ވިޔަފާރި

އެސްޓީއޯ ރޯދަ ޕްރޮމޯޝަންގެ ދަށުން ހޯލްސޭލް އަގުތައް ހެޔޮކޮށްފި

ސަރުކާރާއި ރައްޔިތުންގެ ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑް އޯގަނިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހާއި ގުޅުވައިގެން ބާއްވާ ރަމަޒާން ބާޒާރުގެ ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކަމުންދާ ގިނައަދަދެއްގެ ކާބޯތަކެތީގެ ބްރޭންޑްތަކުގެ ހޯލްސޭލް އަގު ހެޔޮކޮށްފި އެވެ.

ރަމަޒާން ބާޒަރު ޕްރޮމޯޝަންއަކީ މިމަހު ހަތް ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނަކީ އެސްޓީއޯ ސުޕަމާޓް ފިހާރައިން ރީޓެއިލް ކަސްޓަމަރުންނަށް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ކަސްޓަމަރުންނަށް ހިންގަމުން އަންނަ ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ޕޮރޮމޯޝަންގެ ދަށުން އަގުހެޔޮކޮށްފައިވަނީ އެސްޓީއޯ ސުޕަމާޓުގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ކައްކާތެލުގެ އަގެވެ.

ޗޮއިސް ބްރޭންޑްގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް "އަލްނޫރް" ބްރޭންޑްގެ ހިކިކިރާއި، "ޖަދީދާ" ބްރޭންޑްގެ މާޖިރީން، "އަލްއައިން" ބްރޭންޑްގެ ޓޮމާޓޯޕޭސްޓް، "ފްރަގާޓާ" ބްރޭންޑްގެ އޯލިވްއޮއިލް، "އަންކާރާ" ބްރޭންޑްގެ ޕާސްޓާގެއިތުރުން ރޯދަވީއްލަން މިސްކިއްތަކަށް ރޯދަމަހު އެންމެގިނައިން ގެންދާ "އެލްސަބާ" ޖޫހުގެވެސް އަގުހެޔޮ ކޮށްފައިވާނެކަމަށް އެސްޓޯއޯިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ޕްރޮމޯޝަންގެ ދަށުން 150،000 ރުފިޔާގެ އިނާމެއް ލިބިގެންދާނެ އެވެ. އެގޮތުން 1500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރައްވާ ކޮންމެ ފަރާތަކަށްވެސް މިޕޮރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާނަމަ ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ހޯލްސޭލް އަގުތަކަށް ގެނައި ބަދަލު

  • "ޗޮއިސް" ސިލްވާ ބާސްމަތީ 1 ކިލޯގެ ކޭސް: 370 ރުފިޔާ
  • "ޗޮއިސް" ގޯލްޑް ބާސްމަތީ 1 ކިލޯގެ ކޭސް: 450 ރުފިޔާ
  • 5 ކިލޯގެ ކޭސް: 400 ރުފިޔާ

މީގެ އިތުރުން "ޗޮއިސް" ބްރޭންޑުގެ 1 ލީޓަރު، 2 ލީޓަރު، 5 ލީޓަރު، 18 ލީޓަރު ކައްކާތެޔޮ ކޭހަކުން 15 ރުފިޔާ އާ 30 ރުފިޔާ އާދެމެދުގެ އަދަދަކުން ވަނީ އަގުހެޔޮކޮށްފަ އެވެ.

ރޯދަ ޕްރޮމޯޝަނާއި ގުޅުވައިގެން އަގުހެޔޮ ކުރި ހުރިހާ ބްރޭންޑް ތަކަކީވެސް ދިވެހިންގެ މެދުގައި މަގްބޫލު ބްރޭންޑްތަކެވެ. އެސްޓިއޯއިން ބުނީ، އެކުންފުނީގެ އަމާޒަކީ ރާއްޖެ ހުރިހާ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށް ދިނުން ކަމަށެވެ. އެހެންކަމުން އެސްޓީއޯ ސުޕަމާޓުގެ އިތުރުން އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުންވެސް އަގުހެޔޮކޮށްފައިވާ ބްރޭންޑްތަކުގެ މުދާ މާލޭ އާއި އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.