ލިވަޕޫލް

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެންޑައިކްއަށް

ޕްރޮފިޝަނަލް ފުޓްބޯލް އެސޯސިއޭޝަން 'ޕީއެފްއޭ' އިން ހޮވާ އިނގިރޭސި ވިލާތުގައި ކުޅޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލްގެ ހޮލެންޑްގެ ޑިފެންޑަރު ވާރްޖިލް ވެންޑައިކް ހޯދައިފި އެވެ.

އޭނާ އެ ވޯޑް ކާމިޔާބު ކުރީ، ވާދަވެރި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާނީ މިއަންނަ އާދިއްތަ ދުވަހު އެވެ.

ވެންޑައިކް މައި ރޯލް އަދާ ކުރާ ލިވަޕޫލްގެ ޑިފެންސް ފޫއަޅުވާލުމުގައި އިނގިރޭސި ޓީމުތަކަށް މި ސީޒަންގައި ވަނީ ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވެފަ އެވެ. ވެންޑައިކް ބެލެހެއްޓި ދިފާއީ ފާރުގެ އެހީގައި ލިވަޕޫލުން ވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ، ޕްރިމިއާ ލީގްގައި 18 މެޗު ފުރިހަމަ ކޮށްފަ އެވެ.

ވެންޑައިކް އެވޯޑް ހޯދީ ޝޯޓްލިސްޓް ކުރި ހަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުމުންނެވެ. އޭނާއަށް އެވޯޑް ލިބުމުގައި ލިވަޕޫލްގެ ޑިފެންސްގައި އޭނާ ދެއްކި ކުޅުން ފާހަގަ ކުރެވުނެވެ. އެ ވޯޑަށް ނޮމިނޭޓްވި އަނެއް ފަސް ކުޅުންތެރިންނަކީ، ވެންޑައިކް އާއެކު ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ސެޑިއޯ މާނޭ، ސިޓީގެ ރަހީމް ސްޓާލިން ސާޖިއޯ އަގުއޭރޯ އަދި ބޭނާޑޯ ސިލްވާގެ އިތުރުން ޗެލްސީގެ އެޑެން ހަޒާޑް އެވެ.

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލުން ހާސިލު ކުރީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށެވެ. މިދިޔަ އަހަރު ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ލިވަޕޫލްގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އެވެ. އޭގެ ކުރިން ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލިވަޕޫލްގެ ކުޅުންތެރިންނަކީ 2014 ވަނަ އަހަރު އެވޯޑް ހޯދި ލުއިސް ސުއަރޭޒް، 2006 ވަނަ އަހަރު އެވޯޑް ހޯދި ސްޓީވަން ޖެރާޑް 1988 ވަނަ އަހަރު އެވޯޑް ހޯދި ޖޯން ބާނެސް 1984 ވަނަ އަހަރު އެވޯޑް ހޯދި އިއާން ރަޝް، 1983 ވަނަ އަހަރު އެވޯޑް ހޯދި ކެނީ ޑަލްގްލިޝް 1980 ވަނަ އަހަރު ޓެރީ މެކްޑޯމޮޓް އެވެ.

ޕީއެފްއޭގެ ލިސްޓް އާންމު ކުރިއިރު، އެންމެ ހައިރާން ކުރުވަނިވި ކަމަކީ، އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ލިސްޓް އާންމު ކުރިިއރު، ހަޒާޑް އެ ލިސްޓްގައި ނުހިމެނިފައި މެންޗެސްޓާ ޔުނައިޓަޑްގެ ޕައުލް ޕގްބާ ހިމެނުމުންނެވެ.