އަބްދުﷲ ލުތުފީ

ލުތުފީ ފިލައިގެންދިޔަ މައްސަލަ ޕީޖީއަށް ފޮނުވައިފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން ލަންކާގައި އުޅުނު މައްސަލައާއި ގުޅިގެން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރުފަހުން މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮންގޮއްވި ހާދިސާއާއި ގުޅިގެން ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.

ބާޣީ ލުތުފީ އެމްބަސީގައި ހުންނަތާ ދެ މަސް ދުވަސް ވީއިރު ވެސް ސަރުކާރުން އެކަން ހާމަ ނިކޮށް ސިއްރުކޮށްފައި ވަނިކޮށް އެކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް މާފުށީ ޖަލަށް ގެންގޮސްފައެވެ. އެއީ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ.

ނަމަވެސް ފިލައިގެންދިޔަ މައްސަލާގަައި މިހާތަނަށް އޭނާގެ މައްޗަށް ދައުވާ އުުފުލާފައެއް ނުވެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ނޫސްވެރިއަކު ތަކުރާރުކޮށް އެ ސުވާލު ދެންނެވުމުން މިނިސްޓަރު އިމްރާން ވަނީ ލުތުފީ މިހާރު ހުރީ މާފުށީ ޖަލުގައިކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ފިލި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ.