ރާއްޖެ ކުޅިވަރު

އޮސްޓްރިޔާގެ ދިވެހި ކުއްޖާ ގައުމީ ޓީމަށް ގެންނަނީ އަޖުމަ ބަލަން

Jul 14, 2015

ދިވެހި ފިރިހެނަކަށާއި އޮސްޓްރިޔާގެ އަންހެނަކަށް ލިބިފައިވާ 17 އަހަރުގެ މާނިއު ރައޫފަށް ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ދިނީ އޭނާގެ އަޖުމަ ބެލުމަށް ކަމަށް ގައުމީ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.

މިއީ ދިވެހި ގައުމީ ސްކޮޑުން ހަތަރުކަށިމަތި ދިވެއްސަކަށް ނޫން މީހަކަށް ފުރުސަތުދިން ފުރަތަމަ ފަހަރެވެ.

އޮސްޓްރިޔާގައި ދިރިއުޅޭ މާނިއު ގައުމީ ޓީމާ ގުޅެން މާލެ އަންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ  މިހާތަނަށް ކުޅެމުން އައީ އޮސްޓްރޭލިޔާގެ ޔޫތު ލީގުގައި އެވެ. އޭނާގެ ކުޅުމާމެދު ކޯޗު ހިތްހަމަޖެހޭ ނަމަ އަންނަ މަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ޓީމުން ފުރުސަތުދޭން ކޯޗު ވަނީ ނިންމައިފަ އެވެ.

"އޭނާ އަކީ ވަރަށް ޅަކުއްޖެއް. ފުރަތަމަ އަހަރުމެން ޖެހޭނީ ބަލަން އޭނާގެ ސިޓުއޭޝަން. އޭގެ ފަހުން އެނގޭނީ ޓީމަށް ނަގާނީތޯ. ކޮންމެ ގޮތެއްވިޔަސް އެއީ ޅަކުއްޖެއް. އަހަރެން ބޭނުން މިކަހަލަ ކުޅުންތެރިންނަށް ކުރިމަގުގައި ވެސް ފުރުސަތުދޭން،" ކޯޗު ބުންޏެވެ.

"އަހަރެން އުއްމީދު ކުރަން ބިދޭސީ ގައުމުތަކުގެ އެކަޑަމީތަކުގައި ތިބި ނޫން ވެސް ދިވެހި ކުޅުންތެރިން ރާއްޖެ އަށް ކުޅެން ޝައުގުވެރިވާނެ ކަމަށް،" ނިއު އަށް ކުރިން ކޯޗުކޮށްދިން ބަލްގޭރިޔާގެ ޕޮޕޯފް ބުންޏެވެ.

މާނިއު ރާއްޖެ އަށް ކުޅެން ނިންމި އެއް ސަބަބަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ކުރާ ސަޕޯޓެވެ. ނަމަވެސް މި މުބާރާތުގައި ދަގަނޑޭ އަށް ނުކުޅެވޭނެ އެވެ. އެއީ އޭނާގެ ކުލަބު މެލޭޝިޔާގެ ޕީޑީއާރުއެމުން ރިލީޒް ނުލިބޭތީ އެވެ. ދަގަނޑޭގެ އިތުރުން މިޔަންމާގެ ކޭބީޒެޑަށް ކުޅޭ މުހައްމަދު އާރިފް (ބަކާ) އާއި އަނިޔާވެފައިވާ ކީޕަރު އިމްރާނު މުހައްމަދާއި ހުސައިން ނިޔާޒު މުހައްމަދު ބޮކުރީ ވެސް މި ފަހަރުގެ މުބާރާތުގައި ނުކުޅޭނެ އެވެ.