ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ފިކުރީ އަމާންކަމާއި ޤައުމީ ސަލާމަތް

ސަލާމަތާއި ރައްކާތެރިކަން އޮތުމަކީ ޤައުމެއްގެ ޙަޔާތުގައި އެންމެ މުހިންމު ރުކުނެވެ. އަމާންކަން ނެތް ތަނެއްގައި ތަރައްޤީއާއި ކުރިއެރުމެއްނޯންނާނެއެވެ. އަމާންކަން ނެތި ދިއުމުގެ ނޭދެވޭ ނަތީޖާ ދައުލަތުގެ މުޅި ނިޒާމަށް ކުރާނެއެވެ. މިހެންކަމުން އިސްލާމްދީނުގައި ވެސް މުޖުތަމަޢާއި ދައުލަތުގެ އަމާންކަން ނެގެހެއްޓުމަށް މުހިންމުކަން ދީފައިވެއެވެ. ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެއްޖެމީހާ އެވެ. ލޭ އޮހޮރުވާލުން ހުއްދަ ވެގެން ނުވާ ފަދައިން ނުބައި ބަސްބުނުން ވެސް ހުއްދަވެގެން ނުވެއެވެ. ސަބަބަކީ ނުބައި ބަސް ބުނުމަކީ ފިތުނަ ފަސާދައަށް މަގު ފަހި ކުރާ ކަމެކެވެ.

ފިތުނަ ފަސާދައަކީ ޤައުމީ ސަލާމަތަށް އޮތް ހުރަހެކެވެ. އިބްރާހީމްގެފާނު މައްކާއަށް ހެޔޮ އެދިވަޑައިގެން ކުރެއްވި ދުޢާގައި އެންމެ ފުރަތަމަ ވެސް ﷲ ގެ ޙަޟްރަތުން އެދިލެއްވީ އެތަން އަމާން ތަނެއްގެ ގޮތުގައި ލެއްވެވުމަށެވެ. ޤުރައިޝުންނަށް ދެއްވި ނިޢުމަތްތައް ބަޔާންކުރައްވަމުން އަމާންކަން ލެއްވި ވާހަކަ ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. އަމާންކަމުގެ މުހިންމުކަމާ ގުޅޭ އާޔަތްތަކާ ޙަދީސްތައް ވަރަށް ގިނައެވެ.

ޝަރުޢުގެ މަޤުޞަދުތަކުގެ ތެރެއިން އަމާންކަމާ ގުޅިފައިވާ ކަންކަން ވަރަށް ގިނައެވެ. އަމާން ނަގާލައި ބިރުވެރިކަން އުފައްދައި ނިރުބަވެރި ޢަމަލު ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި ވަރުގަދަ ޢުޤޫބާތް ކަނޑައަޅާފައިވެއެވެ. އެހެނީ އަމާންކަމަކީ މުޅި ދައުލަތުގެ ނިޒާމު އޭގެ މަތީގައި ޤާއިމުވެގެންވާ ތަނބުކަމުގައިވާތީ އެވެ. ދައުލަތުގެ އެންމެހާ މަޞްލަޙަތުތަކެއް އޭގެ މައްޗަށް ބިނާވެގެންވާ އަސާސްކަމުގައިވާތީއެވެ. ނޭޝަނަލް ސެކިއުރިޓީއަށްޓަކައި އެންމެ މުހިންމު ކަން ދޭންޖެހޭ އެއްކަމަކީ ފިކުރީ އަމާން ކަން ޤާއިމު ކުރުމެވެ. ނުވަތަ އިންޓަލެކްޗުއަލް ސެކިއުރިޓީ ކަށަވަރުކުރުމެވެ.

ދީނީ އަދި ސިޔާސީ ހައްދުފަހަނައެޅުމާއި އިޖުތިމާއީ ނޭދެވޭ އަސަރުތަކުންނާއި ނުރައްކާތެރިއެންމެހާ ފިކުރުތަކާއި ބާރުތަކުން ސިކުނޑިތައް ރައްކާތެރިކުރެވިފައިވާ ވަޒަން ހަމަ ރައްޔިތަކު ބިނާ ކުރުމަކީ ފިކުރީ އަމާންކަން ޤާއިމު ކުރުމެވެ. އެއީ ޤައުމުގެ ސަލާމަތަށް އެޅޭނެ އެންމެ ރައްކާތެރި ފިޔަވަޅެވެ. އަފްރާދުންގެ ފިކުރީ އަމާކަން ގެއްލިއްޖެ ނަމަ މުޖުތަމަޢު ޚަރާބުވެދާނެއެވެ. ނިރުބަވެރި ޢަމަލުތަކަށް އަރައިގަންނަނީ ވިސްނުމަށް އަންނަ ބަދަލަކުންނެވެ. ފިކުރު ބަދަލު ކުރެވޭނީ ފިކުރުންނެވެ. އެއީ ޢިލްމާއި މަޢުރިފާ އިތުރުކުރުމެވެ. ރަނގަޅު ވިސްނުމާއި ހެޔޮ ތަރުބިޔަތު ދިނުމެވެ.

އެއްވެސް ކަމެއްގައި އޮންނަ ޙައްދުތައް ފަހަނައަޅައިގެން ނުވާނެއެވެ. ދީނީ ކަންކަމުގައި ޙައްދު ފަހަނައަޅައި ދިއުމަކީ ޤުރުއާނާ ސުންނަތުގައި މަނާ ކުރައްވާފައިވާ ކަމެކެވެ. ސިޔާސީ ކަމަކަށް ވިޔަސް ދީނީ ކަމަކަށް ވެސް އެކަމެއްގައި ވަޒަން ހަމަ ވިސްނުމެއް އޮންނަންޖެހޭނެ އެވެ. ދީނުގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޓެރަރިޒަމްގެ ޢަމަލުތަކަކީ ފިކުރީ އަމާންކަން ގެއްލި އަފްރާދުންގެ ސިކުނޑިތަކަށް ނޭދެވޭ ވިސްނުންތަކާއި ފުރެދުންވެރިވުމުގެ ސަބަބުން ނިކުމެގެން އުޅޭ ނަތީޖާއެވެ.

އެހެން ކަމުން ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފިކުރީ އަމަންއަމާންކަން ޤާއިމު ކުރުމެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ ސިކުންޑިތައް ދޮވުމުގެ ފުރުޞަތު ނުދިނުމެވެ. ސޯޝަލްމީޑިޔާގައި ފަތުރަނުންދާ ނޭދެވޭ ޚިޔާލުތަކުގެ ޝިކާރައަކަށް ވެގެން ދިޔަ ނުދިނުމުގެ މައްޗަށް ޒުވާނުން ތަރުބިޔަތު ކުރަންވީއެވެ. ފިކުރީ އަމާންކަމާ މެދު ވިސްނައި އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. ނުހަނު ބާރު މިނެއްގައި ފެތުރެމުންދާ ނޭދެވޭ ވިސްނުންތަކުން ޒުވާނުންނާއި ކިޔަވާކުދިން ސަލާމަތްކުރަން އެކަށޭނަ ޕްލޭނެއް ރާއްޖޭގައި ޤާއިމު ކުރަންޖެހެއެވެ. ދައުލަތުގެ މަޞްލަޙަތާ ގުޅުން ހުރި މިޒާތުގެ ކަންކަމަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އަޅަންޖެހޭނެ ކަމެކެވެ. މި މަޒްމޫނުގައި މި ބަޔާންކުރަނީ ދީނީ ދާއިރާއިން ފިކުރީ އަމާންކަން ޤާއިމުކުރުމަށްޓަކައި އަޅަން ފެންނަ ބައެއް ފިޔަވަޅު ތަކުގެ ވާހަކަ އެވެ.

1
 

ފިކުރީ އަމާންކަން ރައްކާތެރިކުރުމަށް ޤައުމީ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލުން

އަޅުގަނޑުގެ ނަޒަރުގައި މި ފަދަ ޕްލޭނެއް އެކުލަވާލަންވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކައުންޓަ ޓެރަރިޒަމް ސެންޓަރުންނެވެ. މި ޕްލޭން އެކުލަވާލާއިރު ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަންވާނެއެވެ. ފިކުރީ އަމާންކަމަކީ ޤައުމީ ސަލާމަތުގެ އަސާސެވެ. މި ޕްލޭނުގައި ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި މީޑީޔާ ގެ މަސްއޫލިޔަތު ބަޔާންކުރެވެންވާނެއެވެ. އަދި މިފަދަ ޕްލޭނެއް އެކަށައެޅުމަށް ފަހު އޭގައި ވާގޮތައް އެހެން މުއައްސަސާތަކުން ޢަމަލު ކުރަންޖެހޭގޮތައް ޕްލޭން ކުރުމުން ޤައުމަށް ފައިދާކުރާނެއެވެ.

2
 

ދީނީ ގޮތުން ހަރުކަށިވުމުގެ މަފްހޫމް ދެނެގަތުން

ދީނަށް އުޅުމަކީ ހަރުކަށި ވުމެއް ނޫނެވެ. ސުންނަތުގެ ކަންކަމުގައި ހިފުމަކީ ވެސް ހަރުކަށި ވުމެއް ނޫނެވެ. ވާޖިބު ދަރަޖަ ލިބިގެން ނުވާ ސުންނަތުގެ ކަމެއްގައި ހިފައިގެން ހުރި މީހާ އަނެއް މީހުންނާ މެދު ދެކޭ ގޮތަކުން އޭނާއަކީ ހަރުކަށި މީހުންގެ ތެރޭގައި ތަޞްނީފު ކުރެވިދާނެއެވެ. ދީނަށް އުޅުމަކީ ބޭރުފުށުން ފެންނަން ހުންނަ ފޭރާމެއް ވެސް ނޫނެވެ. ތިމާއަޅާ ފޭރާން ނާޅާ އަނެއް މީހަކީ ސުންނަތަށް އުޅޭ އަޚެއް ނޫންކަމަށް ދުށުމަކީ ގޯހެކެވެ. އިސްލާމްދީނުގައި ވަކި ފޭރާމެއް އަޅަން އަންގަވާފައި ނޯވެއެވެ. އޮންނަނީ ނިވާ ކުރަންޖެހޭ މިންވަރެއް ދަސްކޮށްދީފަ އެވެ. އެ މިންވަރު ނިވާވުމުން އެހުރީ އިސްލާމަކަށް ވެފައެވެ. އެމީހާ ވަކި ގޮތަކަށް ފޭރާން އަޅަން މަޖްބޫރު ނުކުރެވޭނެ އެވެ. ދީނަށް އުޅުމަކީ ތިމާގެ ރިވެތި އުޅުމާއި ރިވެތި ޚުލުޤާއި ތަޤުވާވެރިކަމެވެ. އެހެން މީހުންނަށް ހެޔޮ އެދުމެވެ. އިންސާނުން ދެކެ ލޯބިވުމެވެ. ދީނަށް އުޅުމަކީ ތިމާ ނޫން އެހެން އެންމެން ދީނުން ބޭރު ކުރުމެއް ވެސް ނޫނެވެ. ނުވަތަ ތިމާއާ ޚިޔާލު ދިމާނުވާ މީހާ ނިކަމެތި ކޮށްލުމެއް ވެސް ނޫނެވެ. ދީނަށް އުޅޭ މީހާ ވެސް ވާޖިބާއި މުސްތަޙައްބުކަންކަމުގެ ދަރަޖަ ތައް ތަފާތުކޮށް ދެނެގަންނަންޖެހެ އެވެ. މުސްތަޙައްބު ކަމަކަށް ރުކުނެއްގެ ދަރަޖަ ދެވިގެން ނުވާނެއެވެ. ސުންނަތްތައް އަދާކުރުމުގައި އެންމެން އެއް ހަމަ ނުވާނެ ކަން ދަންނަންޖެހޭނެ އެވެ.

3
 

އޭތިޒަމްގެ ޢަމަލުތައް ކޮންޓްރޯލްކުރުން

ދިވެހިރާއްޖޭގައި އެތިޒަމްގެ ފިކުރު ފެތުރެމުންދަނީ ހަލުއިމިނުގަ އެވެ. ސޯޝަލްމީޑިއާ އަށް ބަލާލުމުން މިކަން ފާހަގަ ވާނެއެވެ. އެކި އެކި ޕޭޖުތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ނަބިއްޔުންނަށް މަލާމާތްކޮށް ހުކުރު ޚުތުބާއަށް މަލާމާތްކޮށް ﷲ ވޮޑިގެންވާ ކަމާ ދެކޮޅު ވިސްނުން ދިވެހި މުޖުތަމަޢުގައި ފަތުރަން މަސައްކަތް ކުރެ އެވެ. މި ބާވަތުގެ ޢަމަލުތަކަކީ ދީނީ ހަރުކަށި ޢަމަލު ފަދައިން ހުއްޓުވަންޖެހޭ ކަންކަމެވެ. މި ބާވަތުގެ ޢަމަލުތަކަކީ ވެސް ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެކެވެ.

4
 

ދީނީ ޕްރޮގްރާމްތައް މޮނިޓާ ކުރުން

ދީނީ ނަސޭޙަތް ދިނުމަކީ އެކަމުގެ އިތުބާރު ހުރި ޢިލްމުގެ އަހުލުވެރިންނަށް މިނިވަންކަމާއެކު އޮންނަންޖެހޭ ކަމެކެވެ. ހެޔޮ ކަންކަމަށް ގޮވާލުމަކީ ދީނުގެ އިޖުތިމާޢީ ރުކުނެކެވެ. އެކަން ދަމަހައްޓަން ޖެހެއެވެ. އެކަމަކު ހަމަ އެއާއެކު ބައެއް ކަންކަމުގައި ކޮންމެވެސް ވަރެއްގެ އުޞޫލުތަކެއް ހިފަހައްޓަން ޖެހޭ ކަމަށް ދެކެމެވެ. ސްކޫލް ތަކުގައި ކޮންމެ ކޮންމެ މީހަކު ވަދެ އެމީހަކު ހިތައް އެރިހާ އެއްޗެއް ކިޔައި ދިނުމުގެ ފުރުޞަތަކީ އެއްވެސް ޤައުމެއްގައި އޮންނަ ފުރުޞަތެއްނޫނެވެ. ސްކޫލުތަކުގެ ދީނީ ޕްރޮގްރާމްތައް ހިންގަންވީ ރަސްމީ ފަރާތުންނެވެ. ނުވަތަ ރަސްމީ އިދާރާތަކާ ގުޅިގެން އިތުރުބާރު ހުރި ޢިލްމުވެރި ފަރާތްތަކުންނެވެ.

5
 

އިސްލާމީ ދަޢުވަތުގެ ޕްލޭން އެކުލަވާލުން

ނަތީޖާއެއް ނިކުންނާނީ ރަނގަޅު ޕްލޭނާއެކު މަސައްކަތްކޮށްގެނެވެ. ދީނީ ގޮތުން ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ އެއަށް ފަރުވާ އެއް ހޯދެންޖެ އެވެ. އެކި ރައްރަށުގައި އެކި އަތޮޅުތަކުގައި ހުރީ އެކި އެކި މައްސަލަތަކެވެ. ޒުވާނުންނަށް ދިމާވެފައިވާ ފިކުރީ މައްސަލަތައް ވެސް ތަފާތެވެ. މުހިންމު މައުޟޫޢުތަކާއި އެންމެ މުހިންމު މައުޟޫޢުތައް ވަކި ކުރެވެން ޖެހެއެވެ. މިހެންކަމުން މިކަންކަން ވަރަށް ރަނގަޅަށް ދިރާސާކޮށް އެކްޝަން ޕްލޭނެއް އެކުލަވާލަން ޖެހެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގައި ޓީވީ ޗެނަލް ހަދަން ސިންގަޕޫރުން ގެނައި ވަސީލަތްތައް ޓީވީ އެމް އަށް ދީފައިވާ ނަމަ އެތަކެތި މިނިސްޓްރީ އަށް އަލުން އަނބުރާ ހޯދަންޖެހެ އެވެ. އެއީ އިސްލާމީ މަސައްކަތްކުރަން ހޯދާފައިވާ ވަސީލަތްތަކެވެ. އެތަކެތި މިނިސްޓްރީއަށް އަލުން ގެނެސް ޕްލޭނެއްގެ ދަށުން މަސައްކަތްކޮށް ހަރުކަށި ފިކުރުތަކާއި އިލްޙާދީ ފިކުރު ތަކަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. ސޯޝަލް މީޑިޔާގައި ޒުވާނުންނާ ހަމަ އަށް ވާޞިލްވާންޖެހެއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ދައުވާ ޓްވިޓާ އެކްޓިވް ކުރަންޖެހެއެވެ. މިނިސްޓްރީގައި ނިއުސް ޓުވިޓާ އާއި ދަޢުވާ ޓްވިޓާ އެއް ހުންނާނެ އެވެ. ނިއުސް ޓުވީޓާ ކުރިއަށް ދެއެވެ. ނަމަވެސް @MVDaawah މި އެކައުންޓް ވަނީ ހުއްޓިފަ އެވެ. މިފަދަ އާ އެކައުންޓް އެއް ހަދައިގެން ނަމަވެސް އެކި މީހުންގެ ދީނީ ސުވާލުތަކަށް ޖަވާބު ދެވިދާނެ އެވެ. އަދި ކޮންމެހެން އެކަމަކާމެދު ވާހަކަ ދައްކަން ޖެހޭ ދީނީ ކަންކަމަށް ވެސް އެ މެދުވެރިކޮށް ވާހަކަ ދެއްކިދާނެ އެވެ. ދުވާލަކު އެއްމެ ޓުވީޓެއް ކުރެވުނަސް އެއީ ވަރަށް އަގުހުރި ޚިދުމަތަކަށްވާނެ އެވެ. ނަތީޖާއަކަށް ވާނީ ރަސްމީ ޞައްޙަ މަޞްދަރުތަކުން މަޢުލޫމާތު ނަގަންފަށުމެވެ. މުޖުތަމަޢުގައި ހުރި މައްސަލަތަކަށް މިފަދަ ރަސްމީ ޓުވިޓަރ މެދުވެރިކޮށް އެޑްރެސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. އިނިގިރޭސި ބަހާއި ދިވެހި ބަހުން ޓުވިޓަރގައި ޙަރަކާތްތެރިވެވޭނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އަމާޒުކޮށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރާއްޖެއަށް ކުރިމަތިވަމުން އަންނަ ކަންކަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރެވޭނީ އިސްލާމީ މެދުމިނުގެ ދަޢުވަތު ހަރުދަނާކޮށް ވަރުގަދަ ކޮށްގެންނެވެ.

6
 

ޢިލްމުވެރިންގެ ޔޫނިއަން އުފެދުން

އެއްވެސް ސިޔާސީ ޙަރަކާތްތަކެއްގައި ނޫޅޭ ޢިލްމުވެރިންގެ ޔޫނިއަން އެއް އޮތުމަކީ ބޭނުންތެރި ކަމެކެވެ. މިޒަމާނުގައި މި ފެންނަ ސިޔާސީ ޙަރަކާތްތަކާއި ޝަރުޢީ ސިޔާސަތާ މިއީ ދެކަމެކެވެ. ޝަރުޢީ ސިޔާސަތުގެ ނަޒަރުން އަބަދުވެސް ބަލާނީ އިސްލާމްދީނުގެ މަޞްލަޙަތު އޮތް ގޮތެވެ. އެއްވެސް ސިޔާސީ މަޞްލަޙަތަކަށްޓަކައި ދީނީ މަޞްލަޙަތު ހުރި ކަންކަމުން ތަނާޒުލްނުވާނެއެވެ. ދީނަށް ކުރިމަތިވާ ގޮންޖެހުންތަކުން ދީން ރައްކާތެރިކޮށް ދީނާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބުދޭނެ ޕާޓީ ސިޔާސީ ޙަރަކާތްތަކުން އެއްކިބާވެފައިވާ ސާފު އަދި ތަފާތު ފިކުރީ މަދުރަސާ އަކަށް ނިސްބަތްވާ ޢިލްމުވެރިންގެ ޔޫނިއަންއެއް އޮތުމަކީ ޤައުމީ ސަލާމަތަށްޓަކައި ނުހަނު ބޭނުންތެރިކަމެއްކަމުގައި ވެސް ދެކެމެވެ. މި ފަދަ ޔޫނިއަންއެއް ޤާއިމު ކުރަންވާނީ އަމިއްލަ ބަޔެކެވެ. އެއީ ސަރުކާރު ނުވަތަ ސިޔާސީ އެއްވެސް ބައެއްގެ ނުފޫޒު އޮތް ބަޔަކަށް ވެގެން ނުވާނެއެވެ. އަދި އިންތިޚާބު ތަކުގައި ވެސް ވަކި ބަޔަކަށް ކެންޕޭންކޮށްދޭ ބަޔަކަށް ވެސް ވެގެންނުވާނެއެވެ. ޢިލްމީ ދިރާސާކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުމާއި ފޯރަމްތައް ބޭއްވުން ފަދަ ކަންކަން މި ފަދަ ޔޫނިއަންއަކުން ކުރިއަށް ގެންދެވިދާނެއެވެ. އެކަމަކު މިފަދަ ޔޫނިއަނެއް އުފެދެންވާނީ ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކާ ނުލައެވެ. މިފަދަ ޔޫނިއަން އެއް ހިންގުމަށް އިސްލާމިކް ސޯޝަލް ފަންޑެއް ޤާއިމު ކުރެވިދާނެއެވެ.

7
 

ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތައް އިޞްލާޙުކުރުން

ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތައް އިޞްލާޙުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަރުކަށިވުމަކީ ފިކުރީ މައްސަލައެއް ކަމުން އެކަމެއް އަދަބުދީގެން ޙައްލެއްނުވާނެއެވެ. ރާއްޖޭގައި މީގެ ކުރިން ދީނީ ގޮތުން ޚިޔާލުތަފާތުވި ފަރާތްތަކަށް ޖަލުތަކުގައި ލާއިންސާނީ އެތައް އަދަބެއް ދީފައިވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފިކުރީ މައްސަލަ ޙައްލުކުރެވޭނީ ނަސޭހަތާއި ޢިލްމު ދީގެންނެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ކައުންސެލިން ދެވޭނޭ ހަރުދަނާ ނިޒާމެއް އޮންނަންޖެހެއެވެ. މިކަމަށް ޚާއްޞަ ޕްރޮގްރާމެއް އެކުލަވާލެވިދާނެއެވެ. މިކަންކުރުމުގައި އިސްލާމީ ޤައުމުތަކުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުން މުހިންމު ކަމުގައި ދެކެމެވެ.

8
 

ފިކުރީ އަމާންކަން ޤާއިމު ކުރުމުގައި މީޑިޔާގެ ދައުރު ފުޅާކުރުން

މީޑިޔާއަކީ ފިކުރީ އަމާންކަން ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ އެއް ވަސީލަތެވެ. އެންމެ މުހިންމު އެއް ވަސީލަތަކީ އެއީއެވެ. އެކަމަކު މިކަންކުރުމުގައި ޕްލޭނެއް އޮންނަންޖެހެއެވެ. ދިވެހި މުޖްތަމަޢުގައި ހުރި މައްސަލަތައް ދެނެގަނެވެން ޖެހެއެވެ. އެއަށް ފަހު އެކަންކަމަށް އަމާޒުކޮށް ޑިސްކަޝަންތައް ބޭއްވުން މުހިންމެވެ. ޒުވާނުންގެ ހިތްތަކުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ދެވެންޖެއެވެ. ފިކުރީ އަމާންކަން ޤާއިމު ކުރުމުގައި ޢިލްމީ ޖަވާބަކީ އެންމެ މުހިންމު ދޮރެވެ.
މި ދެންނެވީ ފިކުރީ އަމާންކަން ޤާއިމު ކުރުމުގައި ކުރުން މުހިންމު ކަމަށް ފެންނަ ކަންކަމެވެ. މިކަންކަމަކީ ތަޖުރިބާތަކުގެ އަލީގައި ދަންނަވާ ވާހަކަތަކެވެ. މިކަންކަމާމެދު ޚިޔާލު ތަފާތުވާ ބަޔަކު އުޅެވެސް ދާނެއެވެ. އެކަމަކު ޢިލްމީ ބިނާކުރަނިވި ޚިޔާލުތަކަށް އަބަދުވެސް މަރުޙަބާއެވެ.