ވިޔަފާރި

މިފްކޯ އައިސް ޕްލާންޓް އަޅަން ކޮލަމާފުށިން ބިން ހަވާލުކޮށްފި

Jul 14, 2015

މިފްކޯ އިން ގއ. ކޮލަމާފުށީގައި އައިސް ޕްލާންޓެއް އަޅަން، އެ ރަށު ކައުންސިލުން ބިން ހަވާލު ކޮށްފި އެވެ.

މިފްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ މަސްވެރިން ނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އައިސް ޕްލާންޓުގެ ސަބަބުން ގއ. އަތޮޅާއި އުތުރުގެ މަސްވެރިންނަށް އިތުރު ފަސޭހައެއް ލިބިގެން ދާނެ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކޮލަމާފުށީގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމް ކުރާނެ ކަމަށެވެ.

މިފްކޯއިން ދަނީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި އައިސް ޕްލާންޓްތައް ގާއިމް ކުރުމަށެވެ. މި މަޝްރޫއަށް މިފްކޯ އިން 18 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ޕްރޮޖެކްޓަށް ސަރުކާރުން 15 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވެ އެވެ.