ހަބަރު

ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގަތް މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރު ވުމަށް އެދި އެ ކޯޓުން މިއަދު ޗިޓް ފޮނުވައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަނަށް ސިރާޖު ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަންގާފައި ވަނީ މިއަދު 3:00 ޖަހާއިރަށެވެ.

ސިރާޖު ހާޒިރު ކުރަނީ މިދިޔަ އަނގާރަ ދުވަހު އޭނާ ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެ ކުރި ޓްވީޓަކާ ގުޅިގެނެވެ. އެގޮތުން ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށާއި ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިބި ކޮރޮޕްޓް ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ސިރާޖު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ދުވާލަކު ދެ ފަހަރު ހާޒިރު ކުރިޔަސް ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ވިދާޅުވާ ވިދާޅުވުން ބަދަލު ނުކުރައްވާނެ ކަމަށާއި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެގެން މި ހަފުތާގެ ތެރޭގައި ހުސްނުއްސުއޫދު ވެސް ވަނީ އެ ކޯޓަށް ހާޒިރުކޮށްފަ އެވެ.