ހަބަރު

ލަންކާއަށް ހަމަލަދިން އިސް މީހާ ރާއްޖެ ނާދޭ: އިމިގްރޭޝަން

ސްރީލަންކާއަށް ހަމަދިނުމުގައި އިސްކޮށް އުޅުނު ޒަހުރާން ހާޝިމް ރާއްޖެ ދަތުރުކުރިކަމަށް ބުނާ ވާހަކަ އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.

އިމިގްރޭޝަނުން މިރޭ ކޮށްފައިވާ ޓުވީޓްތަކެއްގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ރެކޯޑްތަކަށް ބަލާއިރު، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައިވެސް އަދި އޭގެ ކުރިންވެސް، ލަންކާއަށް ހަމަލަދިނުމުގައި އިސްކޮށް އުޅުނު ޒަހުރާން ހާޝިމް ރާއްޖެ އައިސްފައިނުވާކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މީޑިއާތަކުގައި އޭނާ ރާއްޖެ އައިސް އުޅުނު ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުުން ބުނީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މައުލޫމާތު ފެތުރުމުގައި މީޑިއާތަށް ޒިންމާދާރުވެ، މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު މެނުވީ ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށާއި، ސްރީލަންކާއަށް ދިން ހަމަލާއަށްފަހު ރާއްޖޭގެ އިމިގްރޭޝަން އޮތީ ރާއްޖޭއާއި ބައިނަލްއަގުވާމީ ސެކިއުރިޓީ އެޖެންސީސްތަކާއެކު ބޯޑާ ސެކިއުރިޓީގެ ކަންކަން އިތުރަށް ވަރުގަދަކޮށް، ޓެރަރިޒަމްއާއި، ބޯޑަރު ހުރަސްކޮށް ކުރާ ކުށްތައް ހުއްޓުވުމަށް ތައްޔާރަށް ކަމަށެވެ.

އިމިގްރޭޝަނުން ކޮށްފައިވާ ޓުވީޓް

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، ޖާނުންފިދާވެގެން އެ ހަމަލާތައް ދިން ނުވަ މީހުންގެ ތެރެއިން އަށް މީހަކު ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މައްސާލަގައި 60 އަށް ވުރެ ގިނަ ލަންކާ ރައްޔިތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ. އެހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ޒަހުރާން ވެސް ވަނީ ހަށިގޮށްވައިގެން މަރުވެފައެވެ.