ހަބަރު

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އުފައްދައިފި

Apr 24, 2019
3

ރާއްޖޭގެ އެކި ސިނާޢަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރަން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖައްސަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސަރުކާރުގެ ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނީ މިކުންފުނި އުފެއްދީ ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

އަދ ބުނީ ރައީސުގެ ގަރާރަކުން އުފެއްދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަކީ ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗާތައް މެދުވެރިކޮށް، ފައިނޭންސް ހޯދަން ހާއްސަ ކުންފުންޏެއް ކަމަށެވެ.

މި ކުންފުނި އުފެއްދީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށާއި، ގައުމުގެ މުއްސަނދިކަން އިތުރުކުރަން ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރަން ލިބޭ ނަފާ އާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ގާއިމު ކުރާށެވެ.