ނިއުމާ މުހައްމަދު

ނިއުމާ އެމްއާރްއެމާ ގުޅިއްޖެ

ފިލްމީ ތަރި ނިއުމާ މުހައްމަދު މޯލްޑިވްސް ރީފޯމް މޫމެންޓް (އެމްއާރްއެމް) އާއި މިރޭ ގުޅިއްޖެ އެވެ.

އުފައްދަން މަސައްކަތް ކުރާ އެ ޕާޓީއާ ނިއުމާ ގުޅުމުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔުމް ވަނީ ނިއުމާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނިއުމާ ސިޔާސީ މައިދާނަށް ނުކުތީ 1 ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ހާލަތު އިއުލާން ކުރުމުންނެވެ. އޭރު އޭނާ ބުނެފައިވަނީ، ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ހައްގުބަސް ބުނަން އެއްވެސް ފެންވަރެއްގެ ޑިގްރީ އެއް އޮންނަން ނުޖެހޭ ކަމަށެވެ.

މައުމޫން މިރޭ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، ނިއުމާގެ ފިލްމުތަކުން ރާއްޖޭގައި ހުރި އިޖްތިމާއި ކަންބޮނޑުވުންތަށް ވަރަށް ސިފަ ކޮށްދީފައިވާ ކަމަށެވެ، އަދި ނިއުމާއަކީ އެމްއާރްއެމް ކުރިއެރުވުމަށް ކޮންމެހެންވެސް ބޭނުންވާ މީހެއް ކަމަށެވެ.