މަދަނީ ސަރުކާރެއް ގާއިމު ކުރަން ސުދާންގެ މުޒާހަރާގެ ލީޑަރުންނާއި އެ ގައުމުގެ ސިފައިންނާއި ދެމެދު ދެކެވުނު ވާހަކަތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ރައީސް އުމަރު އަލްބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު ބާރުތައް ނަގާފައިވާ ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލް (ޓީއެމްސީ) އާއި އެ ގައުމުގެ އޮޕޮސިޝަން އެލައެންސް ގެ ދެމެދުގައި މަދަނީ ސަރުކާރެއް ގާއިމް ކުރުމުގެ މަޝްވަރާ ކުރެވެމުން ދަނިކޮށް މަޝްވަރާތައް ހުއްޓުމަކަށް އައީ ކުއްލިއަކަށެވެ.
ސުދާންގެ ފްރީޑަމް އެންޑް ޗޭންޖް އެލަޔަންސްގެ އިސް ބޭފުޅަކު ޚަރްތޫމްގެ މުޒާހަރާވެރިންގެ ތެރޭގައި ނޫސްވެރިންނަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވަނީ ޓީއެމްސީ އާއި ކުރަމުން ދިޔަ މަޝްވަރާތައް ނިންމާލަން ޖެހިފައިވަނީ އެ ކައުންސިލުން މަދަނީ ސަރުކާރެއް ގާއިމް ކުރުމުގައި ފަސް ޖެހެމުންދާކަން ހާމަވެގެން ދާތީ ކަމަށެވެ.
ޓީއެމްސީގެ ޗެއާމަން އަބްދުލް ފައްތާހް އަލްބުރްޙާން އިއްޔެ ސުދާންގެ ގައުމީ ޓީވީއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި މި ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވަނީ، ވެރިކަން ބަދަލުކުރުމަށް އެދި ފެށި މުޒާހަރާތަކުގެ އަސްލަކީ އައު ސަރުކާރެއް ގާއިމްކުރުން ކަމަށް ވާއިރު، އަދި ރައްޔިތުން ކުރަމުންދާ މުޒާހަރާގައި މަދަނީ ސަރުކާރަކަށް ގޮވަމުން ދާއިރު އެ ކައުންސިލްގެ އެހީގައި މަދަނީ ސަރުކާރެއް ގާއިމްކޮށް ރައްޔިތުންނާއި ވެރިކަން ހަވާލުކުރުމަށް އެފަރާތުން ތިބީ ތައްޔާރަށް ކަމަށެވެ.
އަލްބުރުޙާން ވިދާޅުވަނީ އެ ކައުންސިލުން ވެރިކަމުގައި ތިބެން ބޭނުން ނުވާކަމަށާއި މަދަނީ ރައްޔިތުންގެ ސަރުކާރަކާ ހަމައަށް ވީ އެންމެ އަވަހަކަށް ވާސިލްވާން ބޭނުންވާ ކަމަށެވެ.
ދެ ފާރާތުން އެއްބަސްވުމަކާާއި ހަމައަށް ދެވިފައި ނުވުމުގެ ސަބަބުން އައުމުގެ ސުދާންގެ ސިޔާސީ މަޝްރަހު މިހާރު ވަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ވެރިކަން ބަދަލުކުރުމަށް ގޮވާލަމުން 19 ޑިސެމްބަރު 2018ގައި އަތުބަރާގައި ފެށުނު މުޒާހަރާތަށް ފަހުން ވަނީ ޕޯޓް ސުދާން، ޑޮންގޯލާ އަދި ވެރިރަށް ޚަރްތޫމް އަށް ފުޅާވެގެން ގޮސް ވެރިކަން ވެއްޓުމަށް ފަހު ދުވަސްތަކެއް ވެފައި ވާއިރު އަދިވެސް ޚަރްތޫމްގައި މުޒާހަރާއަށް ނިމުމެއް ނާދެއެވެ.