ހެނދުނުގެ ނާސްތާއަކީ ވަރަށް ގިނަ ފަހަރަށް ދޫކޮށްލެވޭ އެއްޗެއްކެވެ. ގިނަ ފަހަރަށް ހެނދުނު ހޭލާ ގޮތަށް އަވަސް އަރުވާލައިގެން ސައިވެސް ނުބޮއި އެ ދާތަނަކަށް ނައްޓާލުން އޮންނަނީ އާދައަކަށް ވެފައެވެ. މުޅި ދުވަހަށް ބޭނުންވާ ހަކަތަ ހަށިގަނޑަށް ހޯދައިދީ ދުވަހަށް މީހާގައިގައި ވަރު ޖެއްސުމަށް ހެނދުނުގެ ނާސްތާ މުހިއްމު ވެއެވެ. ހެނދުނުގެ ނާސްތާގެ ސަބަބުން މީހާގެ މެޓަބޮލިޒަމް ކިކްސްޓާޓް ކޮށްދީ މުޅި ދުވަހަށް ކެލޮރީ ބާން ކޮށްދެ އެވެ. މި ސަބަބުތަކާއި ހުރެ ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު އެއް މީލެވެ.
ހެނދުނުގެ ނާސްތާއަކީ ދުޅަހެޔޮ ސިއްހަތާއިވެސް ގުޅިފައިވާ ކަމެކެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ހެނދުނުގެ ނާސްތާގެ ސަބަބުން ހަނދާން ރަނގަޅުވެ ކޮންސެންޓްރޭޝަން އިތުރު ކޮށްދެ އެވެ. އަދި ހަށިގަނޑުގެ އެލްޑީއެލް ކޮލެސްޓްރޯލް ނުވަތަ ނުރަނގަޅު ކޮލެސްޓްރޯލް މަދުކޮށްދީ ހަކުރު ބައްޔާއި ހިތުގެ ބައްޔާއި އޮބީސިޓީ ފަދަ ކަންކަމުން ދުރު ކޮށްދެ އެވެ.
ދެން އޮތް ސުވާލަަކީ ހެނދުނުގެ ނާސްތާއަށް އެންމެ ރަނގަޅީ ކޯންޗެއް ހެއްޔެވެ؟
އެވަކާޑޯ
އެވަކާޑޯ އަކީ ނިއުޓިރިއެންޓްސްގެ ގޮތުން ބަލާނަމާ ފަސް ތަރީގެ މޭވާއެކެވެ. ހަށިގަނޑަށް ބޭނުންވާ ވިއްސަކަށް ވިޓަމިން އަދި މިނަރަލް ކޮންމެ ސާވިންއަކުން ފޯރުކޮށް ދެއެވެ. މިގޮތުން ބަލާއިރު ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމް، ލިއުޓެން އަދި ފޯލޭޓް މީގައި ހިމެނެ އެވެ. ޕޮޓޭސިއަމް ގެ ސަބަބުން ބްލަޑް ޕްރެޝަރު ކޮންޓްރޯލް ކޮށް ދިނުމަށް އެހީތެރިވާއިރު ލިއުޓެން އަކީ ލޮލަށް ވަރަށް ރަނގަޅު އެއްޗެއްކެވެ. ފޯލޭޓަށް ބަލާއިރު މިއީ މާބަނޑުދުވަސްވަރަށް ވަރަށް ފައިދާހުރި އެއްޗެއްކެވެ، މީގެ އިތުރުން ހަށިގަނޑުގެ ސެލްތަށް ރިޕެއާ ކުރުމަށް އެހީތެރިވެދޭ އެއްޗެއްކެވެ.
ނާސްތާއަށް އެވަކާޑޯ ރަނގަޅީ މިއީ ހަކުރު މާ މަތި ނޫން އެއްޗަކަށްވެފައި ފައިބަރު ގިނަވުމުންނެވެ. މީގެ ސަބބުން ގިނަ އިރުވަންދެން ބަނޑު ފުރިފައި ހުރެއެވެ. އެވަކާޑޯ ބޭނުންކުރުމަށް ސްމޫތީގެ އިތުރުން ގުއަކޮމޯލީ ކަހަަލަ ޑިޕެއް ހަދައިގެން ބޭނުން ކުރެވި ދާނެ އެވެ.
ގްރީކް ޔޯގަޓް
ގްރީކް ޔޯގަޓާއި އެއްކޮށް ތާޒާ މޭވާ ހެނދުނުގެ ނާސްތާގައި ހިމަނައިލުމަކީ ބުއްދިވެރި ގޮތެކެވެ. އެހެން ޔޯގަޓްތަކާއި ގްރީކް ޔޯގަޓް ތަފާތުވަނީ މި ޔޯގަޓަކީ މާ ކްރީމީ އެއްޗެއް ކަމުންނެވެ.
ބެރީސް އާއި އެކި ކަހަލަ ތާޒާ މޭވާ ކޮށާލާފައި އެއްކޮށްލައިގެން ކާލެވިދާނެއެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ މި މީލް ހެނދުނުގެ ނާސްތާގައި ހިމަނާލުމަށް ފަސޭހަ އެވެ. ގްރީކް ޔޯގަޓްގައި ޕްރޮޓީން މާއްދާ އިތުރުވުމުގެ ސަބަބުން މީހާގެ އެޕެޓައިޓް ނުވަތަ ކާ ހިތްވުމުން ދުރުކޮށްދެ އެވެ. އަދި ބައެއް ގްރީކް ޔޯގަޓްގައި ހަށިގަނޑަށް ފައިދާހުރި ޕްރޮބައޯޓިކްސް އޭގައި ހިމެނޭތީ ހަަޖަމު ކުުރުމުގެ ނިޒާމަށް ފަސޭހަ ވެއެވެ.
އޯޓްސް
ހެނދުނު ހޭލައިގެން ސީރިއަލް ކާ މީހުންނަށް ހިޔާރު ކުރެވޭނެ އެންމެ ރަނގަޅު އެކައްޗަކީ އޯޓްސް އެވެ. އޯޓްސްއަކީ އޭގައި ހާއްސަ ފައިބަރެއް އެކުލެވިފައިވާ އެއްޗެއްކެވެ. ބީޓާ ގުލޫކަން ނަމަކަށް ކިޔާ މި ފައިބަރުގެ ސިއްހީ އެތައް ފައިދާތަކެއް ހިމެނިގެންވާއިރު އެންމެ މުހިއްމު އެއް ކަމަކީ މިއިން ހަށިގަނޑުގެ ކޮލެސްޓްރޯލް ދައްކޮށްދޭ ކަމެވެ.
އޯޓްސްއިން ޕްރޮޓީން ކޮންޓެންޓް އިތުރު ކުރުމަށް އޯޓްސް ތައްޔާރު ކުރުމުގައި ކިރު ހިމަނާލެވިދާނެ އެވެ. ކިރާއި، މޭވާ އަދި އެކި ކަހަލަ ނަޓް ބަޓަރ އެއްކޮށް އަޅާ ރޭގަނޑު ތަައްޔާރުކޮށް ފްރިޖުގައި ބަހައްޓާފައި ހެނދުނުގެ ނާސްތާގެ ކަންތައް ފަސޭހައިން ނިންމާލެވިދާނެ އެވެ.
އޯޓްސް އަކީ ކުޅިކޮށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. މިގޮތުން ރޯސްމެރީ އާއި މަޝްރޫމް އަދި މަސްދަޅާއި މިރުހާ އެކީގައި މީރުކޮށްލާ ކައްކާފައި ހުރި އޯޓްސްގެ ތެރެއަށް އަޅާ ސޫޕެއްގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ.
ސޭމަން
ހެނދުނުގެ ނާސްތާއަށް އެންމެ ފުރިހަމަ ކޮށްލެވޭނީ އޭގައި ސޭމަން ހިމަނާލައިގެންނެވެ. ސޭމަން އަކީ ވަރަށް ތަފާތު ހާއްސަ ރަހައެއް އޭގައި ހިމެނޭ މަހެކެވެ. ތަފާތު އެކި ގޮތްގޮތަށް ތައްޔާރު ކޮށްލެވޭ މި މަސް ބާޒަރުގައި އަގު ބޮޑުނަމަ ދަޅުގައި ބަންދުކޮޮށްފައި ހުންނަ މި މަސް ބޭނުން ކުރެވިދާނެ އެވެ. ސިއްހީ ފައިދާތަކަށް ބަލާއިރު ނިއުޓިރިއެންޓް ގޮތުން ތަފާތެއް ނޫނެވެ. އޮމެގާ 3 ފެޓީ އެސިޑް ގިނަ މި މަސް ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުމަށް މަސްދަޅުގެ ބަދަލުގައި މި މަސް ބޭނުންކޮށްގެެން ސޭންޑްވިޗެއް ތައްޔާރު ކޮށްލެވިދާނެ އެވެެ. ނުވަތަ ބިސްގަނޑާއި އެކު ކާލާން ވެސް ހަމަ ބަރާބަރެވެ.