެންދަވާނެ ގޮތް ރާއްވަވައި ކީރިތި ރަސޫލާ އަވަހާރަފުޅު ލައްޕަވާ މަޤާމުގައި ޢަލީގެފާނު އޮންނަވާ ގޮތައް ކަންކަން ރާއްވަވައި އަބޫބަކުރުގެފާނުގެ ބޭފުޅުން އެ ދަތުރުގައި އެ ދެކަލުންނަށް ފަރިއްކޮޅު ގެންދެވުމާއި ރަށުތެރޭގެ ޚަބަރުތައް ގެނެސް ދެއްވުމަށް ޙަވާލު ކުރައްވައި ރޭގަނޑުގެ ވަގުތެއްގައި މައްކާއިން ނިކުމެ ވަޑައިގެންނެވި އެވެ. އަދި ޘައުރު ފަރުބަދައިގައި ތިން ދުވަސް ވަންދެން މަޑު ކުރެއްވުމަށް ފަހު މަދީނާއަށް ވަޑައިގެންނެވި އެވެ. މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި ޤުބާގައި ނަމާދު ކުރައްވައި ހެއްދެވި އެވެ. އެއަށް ފަހު މަދީނާއަށް ވަޑައިގެން މުހިންމު ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ނަބަވީ މިސްކިތް ބިނާ ކުރެއްވުން
މިސްކިތް ބިނާ ކުރުމުގެ މަޤުޞަދަކީ އުންމަތުގެ ފިކުރީ އަސާސްތަކުގެ މައްޗަށް މުޖުތަމަޢު އެއްބައެއްގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ބިނާ ކުރުމެވެ. އަޅުކަން ކުރުމުގެ އިތުރުން ތަރުބަވީ އަދި މަޝްވަރާކުރުމާއި އިޖުތިމާޢީ މަރުކަޒަކަށް މިސްކިތް ވެގެން ދިޔައެވެ.
އަޚުކުރެއްވުން
މައްކާއިން މަދީނާއަށް ހިޖުރަކުރި މީހުންނަކީ މުދަލާއި ގެދޮރު ދޫކޮށް އައި ބައެއް ކަމުން އެމީހުންނަށް އެންމެންގެ މެދުގައި އަޚުވަންތަކަން ކަނޑައެޅުއްވި އެވެ. މިއީ ތާރީޚުގައި މި ގޮތަށް ޤާއިމު ކުރެވުނު ފުރަތަމަ އަޚުވަންތަކަމުގެ ނިޒާމެވެ.
މުޢާހަދާތައް ޤާއިމު ކުރެއްވުން
މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން ދިޔަ އިރު ވަށައިގެން ވަރަށް ގިނަ ގޮންޖެހުންތައް ހުއްޓެވެ. އެކި ދީންތަކުގެ މީހުން އުޅެމުން ދިޔަ އެވެ. މަދީނާގައި ޤާއިމުވި އިސްލާމީ ދައުލަތާ ވަށައިގެންވާ ޔަހޫދީ ޤަބީލާތަކާ އެނޫން ވެސް ޤަބީލާތަކާ އެކު މުޢާހަދާތައް ހައްދަވައި ޞުލްޙަ ޤާއިމު ކުރެއްވިއެވެ.
ސަފީރުން ފޮނުއްވުން
މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމާއެކު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އެކި ޤައުމުތަކަށް އިސްލާމްދީނުގެ ދަޢުވަތާއެކު ސަފީރުން ފޮނުއްވަން ފެއްޓެވި އެވެ. މިގޮތުން ފާރިސީންގެ ވެރިއާ ކިސްރާ އާއި ރޯމްގެ ވެރިޔާ ހިރަޤުލްއާއި މިޞްރުގެ މުޤައުޤިސް އާއި ޙަބަޝާގެ ނަޖާޝީގެ އަރިހަށް އިސްލާމްދީނުގެ ދަޢުވަތު ހިމެނޭ ފަތްކޮޅުތަކާއިގެން ސަފީރުން ފޮނުއްވިއެވެ.
ޞަޙީފަތުލްމަދީނާ / ދުސްތޫރު
ޞަޙީފަތުލްމަދީނާ ނުވަތަ ދުސްތޫރުލްމަދީނާއަކީ އިސްލާމީ ތާރީޚުގައި ލިޔެވިގެން ދިޔަ ފުރަތަމަ ޤާނޫނު އަސާސީ އެވެ. މަދީނާގެ މުޖުތަމަޢުގައި ދިރިއުޅެމުން ދިޔަ އެންމެންގެ ޙައްޤުތައް އޭގައި ރައްކާތެރި ކޮށްދީފައި ވެއެވެ. ގާތްގަނޑަކަށް ސާޅީސް އަށް މާއްދާގެ މައްޗަށް އެކުލެވޭ އެ ދުސްތޫރުގައި މައިނޯރިޓީގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދީފައި ވެއެވެ. އަދި ހަނގުރާމައިގެ ޙާލުގައި މަދީނާ ދިފާޢު ކުރަން މަދީނާގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ކަނޑައަޅުއްވާފައި ވެއެވެ. މިއީ އިސްލާމީ ތާރީޚުގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ އަސާސީ އެކެވެ.
ބައިތުލްމާލު އުފެއްދެވުން
މިހާރުގެ ގޮތުން ދަންވަނީ ނަމަ އެއީ (ސެންޓްރަލްބޭންކް) ކަމުގައި ބުނެވިދާނެ އެވެ. ދައުލަތަށް ލިބޭ ޓެކްސް އާއި ހަނގުރާމަތަކުން ލިބޭ ޣަނީމާ އާއި ޒަކާތުގެ އެތައް ޖަމާކޮށް އޭގެ ޙައްޤުވެރިންނަށް ދެއްވި އެވެ.
ތަޢުލީމު ދެއްވުން
ރައްޔިތުންނަށް ތަޢުލީމު ދެއްދުމަށް ޚާއްޞަ އަހަމިއްޔަތު ކަމެއް ދެއްވިއެވެ. ބައެއް ހަނގުރާމަތަކުން އަސީރު ކުރެވުނު މީހުން މިވަން ކުރުމުގެ ފިދުޔައެއްގެ ގޮތުން މުސްލިމުންގެ ދަރިންނަށް ލިޔަން ކިޔަން ދަސްކޮށް ދިނުން ހިމެނެ އެވެ. މި ނޫން ވެސް މިފަދަ ކިތައްމެ ހެޔޮ ބަދަލެއް ޤާއިމު ކުރެއްވިއެވެ.
ލިބޭ ފިލާވަޅުތައް
- އިސްލާމީ މުޖުތަމަޢުގެ ފެށުމަކީ ރަނގަޅު ފަރުދަކު ބިނާ ކުރުން
- ދުރާލާ ކަންކަމަށް ތައްޔާރުވުން
- ތަފާތު ދާއިރާތަކުން މީހުން ބިނާ ކުރުން
- އިސްލާމީ ދައުލަތާއި މުޖުތަމަޢު އުފެއްދުމުގައި ދެ ޖިންސުގެ މީހުން ގުޅިގެން މަސައްކަތް ކުރުން
- އިސްލާމީ މުޖުތަމަޢުގައި އުޅޭ އެހެން ދީންތަކުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުން