ދުނިޔެ

އިންޑިއާ އިންތިހާބުގެ ތިންވަނަ ފޭސް ފަށައިފި

އިންޑިއާ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު އެ ގައުމުގައި ފަށައިފި އެވެ. ވޯޓު ލުމުގެ ރަސްމީ ވަގުތު ޖެހުމުގެ މާ ކުރިން ވޯޓު ފޮށިތައް ކައިރީ ސަފުތައް ވަނީ ހަދަން ފަށާފަ އެވެ.

އިންޑިއާގެ ބޮޑު އިލެކްޝަންގެ މި ފޭސްގައި ދެ ޔޫނިއަން އަދި 13 ސްޓޭޓޭއްގައި ޕާލަމަންޓްގެ 117 ގޮނޑިއަކަށް ވޯޓުލާއިރު، އިންޑިއާ ޕާލަމަންޓުގެ ތިރިގޭގައި ހިމެނޭ 545 ގޮނޑީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވޯޓުލާ ނިމިއްޖެ އެވެ.

ވޯޓުގެ މި ފިޔަވަހީގައި ގުޖަރާތުން 26 ގޮނޑިއަކަށް މެންބަރުން ހޮވުމަށް ވޯޓުލާއިރު ދެން އެންމެ ގިނަ ގޮނޑިއަށް ވޯޓުލަނީ 20 ގޮނޑިއާއެކު ކެރަލާ ގައެވެ. މަހަރާޝްތުރާ އަދި ކަރްނަޓަކާއިން ކޮންމެ ސަރަހައްދެއްގައި 14 ގޮނޑިއަށް ވާދަ ކުރާނެ އެވެ. އުއްތަރް ޕްރަދޭޝްގައި 10 ގޮނޑި އަދި ޗައްތިސްގަރްގެ ހަތް ގޮނޑި ހިމެނެ އެވެ.

ބިހާރް އަދި ހުޅަނގު ބެންގާލްގެ ކޮންމެ ސަރަހައްދަކުން ފަސް ގޮނޑި، އައްސާމް އިން ހަތަރު ގޮނޑި، ގޯއާއިން ދެ ގޮނޑީގެ އިތުރުން ޖަންމު އަދި ކަޝްމީރު، ދަދުރާ އަަދި ނަގަރް ހަވޭލީ، ދަމަން އަދި ތުރިޕޫރާ ގެ ކޮންމެ ސަރަހައްދަކުން ގޮނޑިއެއް ހިމެނެ އެވެ.

މީގެ ތެރެއިން މިހާތަނަށް އެންމެ މަދު އަދަދަކަށް ވޯޓުލާފައި ވަނީ ކަޝްމީރުގަ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ނިސްބަތްވާ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު މުސްލިމުންނާއި ދެކޮޅުވެރި ޝުއޫރު ފާޅުކުރުމާއި ގުޅިގެން އެ ބޭފުޅާއަށް ވޯޓު ތެރޭގައި ތިން ދުވަސް ވަންދެން އެއްވެސް ބާވަތެއް ކެމްޕެއިނެއް ކުރުން ވަނީ މަނާކޮށްފަ އެވެ.

އިންތިހާބުގެ ތެރޭގައި ބޮޑުވަޒީރު މޯދީ ޕާކިސްތާނުގެ ބިރު އެ ގައުމަށް ބޮޑުވަމުން ދާކަމަށް ވިދާޅުވެ ކެމްޕެއިން ކުރެއްވުމުގައި ގެންގުޅުއްވާ ސިޔާސަތާމެދު އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ ފާޑު ވިދާޅުވަމުން ނެވެ.