ރައީސް މައުމޫން އަބްދުލްގައްޔޫމް

ލަންކާ ދަތުރު ކުރު ކޮށްލުމަށްފަހު މައުމޫން ރާއްޖެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އަވައްޓެރި ލަންކާއަށް ކުރެއްވި ޗުއްޓީ ދަތުރު ކުރުކޮށްލުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މައުމޫން ޗުއްޓީ ހޭދަކުރުމަށް ލަންކާއަށް ވަޑައިގަތީ މިމަހު އެޕްރީލް 17 ވަނަ ދުވަހު އެވެ. ލަންކާއަށް ބޮމުގެ ހަމަލާތަށް ދިންއިރު ވެސް މައުމޫން ހުންނެވީ ލަންކާގަ އެވެ. އެ ގައުމުގައި ހުންނަވައިގެން އެމަނިކުފާނު ވަނީ ލަންކާގައި ހިނގައިދިޔަ ހާދިސާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރާއްޖެ ވަޑައިގަންނަވާކަން އެންގެވުމުގެ ގޮތުން މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާގެ މާހައުލު މިހާރު އޮތީ ބިރުވެރިކަމެއްގެ ތެރެއިގައި ކަމަށެވެ. އެ ހާދިސާތަކާއި ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނަށް ދިން ސެކިއުރިޓީއަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މައުމޫން ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރަމުންގެންދާ މަސައްކަތް ވެސް ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.