ބިންމަތީގައި ހިނގާ ފަސާދަތަކުގެ ތެރެއިން އެންމެ ބޮޑު ފަސާދައަކީ ނުޙައްޤުން އިންސާނުންގެ ލޭ އޮހޮރުވާލުމެވެ. އެންމެ ފުރާނައެއް ވެސް ނުޙައްޤުން ދުއްވާލައިފި ނަމަ އެއީ މުޅި އިންސާނިއްޔަތަށް ދެވޭ ޙަމަލާއެކެވެ. އަދި އެންމެ ފުރާނައަކަށް ދިރުންދީފި ނަމަ އެއީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެކެވެ. މިއީ ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދެކެވެ.
އަލްމާއިދާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. " އެކަމަށްޓަކައި އިސްރާއީލުގެ ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫން ގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދަ އެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވި ފަދަ އެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަ މީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ."
މިއާޔަތުން ދޭހަވަނީ ނުޙައްޤުން ލޭ އޮހޮރުވުމަކީ ބިންމަތީގައި ހިންގޭ އެންމެ ބޮޑު ފަސާދަވެރި ޢަމަލު ކަމެވެ.
މާތް ﷲ ވަނީ އިންސާނާ ޙުރުމަތްތެރި ކުރައްވާފަ އެވެ. އެއީ މުސްލިމަކަށް ވިޔަސް ޣައިރު މުސްލިމަކަށް ވިޔަސް ކޮންމެ ފުރާނައަކީ ވެސް ﷲ ގެ ޙަޟްރަތުގައި ޙުރުމަތްތެރިވެގެންވާ ފުރާނަ އެކެވެ. އަލްއިސްރާއު ސޫރަތުގެ 70 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަގައިގައި ވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތް ކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތް ކުރެއްވީމެވެ."
އިސްލާމްދީނުގެ އެންމެ މަތިވެރި މަޤުޞަދުތަކުގެ ތެރޭގައި ފުރާނަ ޙިމާޔަތް ކުރުން ވަނީ ލައްވާފަ އެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތްތަކެއްގައި މާތް ﷲ ވަނީ ފުރާނައަށް ޙުރުމަތްތެރިކޮށް ހިތުމަށް އަމުރު ކުރައްވާފަ އެވެ. އަލްއަންޢާމް ސޫރަތުގެ 151 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި މީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقير ކަމުގެ ސަބަބުން ތިޔަބައި މީހުން ދަރިން ނުމަރާށެވެ! ތިޔަބައި މީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެ އެވެ. އަދި فاحش ކަންތައްތަކާ ތިޔަބައި މީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައި މީހުންނަށް وصية ކުރެއްވީ، ތިޔަ ބައި މީހުން ވިސްނުމަށްޓަކައެވެ."
އަދި އަލްއިސްރާއު ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ތިޔަ ބައިމީހުން، اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް حق އަކާ ލައިގެން މެނުވީ ނުމަރާށެވެ! އަދި އަނިޔާގެ ގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާ ހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައި ވިއެވެ."
މިފަދަ އެތައް އާޔަތްކެއްގައި ފުރާނައަށް ޙުރުމަތްތެރިކޮށް ހިތުމަށް ﷲ ވަނީ އިންސާނިއްޔަތަށް ވަޞިއްޔަތް ކުރައްވާފަ އެވެ. މިހެންކަމުން އެއްވެސް ފުރާނައަކާމެދު އަނިޔާވެރި ޢަމަލެއް ހިންގުމަކީ ކަނޑައެޅިގެން މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. މިކަމުގައި ވަކި ދީނެއްގެ މީހަކަށް ބެލުމެއް ނެތެވެ. ކޮންމެ މީހަކީ އިންސާނީ ކަރާމަތުގެ ނަޒަރުން މަތިވެރި އިންސާނެކެވެ. އޭނާގެ ފުރާނައަކީ ޙިމާޔަތް ކުރެވިގެންވާ ފުރާނަ އެކެވެ. އިންސާނީ ކަރާމަތު ދެމެހެއްޓުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އުޞޫލެވެ. އިންސާނީ ފުރާނަ އަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ ދުނިޔެއާއި އާޚިރަތުގައި ގަދަފަދަ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކަށް ނަޒަރު ހިންގާލާއިރު ވެސް ފުރާނައިގެ ޙުރުމަތްތެރިކަން ބަޔާން ކުރައްވާފައި ވެއެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ނުޙައްގުން ލޭ އޮހޮރުވާލުމުގައި ބައިވެރި ނުވާހާ ހިނދަކު މުއުމިން އިންސާނާގެ ދީންވެރިކަން ފުރިހަމަ ވެގެން ވެއެވެ. (އަލްބުޚާރީ: 6483) އަދި ބޮޑުވެގެންވާ ހަތް ފާފަ ބަޔާން ކުރައްވަމުން އޭގެ ތެރޭގައި "ނުޙައްޤުން އިންސާނެއްގެ ފުރާނަ ދުއްވާލުން "އެއްކަމެއްގެ ގޮތުގައި ބަޔާން ކުރައްވާފައި ވެއެވެ. (އަލްބުޚާރީ 2634)
އަދި ޙައްޖަތުލްވަދާޢުގެ މަޝްހޫރު ޚުޠުބާގައި ވެސް "ފުރާނަ އަށް ރައްކާތެރިވުމަށް އިންސާނިއްޔަތަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ." (އަލްބުޚާރީ: 1662)
މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދުގައި ވެސް އޮންނަންޖެހޭ ގުޅުމުގެ އަޞްލަކީ ޞުލްޙަވެރި ކަމެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމް ކުރުމެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވުމެވެ. ދުނިޔެ ތަޢުމީރު ކުރުމުގައި ޢަދުލުވެރި ގޮތުގައި ބައިވެރިވުމެވެ. އިސްލާމީ މުޖުތަމަޢުގައި އަމާންކަމާއި ޞުލްޙަވެރިކަމާއެކު އުޅޭ ޣައިރު މުސްލިމެއްގެ ފުރާނަ ދުއްވާލައިފި މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަމުގައި ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (އަލްބުޚާރީ: 3011)
އިންސާނިއްޔަތު ތަފާތު ޠަބީޢަތްތަކާއި ދީންތަނުގެ މައްޗަށް ފިޠުރަތު ކުރެއްވުމުގައި ޙިކުމަތްތަކެއް ވެއެވެ. އެގޮތުގައި ﷲ ވަނީ އިންސާނީ ދަރިފަސްކޮޅު ލައްވާފަ އެވެ. އޭގެ ތެރޭގައި މުސްލިމުންނާއި އެނޫން މީހުން ވެއެވެ. ކޮންމެ މީހަކަށްމެ އެމީހަކު އުޅެންވީ ގޮތް ޚިޔާރު ކުރުމުގެ މިނިވަންކަން ވަނީ ދެއްވާފަ އެވެ. އެއީ އިސްލާމްދީނުގެ ޙައްޤުވަންތަކަށް ފާޅު ކުރައްވާފައިވާ ޙާލުގަ އެވެ.
އިސްލާމްދީނަށް އެއްވެސް މީހަކު ވެއްދުމަށް މަޖުބޫރު ކުރުމެއް ނެތެވެ. އެއަށް ވުރެ ދީނުގެ އަސާސްތަކުގެ މަތިވެރިކަމާއި ޙުއްޖަތްތަކުގެ ފާޅުކަމާއި ހާމަކަން ބޮޑެވެ. އިސްލާމް ދީނަށް ގޮވާލުން ބިނާ ކުރަން ޖެހޭނީ ވެސް ޙިކުމަތާއި ރިވެތި ވަޢުޡުގެ މައްޗަށެވެ. ޢިލްމީ ޙުއްޖަތް ޤާއިމު ކުރުމުގެ މައްޗަށެވެ. އެއްވެސް މަޖްބޫރު ކުރުމެއް ނެތެވެ.
އިސްލާމީ މުޖުތަމަޢުގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އެމީހުންނާ މެދު ޢަދުލުވެރިވުމަށް ދީނުގައި މަތިވެރި އަމުރު އައިސްފައި ވެއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ނަޒަރު ހިންގާލާއިރު އިންސާނުންނާ މެދު ނޭދެވޭ އަދި އެއްވެސް ދީނެއް ހުއްދަ ނުކުރާ އަނިޔާވެރި ޢަމަލުތައް ހިންގަމުންދާ ތަންފެނެ އެވެ.
މިކަންކަމުގެ ސަބަބުން އިންސާނިއްޔަތުގެ އެއްބައިވަންތަކަމަށް ދަނީ ލޮޅުން އަރަމުނެވެ. ބިންމަތީގައި ދަނީ ފަސާދަ އުފެދެމުންނެވެ. އެއް ދީނެއްގެ މީހުން އަނެއް ދީނުގެ މީހުންނާ ޖެހި މުޅި ދުނިޔޭގެ ނިޒާމަށް ދަނީ ލޮޅުން އަރަމުންނެވެ. މިކަމަކީ މިއީ ޘަޤާފަތްތަކުގެ މެދުގައި ތަޅާފޮޅުން އުފެދި އިންސާނީ ޙަޟާރަތު ފުނޑުފުނޑުވެގެން ހިގައިދާނެ ކަމެކެވެ.
އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތުން ހަނގުރާމައިގެ ވަގުތުގައި ވެސް އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނާއި އެތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުންނަށް ރައްކާތެރިކަން ދީފައި ވެއެވެ. އެއީ އެންމެ ނުރައްކާތެރިކަން ބޮޑު ވަގުތެވެ.
ދެން ފަހެ އެނޫން ވަގުތު ތަކުގައި އެ ޙިމާޔަތާއި ރައްކާތެރިކަމުގެ ދަރަޖަ އެތައް ގުނައަކަށް މަތިވެރި ނުވާނެހެއްޔެވެ؟ ޝައްކެއްނެތެވެ. މަތިވެރި ވެގެންވެއެވެ. އެއީ އިސްލާމް ދީނުގައިވާ ރަޙުމަތާއި އޯގާތެރިކަމާއި ސަމާޙަތުގެ އަޚުލާޤިއްޔާތެވެ. އިސްލާމީ ޝަރީޢަތަކީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައިވާ ޝަރީޢަތަކަށް ވީހިނދު، އެއީ ޢާލަމްތަކަށް ލަޢުނަތެއް ކަމުގައި ނުވާނެ އެވެ.
މިހެންކަމުން މިއަދު ފެންނަމުންދާ މަންޒަރުތަކާ މެދު މުސްލިމު ޒުވާނުން ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ޤައުމުތަކަށް އައިސް އުޅޭ ޞުލްޙަވެރި ޓުއަރިސްޓުންނަށް ޙަމާ ދިނުމާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ހޮޓާ ތަކަށް ޙަމަލާ ދިނުމާއި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަނަށް ޙަމަލާ ދިނުމާއި މީހުން ހައިޖެކް ކުރުމާއި މިސްކިތްތަކަށް ޙަމަލާ ދިނުމާއި ކުށެއްނެތް އިންސާނެއްގެ ފުރާނައަށް އަމާޒުކޮށް ނުޙައްޤުން ޙަމަލާ ދިނުމަކީ އިސްލާމްދީނުގައި އެންމެ މަތީ ދަރަޖައިގައި ނަހީ ކުރައްވާފައިވާ ކަންކަމެވެ.
މިއީ މާތް ﷲ ކަނޑައަޅުއްވާފައިވާ އިމެވެ. މި އިމަށް އަރައިގަނެއްޖެ ކޮންމެ މީހަކަށް ﷲގެ ޙަޟްރަތުން ޢަޒާބު ހުއްޓެވެ. އެއްވެސް މުސްލިމަކު މިބާވަތުގެ ޢަމަލަކަށް އަރައިގަނެގެން ނުވާނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުންދާ ހަރުކަށި ޖަމާޢަތްތަކުން ޒުވާނުންނަށް އަމާޒު ކޮށްގެން ސިކުނޑި ދޮވުމުގެ ޙަރަކާތްތަކެއް ހިންގަމުން ދެއެވެ. ޖިހާދު ކުރުމުގެ ނަމުގައި ސިޔާސީ ފިތުނަތަކުގެ ތެރެއިން ހިންގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދަޢުވަތު ދެއެވެ. މިފަދަ ދަޢުވަތު ތަކަށް އިޖާބަ ދީގެން ނުވާނެ އެވެ. ފަހެ އިސްލާމީ ޖިހާދަކީ އެކަމުގައި މަތިވެރި އަސާސުތަކެއް ލައްވާފައިވާ މުޤައްދަސް ކަމެކެވެ. އިސްލާމީ ޖިހާދުގެ މަޤުޞަދަކީ ﷲގެ ކަލިމަފުޅު މަތިވެރި ކުރުމެވެ. އެއީ ދިފާޢީ ކަމެކެވެ. ޞުލްޙަވެރި ކަމާއެކު މުސްލިމުންނާ އެކު އުޅޭ އެއްވެސް ބަޔަކާ އިސްވެ ހަނގުރާމަ ކުރުމެއް ނެތެވެ.
އިސްލާމީ ޖިހާދަކީ ވަކި ދީނަކާ ދެކޮޅަށް ކުރެވޭ ކަމެއް ނޫނެވެ. ޖިހާދު ފަރުޟު ކުރެވިގެންވަނީ ދީންތަކާ ދެކޮޅަށް ނޫނެވެ. ޖިހާދު ފަރުޟު ކުރެވުނީ އިސްލާމްދީނާއި މުސްލިމުންނަށް ކުރިމަތިވި ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ދިފާޢީ ކަމެއްގެ ގޮތުގައެވެ. އެހެން އެއްވެސް ގޮތެއް ޙައްލެތް ނުވާ ޙާލުގަ އެވެ. ހަނގުރާމައިގެ މައިދާނުގައި ވެސް ދުޝްމަނުން ޞުލްޙަ އިޢުލާން ކޮށްފި ނަމަ ހަމަ ވަގުތުން ޞުލްޙަވެރިކަން ޚިޔާރު ކުރަން ﷲ އަންގަވާފައި ވެއެވެ. ސަބަބަކީ އިސްލާމް ދީނަކީ ޞުލްޙަވެރިކަމުގެ ދީންކަމުގައި ވާތީ އެވެ. އަމިއްލަ ނަފްސާއި އަމިއްލަ ވަޠަން ދިފާޢު ކުރުމަކީ ސަމާވީ ދީންތަކާއި ދުނިޔޭގެ ވަޟްޢީ ފަލްސަފާތަކާއި ބައިނަލްއަޤުވާމީ ޤަވާޢިދުތަކާއި ހަމަތަކުން ޖާއިޒު ވެގެންވާ ކަމެކެވެ.
އިސްލާމީ ޖިހާދެއް ނަމަ އެކަމުގައި އިސްލާމީ ވެރިއެއްގެ އަމުރު އޮންނަން ޖެހެ އެވެ. ފާޅުކަންބޮޑު ލީޑަޝިޕެއް އޮންނަންޖެހެ އެވެ. މަޤުޞަދު ސާފުވާން ޖެހެ އެވެ. ޖިހާދަށް ދާ މީހާއަށް އޭނާގެ މައިންބަފައިންގެ އިޒުނަ ވެސް އޮންނަން ޖެހެއެވެ. އެއްވެސް މީހެއްގެ އިޒުނަ ނެތި ހަނގުރާމަ ކުރަންޖެހޭ ޙާލަތަކީ ޤައުމަށް ކުރިމަތިވާ ނާދިރު ޙާލަތެކެވެ. ޝަރުޢީ ގޮތުން އެކަމުގައި ވަކި ޙުކުމްތަކެއް ވެއެވެ.
މަޒުހަބީ ތަޅާފޮޅުންތަކާއި ސިޔާސީ މަޤުޞަދުގައި ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވެގެން ނުވާނެއެވެ. އެ ޤައުމެއްގެ ދާޚިލީ ކަންކަން މި ޒަމާނުގައި ނިންމަންވާނީ އެ ޤައުމެއްގެ ރައްޔިތުންނެވެ. މިއަދު ދުނިޔޭގެ ނިޒާމު ބައްޓަންވެފައި ވަނީ އެގޮތަށެވެ. ވީމާ މުސްލިމު ޒުވާނުން އެކަންކަމުގައި ބައިވެރިވެގެން ނުވާނެ އެވެ.
އަމިއްލަ ނަފްސު ގޮއްވާލުމާއި ބާޒާރުތައް ފަދަ ޢާއްމުން އެއްވެ އުޅޭ ތަންތަނާއި މަރުކަޒަކަށް ދެވޭ ޙަމަލާތަކަކީ އިސްލާމްދީން އެއިން ބަރީއަވެގެންވާ ކަންކަމެވެ. އެއީ ސަމާވީ އެއްވެސް ދީނެއް އަދި ވަޟުޢީ ފަލްސަފާއެއް ވެސް ހުއްދަ ކުރާނެ ކަމެއް ނޫނެވެ. މުސްލިމު ޒުވާނުން މިކަންކަމާ މެދު ވިސްނައި ސަމާލުވާން ޖެހޭނެ އެވެ.
މީގެ ދުވަސްތަކެއް ކުރިން ނިއުޒިލޭންޑުގެ މިސްކިތައް ދިން ޙަމަލާ އާއި އިއްޔެ ސްރީ ލަންކާގެ ފައްޅިތަކަށް ދެވުނު ޙަމަލާތަކަކީ ކަނޑައެޅިގެން ޓެރަރިސްޓް ޙަމަލާ ތަކެކެވެ. މި ފަދަ ޙަމަލާ ތަކަކީ އިސްލާމްދީނުގައި ކަންޑައެޅިގެން ނަހީކު ރައްވާފައިވާ ޙަމަލާ ތަކެކެވެ. ކުށެއް ނެތް އެތައް ފުރާނަ އެއް މި ފަދަ ޙަމަލާތަކުގައި ދަނީ މަރުވަމުންނެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ ޞުލްޙަވެރިކަން ގެއްލި ބިރުވެރި ކަމުގެ ތެރެއަށް ވެއްޓިގެން ދެއެވެ.
މުސްލިމު ޒުވާނުންގެ މައްޗަށް މިއަދު ވާޖިބު ވެގެންވަނީ ހުރިހާ ދާއިރާއަކުން ޢިލްމު ހޯދުމާއި މައިންބަފައިންގެ ބަސް ޤަބޫލު ކުރުމާއި އިސްލާމްދީނުގެ ރިވެތި ޞޫރަ ދުނިޔެއަށް ހާމަކުރުމާއި އެހެން މީހުންނަށް ނަސޭޙަތްތެރިވުމާއި އިސްލާމީ ރަނގަޅު ޢާއިލާއެއް ބިނާ ކުރުމާއި އުންމަތް ބިނާ ކުރުމަށް މަސައްކަތް ކުރުމެވެ. ރަނގަޅު ކަންކަން މުޖުތަމަޢުގައި އަށަގެނުވުމަށް މަސައްކަތް ކުރުމެވެ. ނިކަމެތިންނަށް އެހީތެރިވުމެވެ. ހެޔޮކަން ކަމަށް ގޮވާލުމެވެ. އިސްލާމީ ދަޢުވަތު ކުރިއެރުމެވެ. ވެރިންނާއި ރައްޔިތުންނަށް އެހީތެރިވެ ނަސޭޙަތްތެރިވުމެވެ. ވާގިވެރިވުމެވެ. އުންމަތަށް ނަޞްރު ލިބޭނީ އެއިރުންނެވެ. ކުޅަދާނަކަން ލިބިގެންނުވާ ކަންކަމުގެ ތެރެއަށް ވަނުމަކީ އޮތް ކަމެއް ނޫނެވެ.