ހަބަރު

މިނިވަން މުއައްސަސާތަކުން ނަގާފައިވާ ބާރުތައް އަލުންދޭން ހުށަހަޅަނީ

މިނިވަން މުއައްސަސާތައް ބާރުވެރި ކުރުވައި، އެ މުއައްސަސާތަކުން އަތުލާފައި ހުރި ބާރުތައް އަލުން ހޯދަ ދޭނެ ކަމަށާއި އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ އެންޓި ކޮރޮޕްޝަން ކޮމިޝަންގެ ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ މިނިވަން މުއައްސަސާތަކާއި އެ މުއައްސަސާތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ފުރިހަމަ ބާރާއި މިނިވަންކަން މިދިޔަ ފަސް އަހަރުގެ ތެރޭގައި ނިގުޅައިގެންފައިވާ ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަންއަކީ އޭގެ އެއް މިސާލެއް ކަމަށާއި އެ ކޮމިޝަން ވެސް އޮތީ ފުރިހަމަ ބާރުވެރިކަމުގައި ނުހިނގާ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ކޮމިޝަންތަކަށް ފުރިހަމަ ބާރުވެރިކަން ދިނުމަށް މަޖިލީހަށް އާ ބިލެއް ހުށަހަޅުއްވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"ކުރިއަށް މި ހިނގާ ހަފްތާގެ ތެރޭގައި ސަރުކާރުުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބާރުތައް ނިގުޅައިގަނެފައިވާ ހުރިހާ ކޮމިޝަންތަކެއްގެ ބާރު އަލުން އަނބުރާ ދިނުމަށް، މިސާލަކަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެ މީހުން އަތުން ގެއްލިފައިވާ ބާރު އަނބުރާ ދިނުމަށް ހުށަހަޅަން،" އީވާ ވިދާޅުވި އެވެ.

މުއައްސަސާތަކަށް ފުރިހަމައަށް ބާރުތައް ދިން ކަމުގައިވީ ނަމަވެސް އެ ކޮމިޝަންތައް އޮންނަން ޖެހޭނީ ނުފޫޒުތަކާއި ނާޖާއިޒް އަމަލުތަކުން އެއްކިބައިވެފައި ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެކަން ވެސް އެ ބިލުން ކަށަވަރުކޮށްދޭނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"މީގެ ދެމަހެއްހާ ދުވަސް ކުރިން ރައީސް ޔާމީންގެ ޕްލެޓްތަކުގެ ލިސްޓް ބަލާލާއިރު އަޅުގަޑުމެންނަށް ފެނުނު މިނިވަން މުވައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އެކަކަށް 11 ފްލެޓް އަނެކަކަށް ހަތް ފްލެޓް ލިބިފައި އޮތް މަންޒަރު. އެހެންވީމަ މިކަހަލަ ކަންތައްވެސް ނުހިނގާނެ ގޮތަކަށް. ދައުލަތުގެ އިސް މަގާމެއް އޮތަތީވެ އެ ނާޖާއިޒުގެ ގޮތުގައި ބޭނުންނުކުރެވޭނެ ގޮތަށް ވީވަރަކުން ގާނޫނީ ކޮންޓްރޯލްތައް ގެންނާންވެސް މި މަސައްކަތް ކުރާނަން،" އީވާ ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަން މަޖިލިހަށް ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެކެވެ.