ވިޔަފާރި

ޒުވާނުންނަށް ވިޔަފާރީގެ ހުނަރު ދަސްކޮށް ދޭން އަންނަ އަހަރު ކޯހެއް ފަށަނީ

Dec 30, 2014

ޒުވާނުންނަށް ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދިނުމަށް އަންނަ އަހަރު ކޯހެއް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ "ދަސްވާރު ޕްރޮގްރާމު" ގެ މި އަހަރުގެ ނިމުން ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި ބަޔަކަށް ހެދުމެވެ. ދަސްވާރު ޕްރޮގްރާމު ފެށީ މި މަގުސަދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް ވިޔަފާރީގެ ހުނަރު ދަސްކޮށްދިނުމަށް އަންނަ އަހަރު ފަށާ ކޯހުގައި 1000 ދަރިވަރުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

"މި ކޯހުގައި ކިޔަވާ ކުދިންނަށް އެ ކުއްޖެއްގެ ރަށުގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ އެކި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމުގައި 186 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި މި ޕްރޮގްރާމުގެ މި އަހަރުގެ ބައި 86 ދަރިވަރުން ފުރިހަމަކޮށްފައިވެ އެވެ. މި ޕްރޮގްރާމުގައި ހުނަރު ދަސްކޮށްދިން ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އާއި އަތްތެރި މަސައްކަތުގެ ތަފާތު ހުނަރުތަކުގެ އިތުރުން ސިއްހީ ދާއިރާ ވެސް ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ކުރިއަށް ދަނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.