އިއްޔެ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްރީލަންކާގައި ހިނގާފައިވާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަގީގަތާ ހިލާފު މައުލޫމާތު އެއްވެސް ސިފައެއްގައި ނުފެތުރުމަށާއި އެކަމުގައި އެއްވެސް ސިފަ އެއްގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކަށްފަހު، ހަތިޔާރު އެޅި ސިފައިން ކުއްތާތަކާއެކު ވަދެ ދިވެހިން އުޅޭ ގެތައް ފާސްކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިކަމާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފައިވަނީ، ދިވެހިން ދިރިއުޅޭ ގެތައް ލަންކާގެ ސަލާމަތީ ބާރުތަކުން ފާސްކުރުމަކީ އިއްތިފާގެއް ކަމަށާއި، މިއީ ވަކި ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ލަންކާގައި ދެމުން ގެންދާ ބޮމުގެ ހަމަލާތަކަށްފަހު ރާއްޖެއަށްވެސް ނުރައްކާ އޮތް ކަމަށް އެކި ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް، ރާއްޖޭގެ ސަލާމާތީ ކަންކަން ވަރުގަދަކޮށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. އަދި، ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރެޓީ ވެސް ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާނެ ކަމަށާއި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ވެސް ސެކިއުރެޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެފައިވެ އެވެ.
ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.