އިންޑިއާގެ މިހާރުގެ އެންމެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ވިރާޓު ކޯލީ އާއި އެމްއެސް ދޯނީގެ ހާއްސަ ހަދިޔާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ. އެ ދެ ކުޅުންތެރިން ވަނީ ސޮއި ކުރުމަށްފަހު ކްރިކެޓް ބެޓަކާއި ޖާޒީއެއް ރައީސްއަށް ހަދިޔާކޮށްފަ އެވެ.
ރައީސް ސޯލިހު މިރޭ ވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ވާދަވެރި އެއް މެޗް ކަމަށްވާ ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ބައްދަލުކުރި މެޗް ބައްލަވާލައްވާފަ އެވެ. ޗެންނާއީ ސުޕަ ކިންގްސްގެ ކެޕްޓަނަކީ ދޯނީ އެވެ. ރޯޔަން ޗެލެންޖާސް ބެންގަލޯގެ ކެޕްޓަންއަކީ ވިރާޓެވެ. މެޗުން މޮޅުވެފައިވަނީ ވިރާޓްގެ ޓީމެވެ.
ވިރާޓް ކޯލީއަކީ އިންޑިއާގެ ގައުމީ ޓީމްގެ މިހާރުގެ ކެޕްޓަނެވެ. ދޯނީ އަދިވެސް ގައުމީ ޓީމަށް ކުޅޭއިރު 2011 ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކުރިއިރު ކެޕްޓަނަކީ ދޯނީ އެވެ. އެ ދެ ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ ބެޓްސްމަންނުންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.
ކުރިކެޓް ކުޅުއްވާ އަދި އެ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ހާއްސަ ގޮތެއްގައި އެ މެޗް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ރާއްޖޭގައި ކުރިކެޓް ކުރިއެރުވުމާ ގުޅޭ ގޮތުން އިންޑިއާގެ ކްރިކެޓް ބޯޑާއެކު ބެންގަލޫރްގައި މިއަދު ރައީސް ބައްދަލުވުމެއް ބޭއްވެވި އެވެ.