ހަބަރު

މިރޭ މުއްދަތު ހަމަވާއިރު، މާލީ ބަޔާން ހުށަހެޅީ 94 ކެންޑިޑޭޓުން: އީސީ

ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ލިބޭ މުއްދަތު މިރޭ 12:00 އަށް ހަމަވާއިރު ރެއާ ހަމަޔަށް އެ ބަޔާން ހުށަަހަޅާފައި ވަނީ 94 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރެޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މިއަދު 12:00 އަށް މުއްދަތު ހަމަވާއިރު އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ރެއާ ހަމަޔަށް މާލީ ބަޔާން ހުށަހަޅާފައި ވަނީ އެންމެ 94 ކެންޑިޑޭޓުން ކަމަށެވެ. މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަ ކުރި އެވެ.

"ރެއާ ހަމަޔަށް އައިއިރު 94 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ވަނީ. މުއްދަތު ހަމަވުމުން މައުލޫމާތު ސާފު ކުރުމަށް ފަހު ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" އަކްރަމް ވިދާޅުވި އެވެ.

މިހާތަނަށް 292 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ އިރު، ގާނޫނުގައިވާ ގޮތުން ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ކުރާ ފަރާތަކުން އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހެ އެވެ.