ދުނިޔެ

ރޮހިންޔާގެ މުސްލިމުން ހަނދާން ނައްތާނުލަން ގޮވާލައިފި

ރެފިއުޖީންގެ ގޮތު، މިއަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޔާ ދަރިފަސްކޮޅުގެ މުސްލިމް ރެފިއުޖީންގެ މަތިން ހަނދާން ނައްތާ ނުލަން އދ. އިން ދުނިޔެއަށް ގޮވާލައިފި އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ގާއިމްވެފައިވާ ރެފިއުޖީ ކޭމްޕްތަކަށް އދ. ހިއުމަން އެފެއާޒްގެ އަންޑަ ސެކްރެޓަރީ މާކް ލޯކޮކް އިއްޔެ ކުރެއްވި ޒިޔާރަތަށް ފަހު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރޮހިންޔާގެ މުސްލިމުންނަށް ބައިނަލް އަގްވާމީ ދުނިޔޭގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ.

އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ބޭނުންވާ ފައިސާގެ އެހީ އާއި ސަލާމަތާއެކު މިޔަންމާއަށް އަނބުރާ ދިއުމައްޓަކައި މުޅި ދުނިޔޭގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ ރޮހިންޔާގެ ރެފިއުޖީންގެ މަތިން ހަނދާން ނައްތާ ނުލާށޭ! ބަންގްލަދޭޝް ސަރުކާރާއި ޖަމާއަތްތަކާއި އެ ގައުމުގެ ރައްޔިތުން ރެފިއުޖީންނަށް އެހީތެރިވުމުގައި ގެންގުޅޭ ދީލަތިކަން ހަނދާން ބަހައްޓާށޭ! އަދި ރޮހިންޔާގެ މުސްލިމުންނާއި ބަންގްލަދޭޝްއަށް އެހީތެރިވުމުގައި ދީލަތިވާށޭ!" މާކް ވިދާޅުވި އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން އދ. ގެ 20 ބޭފުޅަކު ހިމެނި ވަޑައިގަންނަވާ ވަފުދެއް ރެފިއުޖީ ކޭމްޕްތަކަށް ޒިޔާރަތްކޮށް އެތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލު ބެލި އެވެ.

ކޭމްޕުތަކަށް ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އދ. ގެ ހައި ކަމިޝަނާ ފޯ ރެފިއުޖީޒް ފިލީޕޯ ގްރާންޑި ވިދާޅުވީ ރޮހިންޔާ މައްސަލައަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ މައްސަލަ ކަމަށާއި ކަންތައްތަކެއް ރަނގަޅުވެފައިވާ ކަމަށް ފެނުނު ނަމަވެސް އެތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

އަދި ކުރިއަށް އޮތް މޫސުމަކީ ބަންގްލަދޭޝްއަށް ބޯކޮށް ވިއްސާރަ ކުރާ މޫސުމަށް ވުމުން ރެފިއުޖީ ކޭމްޕުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މުހިންމުކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިޔަންމާގެ 700،000 އަށްވުރެ ގިނަ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝް އާއި އެހެން ގައުމުތަކަށް ހިޖުރަ ކުރަން ފެށީ މިއަންމާގެ ބުޑިސްޓުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ރޮހިންޔާ ދަރިފަސްކޮޅަށް ނިސްބަތްވާ މުސްލިމުންނަށް އަމާޒުކޮށް ހިންގަން ފަށާފައިވާ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކާ ގުޅިގެނެވެ.

މިހާތަނަށް އައި އިރު ހަމައެކަނި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ވެސް 1.2 މިލިއަނަށްވުރެ ގިނަ މީހުން ތިބިކަމަށް އދ. ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.