އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ސްކޮޑުން ބާކީވި ކުޅުންތެރިންނަށް ގޯލްކީޕަރު އިމްރާނު މުހައްމަދު ނަސޭހަތުގެ މެސެޖެއް ފޮނުވާލައިފި އެވެ.
"މަރުހަބާ އަދި ކާމިޔާބީ އަށް އެދެން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނަށް. އަހަރެންގެ އެދެނީ ޓީމުން ބާކީވި ކުޅުންތެރިން މިހާރަށްވުރެ ބޮޑަށް ކުރިއަށް އޮތް ތަނުގައި ބުރަކޮށް މަސައްކަތްކުރުމަށް. [އަލުން ގައުމީ ޓީމަށް އައުމުގެ] އުއްމީދު ގެއްލުވާލައިގެން ނުވާނެ. ހިތްވަރުކޮށްފައި އަލުން ގައުމީ ޓީމަށް އައުމަށް [އެދެން]. އިމްރާނު އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.
އިމްރާނަކީ އަނިޔާގެ ސަބަބުން މި ފަހަރުގެ މުބާރާތުގައި ނުކުޅެވޭ އެއް ކުޅުންތެރިއެކެވެ. އޭނާ އަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ގައުމީ ޓީމުގައި ކުޅެނިކޮށް މިދިޔަ މޭ މަހު އެވެ. މި އަނިޔާގެ ސަބަބުން މި ސީޒަނުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
މި ފަހަރުގެ ޓީމުގައި އިމްރާނުގެ އިތުރުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އާރިފް (ބަކާ) ވެސް ނުހިމެނޭތީވެ ކޯޗު ވަނީ ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ.
ގައުމީ ޓީމު މުބާރާތަށް ފަރިތަކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.