އިރުމަތީ ގާޒާގެ ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލްގެ ސިފައިންނާއި ދެމެދު އިއްޔެ ހިނގި ހަމަނުޖެހުންތަކެއްގައި ފަލަސްތީނުގެ 60 މީހަކު ޒަހަމްކޮށްލައިފި އެވެ.
ގާޒާ ބޯޑަރު ސަރަހައްދުގައި "ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަން ދެވިފައިވާ އެންޓި އިޒްރޭލް ސިލްސިލާ މުޒާހަރާތައް 2018 ގެ މާޗް މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ބާއްވަ އެވެ.
އެ ސިލްސިލާގައި އިއްޔެ ބޭއްވި މުޒާހަރާގައި ބައިވެރިވި ފަލަސްތީނުންގެ އާންމުންނާއި އިޒްރޭލް ސިފައިންނާއި ދެމެދު ހިންގި ހަމަނުޖެހުމުގައި ޒަހަމްވި މީހުންގެ ތެރޭގައި 19 ކުޑަކުއްޖަކާއި އަވަސް ފަރުވާ ދޭން ހަރަކާތްތެރިވި މީހަކާއި ނޫސްވެރިއަކު ހިމެނެ އެވެ. ގާޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލްގެދްރާ ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
އަލްގެދްރާ ވިދާޅުވި ގޮތުގައި ޒަހަމްވި 25 މީހަކު ޒަހަމްވެފައި ވަނީ އިޒްރޭލު ސިފައިން ބަޑި ޖެހުމުން ނެވެ. އިޒްރޭލްގެ ސިފައިން ކަރުނަ ގޭސް ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް ނޭވާލުމުގެ ދަތިކަމާއި ކުރިމަތިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނު ބައިބައި ކުރުމާއި ދެކޮޅަށް އަޑު އުފުލަން އެއްވުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލަމުން މުޒާހަރާގެ އިސް ވެރިން އިއްޔެ ބުނެފައިވަނީ އެ ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުން ސަލާމަތް ވެވޭނީ އެ ގައުމުގެ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ކަމަށެވެ.
ހަމާސް ޖަމާއަތުގެ ތަރުޖަމާން އަބްދުއްލަތީފް އަލްޣަނީ ވިދާޅުވި ގޮތުގައި ކޮންމެ ހަފުތާއެއްގައި ބާއްވާ މުޒާހަރާގައި ބައިވެރިވާ ރައްޔިތުންގެ އަދަދުން ފަލަސްތީނުގެ އެތެރޭގެ ބައިބައިވުން ނައްތާލުމަށް އެދޭ މިންވަރު ހާމަކޮށް ދެއެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ "ދަ ގްރޭޓް މާޗް އޮފް ރިޓާން" މުޒާހަރާތަކުގައި އިޒްރޭލްގެ ސިފައިން މިހާތަނަށް ފަލަސްތީނު ރައްޔިތުންގެ 272 މީހަކު މަރާލާ 16،000 އަށްވުރެ ގިނަ މީހުން ޒަހަމް ކޮއްލާފައި ވެއެވެ.