ވާހަކަ

ބޭނުންވަނީ ޔާރާ

(22 އެޕްރިލް 2019 އާ ގުޅޭ)

"ނޫން، އޭނަގެ އަންހެނުން ބަލިވެއުޅޭވާހަކަ އަޑުއެހިން، އަދި ދުވަހަކުވެސް އެމީހުންނަށް ކުއްޖެއް ނުލިބޭ، އަހަންނަކަށްވެސް ދާއިންގެ ޕާރސަނަލް ލައިފްއާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭގޭ، އެނގޭހާވެސް އެއްޗަކީ އަހަރެން އޭނަދެކެ ލޯބިވާކަން، އޭނަގެ އުމުރާ، އޭނަގެ މުއްސަނދިކަމާ، އޭނަ ހުރީ މީހަކާ އިނދެންކަން އަހަންނަށް އެހާ މުހިއްމު ނުވާކަން...........ލޯބި ކަނުއެއްޗަކަށްވަނީ އެހެންވެ ކަންނޭގެ........." މަންހާގެ ލޮލުން ކަރުނައައުން ހުއްޓިއްޖެއެވެ.

"ހެ ހެ ހެ ހެ ހެ ހެ......ލަވް އިޒް ބްލައިންޑް....." ޝަރަފް ހީލިއެވެ. އޭނަ އައިސްހުރި ރުޅި އެއްކޮށްފިލާ މީހާ އިނީ ހަމަޖެހިފައެވެ. އަދި އޭނަގެ ލޯބިވާ ކޮއްކޮއަށް މީހަކު ދެކެ އިންތިހާ ދަރަޖަށް ލޯބިވެވުނީތީ އެކަމާ އަޖައިބުވެސް ވެފައެވެ. މަންހާގެ ތުންފަތަށްވެސް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. ޝަރަފް މަންހާއަށް ބަލާލިގޮތުން އޭނައަށް މަންހާގެ އިޙްސާސްތައް އެނގެއޭ ބުނާކަހަލައެވެ.

"އަދި ވާހަކައެއް އަހަންތަ........" ޝަރަފް ހިނިއައިސްފައި އިނދެ އަހާލިއެވެ.

"ދެން އިތުރަށް ތިއްތޭއަށް އެއްވެސް ކަމެއް ސިއްރެއްނުކުރަން" މަންހާ ބުނެލިއެވެ.

"އެނގޭ ހުރިހާ ވާހަކައެއް ކިޔާދީފިކަން، ހަމަ އެންމެ ކަމެއް އޮޅުން ފިލުވަން ބޭނުންވަނީ............ކީއްވެ ތިހާ ލަހުން މަންކޮ ގެއަށް ތިއައީ، ދާއިން އޮފީހުގަ މަޑުކުރަން ބުނީތަ، ނޫނީ ކަމެއް އޮތީތަ" ޝަރަފް އަހާލިއެވެ.

"ނޫން.............އަހަރެން ހީކުރީ ތިއްތޭ ރުޅިއައިސްފަ ހުރިވަރުން ގެއަށް އައިސް މަންމަމެން ގާތު ހުރިހާ ވާހަކައެއް ބުނާނެކަމަށް، އެހެންވެ ބިރުގަތްވަރުންނާ، މަންމަމެންނާ ކުރިމަތިލާނެ ގޮތެއް ނޭގިގެން ނައިސް އޮފީހުގަ މަޑުކުރީ، އެކަމަކު ގެއަށް އައި އިރަށް އެނގިއްޖެ ތިއްތޭ އެއްވެސް ވާހަކައެއް ނުދައްކާކަން، އަސްލު ތިއްތޭ އެއްވެސް އެއްޗެއް ނުބުނީ ކީއްވެތަ" މަންހާ ބުނެލިއެވެ.

"އައި ނޯ ޔޫ އަރ ނޮޓް ސްޓުޕިޑްކަން، އެވަޒީފާއަށް ދިއުމުގަ ކޮންމެވެސް ކަމެއް ފޮރުވިފައި އޮންނާނެ ކަން، މަންކޮ ތެދަށް ހުރިހާ ވާހަކައެއް ކިޔާނުދިންނަމަ ހުރީ މަންމަމެން ގާތު ބުނަންވެގެން، ބަޓް އައި ނޯ މައި ބޭބީ ސިސްޓަރ، އެނގޭ ތިއްތޭއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެކަން......." ޝަރަފް ބުނެލިއެވެ.

"ސޮރީ........" މަންހާ އަނެއްކާވެސް މާފަށް އެދުނެވެ.

"މިހާރު އެކަންތައް އެނިމުނީ، ދެން އަވަހަށް ނިދަން އޮށޯވޭ، އޭރުން ހެދުނުން އޮފީހަށް ދެވޭނީ" ޝަރަފް އެހެން ބުނެލަމުން ތެދުވެގެން ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ.

އެނދުގައި އޮށޯތީ ނިދާލުމަށެވެ. އެހެންނަމަވެސް ދާއިންގެ ލޯ މެރިލާއިރަށް ކުރިމަތިންފެންނަނީ މަންހާއެވެ. އެއިން ކޮންމެ ފަހަރަކު ސިހިފައި ލޯ ހުޅުވާލެވެއެވެ. އެނދުގެ އަނެއްފަރާތުގައި ނިދިފައި އޮތް ޒާރާއަށް ބަލާލެވެއެވެ. އޭނައަށް މަންހާގެ ހިޔާލުތަށް އުނދަގޫ ކުރަނީއެވެ. ހިތުގައި ނޭގޭ ރިހުމެއް އުފެދިފައިވެއެވެ. ދާއިން އެނދުން ތެދުވެގެން ގޮސް ބެލްކަންޏަށް ނުކުތެވެ. މީގެ ކުރިން ބެލްކަންޏަށް ނުކުމެލުމުން އޭނަގެ ހާސްކަން ފިލާ ހިތާ ސިކުނޑިއަށް ލުއިވެ ފިނިކަން އިޙްސާސް ކުރެވުނު ކަމުގައި ވިޔަސް މިފަހަރު އޭނައަކަށް ލުއެއްނުލިބުނެވެ. މަންހާއަށް ދޭނީ ކޮންޖަވާބެއް ކަމެއް އޭނައަކަށް ނޭގެއެވެ. މަންހާ އެދިޔައީ އޭނަގެ ކައިރީ ވާހަކައެއް ބުނެފައެވެ. އެހިތުގައިވާ އެއްޗެއް އޮޅުންފިލުވާ ދީފައެވެ. އެހިތުގައި ފިރުމާލީ އެންމެ ހިމަނާރަށްވެސް އަސަރުކުރާހާވަރަށެވެ. ހާމަވެފައިވާ ހަށިގަނޑުގައި ބީހިލި ވައިރޯޅިއާއިއެކު މޭގައި ފިރުމާލެވުނީ އަދިވެސް އެމެޔަށް މަންހާގެ ހޫނު ނޭވާތައް އެޅެމުންދާފަދަ އިޙްސާސްއެއް ކުރެވުމުންނެވެ. އޭނައަށް މަންހާގެ ހިޔާލާ ދުރުނުވެވިގެން އުޅޭ ސަބަބެއް ނުވިސްނުނެވެ. އަމިއްލަ ހިތަށް އަދިވެސް އޮޅުވާލަން ބޭނުންވަނީއެވެ. ޖަވާބު އެނގުނަސް ނޭގޭ ކަމަށް ހަދަން ބެނުންވަނީއެވެ. ހަގީގަތަކީ އެހުރިހާ ކަމަކީ ލޯތްބާ ގުޅިފައިވާ ކަމަކަށް ނުވެދާނެތީއެވެ. މަންހާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލަން ބޭނުންނުވަނީއެވެ. ލޯބީގެ ނާޖާއިސް ފައިދާތަކެއް ނަގަން ބޭނުންނުވަނީއެވެ. އަމިއްލަ ނަފްސަށް މާފު ނުކުރެވޭވަރުގެ ކުށެއް ކުރަން ދާއިން ބޭނުންނުވާކަމެވެ. އެކަމަކު ދެން ހަދަންވީ ކިހިނެތްކަމެއްވެސް އޭނައަކަށް ނޭގެއެވެ. ބެލްކަނީގެ ދޮރު ތަޅުލަމުން ކޮޓަރީގައި ހުރި ސޯފާގައި ދާއިން އޮށޯތީ ހެނދުނު އިރުއެރުމާއިއެކު އެންމެ ފުރަތަމަ ކުރާކަމެއްގެ ގޮތުން ޒައުލްގެ މަޝްވަރާއެއް ހޯދަން ނިންމައިގެންނެވެ. ޒައުލް އާއި އޭނަގެ ހިޔާލު ތަފާތު ވިއަސް އޭނަގެ ހިޔާލަކުން ދާއިންއަށް ފައިދާއެއް ކޮއްފާނެއޭ ހީކޮށެވެ. ދާއިން ސޯފާގައި އަތުރާފައި ހުރި ކުދި ބާލީސްތަކުން ބާލީހެއް ބޯދަށަށް ލައްވާލަމުން އިތުރު ބާލީހެއްނަގާ މޭގައި ބާއްވާލިއެވެ. އަދި އެދެލޯ އަނެއްކާވެސް މަރާލީ ނިދާލުމަށެވެ.

މަންހާ ދެކޮޅަށް ފުރޮޅި ފުރޮޅިވެސް އެދެލޮލަށް ނިންޖެއްނައެވެ. މަޑުމަޑުން ތެދުވެގެން ގޮސް ކޮމްޕިއުޓަރ ކައިރީ އިށީނެވެ. އަދި ހިތަށް ހަމަޖެހުން ގެނެސްދޭފަދަ ރީތި ލަވަތަށް ޕްލޭލިސްޓަށް ލުމަށްފަހު ޖަހަންފެށިއެވެ. އޭނަގެ ހިތާ ސިކުނޑި ހާސްކުރުވަނީ ދާއިންގެ ހިޔާލުތަކެވެ. އަނެއްކާވެސް އައިސް އެނދުގައި އޮށޯވެ ސްޕޮންޖުބޮބް ބާލީސް ނަގާ ބާރަށް ބައްދާލިއެވެ. އަދި މައްޗަށް ބާލީސް ހިއްލާލަމުން އެއަށް ބަލާލިއެވެ. ގިނައަހަރުތަކެއް ވެފައިވުމާއިއެކު ކުލައަށްވެސް ވަނީ ބަދަލުއައިސްފައެވެ. އެކަމަކު އެބާލީހުގައި އޭނަގެ ޅައުމުރުން ފެށިގެން ވެވުނު ލޯބީގެ ހަނދާންތައް ފޮރުވިފައިވާކަން ޔަގީނެވެ. އެދެލޮލުން ވެއްޓުނު ކިތަށް ކަރުނަތިކި އެބާލީސް ފޮހެދިންހެއްޔެވެ. މަންހާ އަނެއްކާވެސް ގެނެސް މޭގައި ބާލީސް ބޮނޑިކޮއްލަމުން ދާއިންގެ ނަން ކިޔާލިއެވެ.

މުޅިން އާދުވަހަކަށް އިރު ފެނުންތޮޅިލައިފިއެވެ. ގިނައިރެއްނުވެ އޭގެ ރަންދޯދިތައް ސާލެއްފަދައިން ދުނިޔެމައްޗަށް ފެތުރިގެންދިޔައެވެ. ހިފަހައްޓާލައިގެން ހުރި ކޮފީ މަގާއިއެކު ދާއިން މަޑުކޮއްލައިގެން ހުރީ ކޮޓަރި ބެލްކަނީގައެވެ. އަނެއްއަތުގައި އޭނަގެ ފޯނުއޮތެވެ.

"ހެލޯ........މީކޮންގަޑިއެއް ގުޅަން............." ޒައުލް ބުނެލިއަޑުއިވުނެވެ.

"ޕްލީޒް.......އައި ނީޑް ޔޯ ހެލްޕް.........ޒައްލޭ، އިޓްސް އާރޖަންޓް" ދާއިންގެ އަޑުގައިވާ ސީރިއަސްކަން ޒައުލްއަށްވެސް ނަގައިގަނެވުނެވެ.

"ކިހިނެތްވީ.............ޒާރާ ރަނގަޅުތަ" ޒައުލްގެ އަޑުގައި ހަރުލާފައިހުރި ނިދިބަރުކަން ފިލައިގެންދިޔައެވެ.

"ޒާރާއަށް ބަދަލެއްނާދޭ، އެކަމަކު އަހަންނަށް ބަދަލެއް އައިސްފި، ފޯނުންނެއް ނުދެއްކޭނެ، އަހަރެން މިދަނީ ޒައްލޭ ބަލާ، ތައްޔާރުވޭ..........އޯކޭ ބޭއްވީ........" ދާއިން ޒައުލްއަށް އެއްޗެއް ނުބުނެވެނިސް ފޯނު ކަނޑާލައިފިއެވެ. އަދި އަވަސް އަވަހަށް ކޮފީ މަގުގައި ތުންޖަހާ ބޯލަމުން ކޮޓަރިއަށްވަނެވެ. ލައިގެން ހުރި އެއްޗެހި ބަދަލުކޮއްލަމުން އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އޮފީހަށް ދާން ލާއެއްޗެހި ލިއެވެ. ކޮފީ ހުސްކުރި މަގު ހިފައިގެން ކޮޓަރިން ބޭރަށް ދާއިން ނުކުތެވެ. އޭރު އިމީ ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ އެއްޗެހި ތައްޔާރު ކުރަން ހުއްޓެވެ.

"އިމީ، މަންމަ ކައިރީ ބުނޭ އަހަރެން މުހިއްމު ކަމަކު ތަންކޮޅެއް ކުރިން ބޭރަށް ދިޔަވާހަކަ، ކަމެއް ބޭނުންވެއްޖެޔާ މަގޭ ފޯނަށް ގުޅާށޭ ބުނޭ..........ހަނދާންކުރައްޗޭ.........." ދާއިން ބަދިގެ ކަބަޑުސެޓު ކައިރީ ހުރި އިމީއަށް ކޮފީ ހުސްކުރި މަގު ދިއްކޮއްލަމުން ބުނެލިއެވެ.

ދާއިން ކާރުގެ ބަރުގޮނު ދެތިންފަހަރު އަޅާލިފަހުން ޒައުލް އޭނަގެ ގޭގެ ދޮރުން ނުކުތްތަން ފެނުނެވެ. އަދި މަޑު ދުވުމެއްގައި އައިސް ކާރުގެ ފަހަތު ސީޓުގައި އޭނަގެ ދަބަސް ބަހައްޓާލާފައި ދާއިން އާއި ޖެހިގެން އިން ކުރީ ސީޓުގައި އޭނަ އިށީނެވެ. އަދި އެއްއަރިއަށް ޖެހިލާފަ ދާއިން އާއި ދިމާލަށް ބަލާލިއެވެ.

"މިހާރު ކިހިނެތްވީ؟" ދާއިން ކާރުގެ ހުންގާނުބުރު އަނބުރާލަމުން ޒައުލްއަށް އަވަސް ނަޒަރެއް ދިނެވެ.

"ހޫމް.........މިހާރު ޔަގީންވެއްޖެ ރޭގަ ކޮންމެވެސް ކަމެއްވެއްޖެކަން، ރަނގަޅަށް ނުނިދަން ދޯ" ޒައުލް ސީޓުގައި ހަމަޖެހިލިއެވެ.

"ޒައްލޭ، ކުއްޖަކު ޒައްލޭދެކެ ލޯބިވާކަން އެނގި އޭނަދެކެ ޒައްލެއަށް ލޯބި ނުވެވޭނެކަން އެނގެންޏާ ދެން ހަދާނީ ކިހިނެތް؟" ދާއިން ވިސްނުމުގެ ތެރެއަށް ގެއްލިފައިވާ މީހަކު ފަދައިން އިނދެ ވާހަކަދެއްކިއެވެ.

"ކިހިނެތް އިނގެނީ ލޯބި ނުވެވޭނެކަމެއް، އަހަންނަކީ ވަރަށް ފަސޭހައިން ލޯބިވާން އެނގޭ މީހެއް، ލޯބިދޭންވެސް އެނގެޔޭ.........." ޒައުލް ހީލަމުން ބުނެލިއެވެ.

"ތީ އޭ އަހަންނާ ޒައުލްގެ ހުރި ތަފާތަކީ، އަހަންނަށް ލޯތްބަކީ ވަރަށް މުހިއްމު އެއްޗެއް، އެންމެ ރެއެއްގެ ބީހުލުމަކުން އެލޯބި ފިލައިގެނެއްނުދާނެ، އެހެންވެއްޖެނަމަ އެއީ ލޯތްބެއްނޫން، ކޮންމެ ފަހަރަކު އާމަލަކުން ފޮނިބޯން ބޭނުންވުމީވެސް ލޯބިނުވޭވޭކަމުގެ ނިޝާނެއް، އެއްފަހަރުވެސް ސީރިއަސްވެފަ އަހަންނަށް ޖަވާބެއްދީބަލަ، ތިއެކުވެރިޔާގެ ހިޔާލަކަށް އަހަރެން ވަރަށް ބޮޑަށް ބޭނުންވެފަ މީނީ........." ދާއިން ކާރު ޕާކުކޮއްލަމުން ޒައުލްއަށް ސަމާލުކަން ހުއްޓާލިއެވެ.

"ދާން، އަހަރެން މީ އިހަށް ދުވަހު ދިމާވެގެން އުޅޭ މީހެއްނޫން، އެހެންވީމަ ވެގެން އުޅޭގޮތެއް ނިކަން ސާފުކޮށް މަށަށްވެސް ކިޔާދިނީމަ ދޯ އެނގޭނީ" ޒައުލްވެސް ދާއިން އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ބުނެލިއެވެ.

"އަހަރެންދެކެ ކުއްޖަކު ލޯބިވާކަން އެނގުނީ ރޭގަ، އެއީ ތެދުކަންވެސް ޔަގީންކުރެވޭ" ދާއިން އިސްޖަހާލަމުން ބުނެލިއެވެ.

"ރަނގަޅެއްނު، ދެން މިހާރު އިންނާނެ ކުއްޖަކު ނުވެގެން އުޅޭކަށް ނުޖެހޭނެއެއްނު، އޭނައަށް އެނގޭތަ ދާއިން މީހަކާ އިނދެގެން އުޅޭކަން" ޒައުލް ބުނެލިއެވެ.

"ހޫމް.........އޭނައަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭ، އަހަރެން އޭނަ ދެކެ ލޯތްބެއްނުވޭ، އެކަމަކު ބޭނުންވަނީ ކީއްވެކަމެއްނޭގޭ.........މިހާ ވަރުގަދަ ޖަޒުބާތެއް އުފެދެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު.........އަހަރެން އޭނަ އާއިއެކު ގުޅުމެއްހިންގާކަށް ބޭނުމެއްނޫން، އަހަންނަކީ އެހާ ބަލިކަށިމީހެއްނޫންކަން ޒައްލެއަށްވެސް އެނގޭނެ، ބަޓް ސީ އިޒް ޑިފަރެންޓް...........އައި ޑޯންޓް ނޯ..........އަހަރެންގެ ސިކުނޑި ސުމަކަށް ދާވަރުވެއްޖެ" ދާއިން އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ.

"ދާއިން...........ދާއިން...........އެހަށް ހަމަޖެހިބަލަ، އެއީ ކާކުކަތަ؟ މިބުނީ އެއީ ކޮންއަންހެން ކުއްޖެހޭ، އަނެއްކާ މަންހާތަ؟" ޒައުލް ސީރިއަސްވިއެވެ.

"ކިހިނެތް ޒައުލްއަށް..............ކިހިނެތް" ދާއިން ހައިރާންވެފަ ޒައުލްއަށް ބަލާލިއެވެ.

"ދާން.........އަހަރެން ފިޔަވާ ދާންގެ ދިރިއުޅުމަށް އައި އެންމެ ގާތް މީހަކީ ޒާރާ، އަހަރެން ތިދެމީހުންގެ ދިރިއުޅުންވެސް ދެކުނިން، ޒާރާގެ ސަބަބުން ދާންއަށް ލިބުނު ހިތްދަތިކަން ފޮރުވަމުން އަންނަނީ ދާއިންގެ އޮފީސް ކެބިންތެރޭ...........އަހަރެން އެވަރަށް މަންހާ އާއި ދިމާކުރަނީ ކީއްވެކަން މިއަދު ބުނާނަން، އެއަންހެން ކުއްޖާއަށް ދާއިން ފެންނަ ކޮންމެ ފަހަރަކު އެދެލޮލުގެ ވިދުން އިތުރުވެގެންދޭ، އެތުންފަތަށް ލުއިހިނިތުންވުމެއްވެރިކުރުވާ..........އަހަނަށް އެނގޭ އޭނަގެ ހިތުގައި ދާންއަކީ އޭނަގެ ބޮސް އެކަންޏެއްނޫންކަން، ދެން ދާއިންގެ ކުރިމަތީ އަހަރެން އޭނަ އާއި ގާތްވާން މަސައްކަތްކުރިން، އެކަމާ ދާއިން އިންކާރުކޮށް ރުޅިގަދަވޭ.......ދާއިން މަންހާއަށް ބޭނުންވާކަން އެއީ އަހަންނަށް ޔަގީން ކުރެވިފައިވާކަމެއް، އެކަމަކު ތިދެމީހުންގެ މެދުގައި ކަމެއްހިނގާނީ ކޮންވަގުތަކުކަން އަހަންނަށް ނޭގެނީ............ލަހެއްނުވިތާ............ތެދަށް ބުނަންޏާ އަހަންނަށް މަންހާ ވަރަށް ކަމުދޭ، އޭނަގެ އެހުންނަ މަޑުމައިތިރިކަމާ، އެރީތި ސޫރަ އަހަރެންގެ ހިތާހަމައަށް ވާސިލްވި، އެކަމަކު އޭނަ އަހަންނަށް ނަފުރަތުކުރޭ، އެއީ މައްސަލައެއް ނޫން، އަހަރެންގެ އުޅުން ހުންނަނީވެސް މީހުން ނަފުރަތު ކުރާގޮތަށްވިއްޔަ، ދާއިން ދެވަނަ ކައިވެންޏެއް ކުރަން މަންހާއަށްވުރެ ރަނގަޅު އެހެން ކުއްޖެއް ކޮބާ..........." ޒައުލް ވާހަކަދެއްކިއެވެ.

"އަހަންނަށް ކީއްވެ ނޭގުނީ މަންހާ އެހާ ދުވަހު އަހަރެންދެކެ ލޯބިވާކަން" ދާއިންއަށް އަނެއްކާވެސް ކޮއްލެވުނީ ސުވާލެކެވެ.

"ކޮންއިރަކުތަ ދާއިން ޒާރާ ނޫން އެހެންކަމަކާ ވިސްނާލީ، އެންމެ ކުޑަމިނުން އަމިއްލަ ހަށިގަނޑަށް ވިސްނާލިންތަ، ހަށިގަނޑުގެ އެނދުންތަކެއް ވާކަން ދެނަހުރީމުތަ، މީހާ ދުޅަހެޔޮކަންމަތީ ހުރުމަށް ހަމައެކަނި ބޭނުންވަނީ ރަނގަޅުކާނާއެއް ނޫނޭ.........ދާން އާއި ޒާރާ އާއި ދެމެދުތިވަނީ ބޯމިން ނޭގޭ ފާރެއް ލެވިފަ، ޒާރާގެ ހަމަވިސްނުން ނެތްކަމުގައި ވިޔަސް ދާއިން ތިހިރީ ބުއްދިސަލާމަތުން، އަހަންނަށް އެނގޭ އަހަންނާ ދާން އާއި ކިތަންމެ ގާތްކަމުގައިވިޔަސް މިކަހަލަ ވާހަކައެއް ދައްކާކަށް ނުވާނެކަން........ކިތަށް އަހަރު މިވަނީ ތިގޮތަށް އެކަނިވެރިކޮށް އުޅޭތާ.........." ޒައުލް ވިސްނާދޭން މަސައްކަތްކުރިއެވެ.

"އަހަންނާ ބަލާފަ އުމުރުގެ ގޮތުން އޭނަ މާ ހަގުވާނެ، އެހެންނޫނަސް ޒާރާގެ މަންމަ ބުނާނީ ކީކޭ........އަހަރެންގެ އާއިލާ ދެކޭނީ ކިހިނެތް" ދާއިން ސުވާލުތަކުން ފުރިގެންވި ނަޒަރަކުން ޒައުލްއަށް ބަލާލިއެވެ.

"ޒާރާ ވަރިކުރަންތަ މިއުޅެނީ، ނޫނެއްނު..........އެމީހުންވެސް ވިސްނާލީމަ އެނގޭނެދޯ ދާއިންގެ ހާލު، އަންހެނެއްގެ އެހީ ދާއިން ބޭނުންވާނެކަން........ދެން މަންހާ.......އޭނައަށް އެނގޭނެ ދާއިންއަކީ އޭނައަށްވުރެ އުމުރުގެ ގޮތުން ދޮށީ މީހެއްކަން، އެހެންވިޔަސް އޭނަގެ ފަރުވާލެއްނެތް، މީގަ މުހިއްމީ ތިދެމީހުން އަންޑަރސްޓޭންޑް ވެގެން ގުޅުން، އެހެންމީހުންނަށް ސަމާލުކަމެއް ދޭނެކަމެއްނެތް........ދާއިން ބުނެބަލަ، ދާއިން ދެވަނަ ކައިވެންޏެއް ކޮއްފާނަންތަ" ޒައުލް އަހާލިއެވެ.

"އަހަރެން ދެވަނަ ކައިވެންޏެއް ކުރަންވީތަ؟" ދާއިން ޒައުލްގެ ސުވާލު އޭނަ އާއި ކޮއްލިއެވެ.

"ދާއިން އަމިއްލައަށް ތިސުވާލަށް ވިސްނާލަބަލަ، ދާއިންގެ ދިރިއުޅުމަށް އިތުރު މީހަކު ހަމަ ބޭނުމެއްނުވޭތަ" ޒައުލް ބޭނުންވީ ދާއިންގެ އަނގައިން އެސުވާލުގެ ޖަވާބު ހޯދުމަށެވެ.

"އަހަރެންގެ ފުއްދަން ބޭނުންވާ އެދުންތަކެއްވޭ، އަހަންނަށްވުރެ ބޮޑަށް އަހަރެންގެ ހަށިގަނޑު އެކަމަށް އިޖާބަދެނީ..........އެފަދަ ގުޅުމެއް ކައިވެންޏަކާ ނުލާ ހިންގާކަށްވެސް ބޭނުމެއްނޫން، އާން.........އަހަރެން ދެވަނަ ކައިވެންޏެއް ކޮއްފާނަން، އެކަމަކު.............އެކަމަކު............ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވަނީ މަންހާ އާއި، އޭނަ ނޫން މީހަކާ އަހަރެން އިންނާކަށް ބޭނުމެއްނޫން..........." ދާއިން އެހެން ބުނެ ނުނިމެނިސް ޒައުލް ދާއިންގެ ގައިގާ އޮޅުލައިގަތެވެ.

"އަހަރެން ހާދަ އުފާވެއްޖެޔޭ..........ހަގީގަތުގަ އަހަރެންނަށް އިޙްސާސް ކުރެވޭ ދާއިން ތިއުޅޭ ހާލު، ދެރަވެގެންގޮސް އަބަދު ކިޔެނީ ދެވަނަ ކައިވެންޏެއް ކުރާށޭ...........އަހަންނަށް ޔަގީން ދާން އާއި މަންހާ ވަރަށް ގުޅޭނެކަން، އެއީ ހާއްޞަ އަންހެން ކުއްޖެއް............މިހާރު ލޯބި ނުވެވުނަސް މަޑުމަޑުން ލޯބި ވެވިދާނެ............ރަނގަޅު ފެށުމަކަށް ވާނެކަން ޔަގީން، އަހަރެންގެ ދުޢާއަކީ އެއީ" ޒައުލް ދާއިން އާއި ދުރުވެލަމުން އޭނަގެ ކޮނޑުގައި ޖަހާލިއެވެ.

ދާއިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނަ ވިސްނަމުން ދިޔައީ މަންހާއަށް ކުރިމަތިލާނެ ގޮތަކާއިމެދުއެވެ. އޭނަގެ ހުށައެޅުން މަންހާ ގަބޫލުކުރާނެ ބާއޭ އޭނަގެ ހިތަށް އެރިއެވެ. ދާއިން ކާރު ސްޓާޓް ކޮއްލަމުން ޕާކިން ޒޯންއިން ކާރު ނެރެލިއެވެ. އަދި މިސްރާބު ޖެހީ ޒައުލްގެ ކްލިނިކާއި ދިމާލަށެވެ. ޒައުލް ދާއިންގެ ކައިރިން މަންހާގެ އެކި އެކި ވާހަކަތައް އޮޅުން ފިލުވަން މަސައްކަތްކުރިއެވެ. މަންހާ ލޯބިވޭ ބުނީ ކިހިނެތްތޯ އާއި އެދެމެދުގައި ކަމެއް ހިނގިތޯ އޮޅުންފިލުމުގެ ޝައުގުވެރިކަން ޒައުލްގެ ސުވާލުތަކުން އެނގުނެވެ. އެހެންނަމަވެސް ދާއިން ޒައުލްއަށް އެތަފްޞީލުތައް ކިޔައެއްނުދިނެވެ.

ފަތިސްނަމާދަށްފަހު އެނދުގައި އޮށޯވެލައިގެން އޮތް މަންހާ އަދިވެސް އޮތީ އެނދުގައެވެ. އޭނަ ތެދުވާކަށް ގަސްދެއްނުކުރެއެވެ. އޭނަގެ ފޯނު ރޭގައި ނިއްވާލިގޮތަށް އަދިވެސް ނުހުޅުވައެވެ. ރީތިވާ މޭޒުމަތީ ފޯނު ބޭއްވިގޮތަށް އޮތީއެވެ. މަންހާ އެއްވެސް ކަމެއް ކުރާހިތެއްނެތެވެ. އޭނަގެ އޮފީސްގަޑި ޖެހިގެން ހިގަނޖެއެވެ. އެހެންނަމަވެސް އޮފީހަށް ދާންވެސް އޭނަ ބޭނުމެއްނޫނެވެ. ޝަރަފްއަށް އެނގުނު ގޮތަށް ދެން އެނގޭނީ ޝިމާދުއަށް ކަންނޭގެއެވެ. އެހެންވާކަށް އޭނަ ބޭނުމެއްނޫނެވެ. އެކަމަކު ތެދަށް ހުރިހާ ކަމެއް އާއިލާއަށް ކިޔާދެވޭކަށްވެސް ނެތެވެ. ދާއިން އޭނަގެ ލޯބި ގަބޫލު ކުރާނެ ކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އެހެންވެއްޖެނަމަ އޭނަގެ ކުރިމަތީ އުޅުން އިތުރު ވޭނަކަށް ނޫނީ ނުވާނެއެވެ. ރޯންޖެހޭ ދުވަސްތައް ގިނަވާނެކަން ގައިމެވެ. އެއީކީ އަދި ދިރިއުޅުމެއްނޫނެވެ.

"މަންހާ.........ދަރިފުޅު ހޭލާތަ ތިއުޅެނީ، މިއަދު އޮފީހަށްވެސް ނުދާ ދުވަހަކީތަ؟ ބަލީތަ؟" ދޮރުންވަތް ވަސީމާއަށް މަންހާ ފެނުމުން އަހާލިއެވެ.

"މަންމާ، އެއޮފީސް މާބުރައީ، އެހާގިނައިރު އޮފީހުގަ އުޅެންޖެހޭ، މިވިސްނަނީ އެތަނުން ކެނޑެންކަމަށް، މިއަދު މިއޮތީ ޗުއްޓީގަ" މަންހާ ވާހަކަ ހަމަޖައްސާލަމުން ބުނެލިއެވެ.

"ތިކަމާ މަންމައަށް ބުނާނެ އެއްޗެއް ނޭގޭ، އެކަމަކު ރަނގަޅު ވަޒީފާއެއްނުތީ، މަގާމު މަތިވާ ވަރަކަށް ޒިންމާތަށްވެސް ބޮޑުވާނެއެއްނު، އަދި އަހަރުވެސް ނުވޭ ދަރިފުޅު ވަންތާ، އެކަމަކު ކެނޑެން ބޭނުންވަންޏާ ކެނޑުނަސް އެންމެ ރަނގަޅު" ވަސީމާ ބުނެލިއެވެ.

"މި ވިސްނަނީ އެކަމާ، އަދި ވަކިގޮތަކަށް ނުނިންމަން" މަންހާއަށް ވަސީމާގެ ވާހަކައިން އޭނަ އޮފީހުން ކެނޑުން އެއީ އެންމެ އެދެވޭގޮތް ނޫންކަން އެނގުނެވެ. ސަޢީދުވެސް ވަސީމާވެސް އޭނަ އޮފީހުން ކެނޑެން ބޭނުންނުވާނެކަން މަންހާއަށް އެނގޭތީއެވެ.

(ނުނިމޭ)